ކުރިން ބޭއްވި ޓޮޕް އެޗީވާސް އެވޯޑްގެ ތެރެއިން: ރައީސްގެ ސްކޮލޮޝިޕަކީ ދަރިވަރުންގެ ވަރަށް ބޮޑު އުއްމީދެއް (ފޮޓޯ: ޕީއެސްއެމްނިއުސް)
ރައީސް ދެއްވާ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މިިދިޔަ އަހަރު އޭ ލެވެލް ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން އެ ސްކޮލަޝިޕަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ބޭނުންވާ ކުދިން 31 ޖުލައި 2024ގެ މެނދުރު 1:30 ކުރިން ފޯމް ހުށައެޅުމަށެވެ.
ތަފްސީލް - އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ސްކޮލަޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން، ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭނެ އެވެ.
މިދިއަ އޭ ލެވެލްގައި މުޅި ރާއްޖެއިން ރައީސްގެ ސްކޮލޮޝިޕަށް ކޮލިފައިވާ ވަރަށް ފާސްވީ 16 ދަރިވަރެކެވެ. އެއީ:
-
ސީއެޗުއެސްއީގެ ހަ ދަރިވަރުން
-
ވިލާ ހައި އިންޓަނޭޝަނަލް ސްކޫލްގެ ހަ ދަރިވަރުން
-
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހަތަރު ދަރިވަރުން
މި ސްކޮލަޝިޕް ދިނުމުގައި ބަލާނެ ޝަރުތުތަކަކީ:
-
ރާއްޖޭގެ ސްކޫލަކުން މިދިޔަ އަހަރު އޭ ލެވެލް ހެދި ދަރިވަރަކަށް ވުން
-
ދިވެހި ދަރިވަރެއް ނަމަ ދިވެހި، އިސްލާމް ހިމެނޭހެން 5 މާއްދާއިން A* ފާސް ލިބިފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އައިޖީސީއެސްސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ފާހެއް ލިބުން
-
އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކުން އޭ ލެވެލް ހެދި ދަރިވަރެއް ނަމަ ޝަހާދާ ސާނަވީ އިމްތިހާނުން ފައިނަލް އެވްރެޖްގައި '*A' ފާހެއް ހޯދާފައިވުން އަދި އެޗްއެސްސީ ދިވެހި މާއްދާއިން '*A' ހޯދާފައިވުން. ޖީސީއީ އޯ ލެވެލް/އައިޖީސީއެސްސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން
-
ނުވަތަ އަރަބިއްޔާ ސްކޫލުން ޝަހާދާ ސާނަވީ އިމްތިހާނުން 1 ވަނަ ހާސިލްކޮށްފައިވުން
ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ބޭނުންވާ ކުދިން އެކަމަށް އެދި ލިޔުންތައް ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީގެ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.
ރައީސްގެ ސްކޮލޮޝިޕްގެ އިތުރުން އޭ ލެވެލްއިން ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ހައި އެޗީވާސްގެ ނަމުގައި ވެސް ސަރުކާރުން ސްކޮލިޝިޕް ޕްރޮގްރާމެއް ހިންގަ އެވެ. މިއީ ވެސް ދުނިޔޭގެ ކޮންމެ ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭ ސްކީމެކެވެ.