ފުލުހުންގެ 36 ވަނަ ތަމްރީނު ޕްރޮގްރާމް ނިންމަން ރޭ ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕޮލިސް)

ފުލުހުން

ކޮމިޝަނަރު ޝުޖާއުގެ ހިޔާލަކީ ކޮންމެ ރަށެއްގެ ބަނދަރުގައި ފުލުހަކު ބެހެއްޓުން

ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ބޮޑުވެފައިވާ މި ދުވަސްވަރު، ފުލުހަކު ފެންނަން ހުރެއްޖެނަމަ ފާޅުގައި މަސްތުވާތަކެތި އެތެރެކުރަން އެކަން ކުރާ މީހުން ޖެހިލުންވާނެ ކަމަށް

އާންމުންނަށް ފެންނަ ހިސާބުގައި ޔުނިފޯމް އެޅި ފުލުހަކު އަބަދުވެސް ފެންނަން ހުރުމަކީ އެތައް މައްސަލައެއް ހައްލުވެގެންދާނެ ކަމެއް ކަމަށާއި ރަށްރަށަށް މަސްތުވާތަކެތި އެތެރުވުން ހުއްޓުވަން ބަނދަރުގައި ފުލުހަކު ބެހެއްޓުމަކީ ހެޔޮ ބަދަލަކަށް ވާނޭ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝުޖާއު މިހެން ވިދާޅުވ،ީ އަލަށް ފުލުހުންގެ ހިދުމަތާ ގުޅުނު ފުލުހުންނަށް އައްޑޫގައި ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމުމަށް ރޭ ޕޮލިސް އެކަޑަމީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލް - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކޮންމެ ރަށެއްގެ ބަނދަރުގައި ފުލުހަކު ހުންނަން ރައްޔިތުން އެދޭ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވަބާ ބޮޑުވެފައިވާ މި ދުވަސްވަރު، ފުލުހަކު ފެންނަން ހުރެއްޖެ ނަމަ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އެކަން ކުރާ މީހުން ޖެހިލުންވާނެތީ ކަމަށެވެ.

"މަސްތުވާތަކެތި ރާއްޖޭގެ ގިނަ ރަށްރަށަށް އެތެރެވަނީ ކަނޑުމަގުން، ކޮންމެ ރަށެއްގައި ވެސް ލަފާ ފުރުމަށް ވަކިތަނެއް [ބަނދަރެއް] ހުރޭ. އެސަރަހައްދުގައި އަބަދުވެސް ފުލުހަކު ހުރުމަށް ރައްޔިތުން އެދޭ. ސަބަބަކީ ޔުނީފޯމް އެޅި ފުލުހަކު ފެންނަން ހުރުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއް،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ: 

  • ޝައްކުކުރެވޭ މީހުން އޮންނަ އުސޫލުގެ ދަށުން ބަލައިފާސްކުރާ ހިސާބުން އެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރެވޭ މިންވަރު ވަރަށް ބޮޑަށް ހުއްޓުވޭނެ

  • މަސްތުވާތަކެތި ހުއްޓުވަން ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންޖެހޭ ހިސާބަށް އޭގެވަބާ ވަނީ ބޮޑުވެފައި

  • ޑިއުޓީގެ ގިނަ ވަގުތު ފުލުހުން ރައްޔިތުންނާ އެކު ހޭދަކުރަން ޖެހޭ ކަމަށް ދެކެން

  • މަގުތަކުގައި އަމާންކަން ގާއިމް ކުރެވެން ވެސް އޮތީ އެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން 

  • މަގުތައް ކާރޫބާރޫ ބޮޑުވާ ގަޑީގައި އަމިއްލަ އަށް އިސްނަގައިގެން ފުލުހުން މަގުތަކަށް ނުކުންނަން ޖެހޭ

  • ހަމަހަމަކަމާ އެކު ގާނޫނުތައް ތަންފީޒުކުރާތަން އާންމުންނަށް ފެންނަން ޖެހޭ، އެ އިހުސާސް ވާންޖެހޭ

  •  ކަންކަން ހައްލުކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރުމަކީ އެންމެ ފަހުން ކުރާކަމެއްގެ ގޮތުގައި ހަދަން ޖެހޭ

ގުޅުންހުރި - ޝުޖާއު އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން ދުރުކުރެވޭނީ ވެސް އެ އިދާރާގެ ތެރޭގައި ހަދާފައިވާ އުސޫލުތަކުގެ ތެރެއިން ކަންކަން ކޮށްގެން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯދޭނީ ވެސް ފުލުހުންގެ އަމަލުތައް ރަނގަޅަށް ބަހައްޓައިގެން ކަމަށް ވެސް ވިދާޅުވެ ފުލުހުންނަށް ނަސޭހަތް ދެއްވި އެވެ. 

ކޮމެންޓް (1)

އަލިބެ...

30 މޭ 2024
ކޮމިޝަނަރަކީ ޚިޔާލުދޭން ޖެހޭ މީހެއްނޫން ތިކަމުގައި. ބޭކާރު އަގަނުތަޅައި ފުލުހުން ފޮނުވަން ހުރިމީހާ. ތަނެއްގަ ހިރު ތަޢުލީމީ ބޮލެއް ހަމަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް