ދިވެހި ބަހާއި ތަރިކާއާ ބެހޭ މިނިސްޓަރު އާދަމް ނަސީރު (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
'ޅެން ފަރުވާ' ކްލިނިކަކާއި 'ށ' އިން ފެށޭ ބަސްތަކެއް ހަދާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
'ޅެން ފަރުވާއަށް' އައިޖީއެމްއެޗުގައި ކްލިނިކެއް ހަދަން ރައީސް މުހައްމަދު މުއިއްޒަށް ހުށަހެޅުއްވި ވާހަކައާއި 'ށ' އިން ފެށޭ ފަސް ބަސް ހަދަން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން ދާ ވާހަކަތައް ދިވެހި ބަހާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދޮގުކުރައްވައިފަ އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ އެ ވާހަކަތައް ފަތުރަމުން ދަނީ ދޮގު ވާހަކަތައް ދައްކައިގެން އާމްދަނީ ހޯދާ ބްލޮގްތަކުން ކަމަށެވެ.
ތަފްސީލް - މިނިސްޓަރު ވިދާޅުވި ގޮތުގައި ދޮގު މައުލޫމާތު ފަތުރާ ބްލޮގްތަކާ މެދު ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެވެވެ.
"ވޭތުވެދިޔަ ހަފުތާގައި ދެކެވުނު ދެ ވާހަކައެއް. އެއް ވާހަކައަކީ އައިޖީއެމްއެޗްގައި ކްލިނިކެއް ހަދާ ވާހަކަ. އެއީ ދޮގެއް. މިވުޒާރާއާ ގުޅޭ ދެވަނަ ވާހަކައަކީ 'ށ'އިން ފެށޭ ބަސްތަކެއް، ލަފުޒުތަކެއް އުފައްދަން އަޅުގަނޑު ޕީއެސްއެމްއަށް އިންޓަވިއުއެއް ދެއްވި ވާހަކަ. ރެކޯޑިން ބެއްލެވީމަ އެނގިލައްވާނެ އެ ނެތްކަން. އެއީ އަޅުގަނޑު ނުދައްކާ ވާހަކައެއް،" އާދަމް ނަސީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހާއްސަކޮށް އަޅުގަނޑު އެއްޗެއް ތަނެއްގައި ބުނެފިއްޔާ [ހާއްސަކޮށް މިކަހަލަ ތަނެއްގައި]، އެވާހަކަ އަޅުގަނޑުމެންގެ ވެބްސައިޓްގައި އޮންނާނެ، އެ ވެބްސައިޓް ބައްލަވާލެއްވީމަ ހަގީގަތް ސާފުވާނެ]."
އެ ވާހަކަތައް ފެތުރުމާ އެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމަށް ޖޯކުޖަހައި ފާޑުކިޔައިފަ އެވެ. ބައެއް މީހުން އެވާހަކަތައް ގަބޫލުކުރި އެވެ.
ދިވެހި ބަހުގައި ހިމެނޭ 'ށ' އަކުރުން ފެށޭ ބަހެއް ނޯވެ އެވެ. އެއީ ދިވެހި ބަހުގައި ވަރަށް ހާއްސަ އަޑެއް ހިމެނޭ އަކުރެއް ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ. 'ށ'ގެ އަޑު ނުކުންނަ ގޮތް، އެހެން ބަސްތަކުގެ އަކުރުތަކާ ވެސް މުޅިން ތަފާތު ކަމަށް، ދިވެހި ބަހުގެ ތަޖުރިބާކާރުން ކުރިންސުރެ އަންނަނީ ގަބޫލުކުރަމުންނެވެ.