ރަސްރަނި ބަގީޗާ. މިނިސްޓަރު ވިދާޅުވީ ތަފާތު ތަޖުރިބާއެއް ލިބޭ ތަނަކަށް ބަދަލުކުރާނެ ކަމަށް. (ފޮޓޯ/ މިހާރު)
ދިވެހި ސަގާފަތް ތަޖުރިބާކުރެވޭ ގޮތަށް ރަސްރަނި ބަގީޗާ ބަދަލުކުރަނީ
ކުރީގެ އުސްގެކޮޅު އިންޓެރެކްޓިވް މިއުޒިމަކަށް ބަދަލުކޮށް ރޭގަނޑު ރަސްރަނި ބަގީޗާއަކީ ކުދިންނަށް ދިވެހި ސަގާފަތުގެ މުޅިން ތަފާތު ތަޖުރިބާއެއް ލިބޭނެ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ދިވެހި ބަހާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ އެ މިނިސްޓްރީން ކުރަމުންގެން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - މިނިސްޓަރު އާދަމް ނަސީރު މިއަދު ވިދާޅުވީ އެމަސައްކަތް ކުރުމަށް ބޭރުގެ ފަރާތްތަކާ ވާހަކަ ދައްކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ފޮނުފައިވާ ކަމަށެވެ.
"ރައީސްގެ އިސްނެންގެވުމެއް އުސްގެކޮޅު އިންޓެރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރުން، ހަމައެއާ އެކުގައި މުޅި ޕާކު އިމާސިވް އެކްސްޕީރިއަންސްއެއް ލިބޭގޮތަށް މުޅި ރޭގަނޑު ބަދަލުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ
-
މިދައުރު ނިމުމުގެ ކުރިން ޕާކު ނިންމާނެ
-
ބޭރުގެ ފަރާތްތަކާ އެކު މަސައްކަތް ކުރި ނަމަވެސް ދިވެހިވަންތަކާއި ދިވެހިންގެ އަސްލުވަންތަކަން ހިމެނޭނެ
-
ގައުމީ ރެސްޓޮރޭޝަން ލެބެއް ހެދުމުގެ މަސައްކަތް ބޭރުގެ ފަރާތްތަކާ އެކު އަންނަނީ ކުރަމުން
މިއަދުގެ ނޫސްކޮންފަރެންސްގައި މިނިސްޓަރު ވަނީ ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކުރަން ކުރެއްވި ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާ އެކު، އެ ކަމުގައި އެ މަނިކުފާނު ބޭނުންކުރެއްވި ކަޅުއޮށްފުންމިގެ ނަކަލު ގިނަ ބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ
-
ކަޅުއޮށްފުންމީގެ ހަރުގެ، ފަރުމާކޮށްފައިވާ ގޮތަށް ބައްޓަން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް
-
އެތަނަށް ބޭނުންވާ ސްކްރީންތައް ވަނީ ލިބިފައި
-
މިހާރުގެ ކުދިންނަށް ކަމުދާނެ ގޮތަށް ކަޅުއޮށްފުންމީގެ ވާހަކަ ލިޔެ ފޮޓޯތައް ކުރެހުމުގެ މަސައްކަތުގެ 80% ނިމިއްޖެ