އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން މިއަދުގެ ޝަރީއަތުގައި
އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ވިޝާމްގެ މައްޗަށް ކުށް ސާބިތެއްނުވި
އެމްއެމްއޭ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގައި ދައުވާކޮށްފައިވާ އިބްރާހިމް ވިޝާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - ގދ. ފަރެސްމާތޮޑާ، އާގިލްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ 31 އޮގަސްޓް 2018ގައި، ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެމްއެމްއޭ ކައިރިން އެއް ނަމްބަރު ފާލަން ސަރަހައްދަށް އޭނާ ފޭބިތަނާ އެ ތަނުގައި ތިބި ބަޔަކު ވަޅިން ހަމަލާ ދީގެންނެވެ.
ތަފްސީލް - އެ މައްސަލައިގައި ވިޝާމްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ވިޝާމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމާފައިވާ ސަބަބެއްގެ ގޮތުގައި މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ގާޒީ އަލީ އާދަމް، ހުކުމް ކުރަމުން ބުނެފައިވަނީ އެ ދައުވާތައް ސާބިތުކުރަން ފުލުހުން ހުށަހަޅާފައިވާ، ހެކި ގަރީނާތަކުން، އެ ކުށުގައި އެ މީހުން ބައިވެރިވެފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.
އެގޮތުން ހުކުމްގައި ވަނީ:
-
އާގިލް މަރާލި ދުވަހު އޭނާ މާލެ އަންނަން ލޯންޗު ހަމަޖައްސައިދިން ކަމާއި އޭނާއާ އެކު މާލެ އައި "ސްކަލް ރައިޑާ" ލޯންޗުގައި އިނދެ އެ ލޯންޗު އެމްއެމްއޭ ކައިރިއަށް ލަފާނެ ކަމުގެ މައުލޫމާތު އަހްމަދު މާހިރު, ސްވީޓްމީޑް/ކ. މާފުށި އަށް ދިންކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް
-
އެ ދުވަހު އެ ލޯންޗު އާގިލް އާއި އިތުރު ބަޔަކާ އެކު މާލެއަށް ދަތުރުކޮށްފައިވޭ
-
މާލެ ފޭބުމާ އެކު އާގިލްއަށް ބަޔަކު ހަމަލާދިން ނަމަވެސް އެމީހުންނާ ވިޝާމް އާއި އެއްވެސް ގުޅުމެއް އޮތް ކަމަކަށް އެނގެން ނެތްކަން
-
ލޯންޗުން ފޭބުމަށް ފަހު ވިޝާމްގެ އަމަލުތައް ހުރި ގޮތް އެއްވެސް ހެއްކެއްގެ ބަހުން ތަފްސީލާ އެކު އެނގެން ނެތްކަން
-
ވިޝާމް އާއި އާގިލްއާ ދެޏމީހުންނަކީ އެކަކު އަނެކަކު ދަންނަ ދެ މީހުންކަން އެނގެން ނެތުން
-
ހާދިސާގެ ކުރިން އާގިލް އާއި ވިޝާމްއާ ދެ މީހުންގެ ދެމެދު އެއްވެސް ދެބަސްވުމެއް އުފެދިފައިވާކަމަށާއި އަދި ވިޝާމް އާގިލްއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ދައްކާފައިވާކަން އެނގެން ނެތްކަން
-
އެދުވަހު އާގިލް މާލެ އަންނަން ލޯންޗު ހަމަޖައްސައިދިނީ ކާކުކަމާއި އާގިލު ފުލިދޫގައި ހުރި ގެސްޓްހައުސް އިން ވިޝާމްއާ ބައްދަލުކޮށްފައިވާކަން އެނގެން ނެތްކަން
ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާއި ގުޅޭ ގޮތުން ޝަރީއަތުން ބުނީ
-
އޭޑީކޭގެ މެޑިކޯ ލީގަލް ރެކޯޑަށް ބަލާއިރު އާގިލުގެ މޭ މަތީގައި ދެ ސެންޓިމީޓަރު ހުންނަވަރުގެ ޒަހަމެއް ހުރިކަން އެނގެން އޮވޭ
-
އޭޑީކޭ އިން ތައްޔާރުކޮށްފައިވާ، އާގިލްގެ "ސީޓީ ތޮރެކްސް (ޕްލައިން) ރިޕޯޓު" އިން އާގިލްގެ މޭގެ ވައަތުގެ ދެވަނަ އަދި ތިންވަނަ މޭކަށިގަނޑު ކަށިތަކުން ކުރިމަތިން ކައްޗަށް ރޮނގެއްހެން ކުރަކި ބާގަނޑެއް މޭގެ ތެރެއަށް ފުންކޮށް ހެދިފައި ހުރިކަމާއި މީގެ ސަބަބުން ދިމާވެފައިވާ އިތުރު ގެއްލުންތައް ރިޕޯޓުގައި ބަޔާންކޮށްފައިވާކަން އެނގެން އޮވޭ
-
އާގިލްގެ "މަރު ސާބިތުކުރިކަމުގެ ލިޔުން" ގައި އޭނާ "މަރުވެފައިވަނީ ތޫނު އެއްޗެއްގެ ސަބަބުން ފުއްޕާމެއަށާއި ހިތަށް ތޫނު އެއްޗަކުން ލިބުނު އަނިޔާގެ ސަބަބުން" ކަމަށް ބަޔާންކޮށްފައިވޭ
-
ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓުގައި އާގިލްގެ ވައަތް ފަރާތު މެޔާއި ދިމާލުން މައްޗަށް ވާގޮތަށް ގާތްގަނޑަކަށް 1.5 އިންޗިހާ ތަން ކަނޑައިގެން ގޮސްފައިވާކަމާއި އާގިލް ލައިގެން ހުރި ގަމީހުގެ ވައަތް ފަރާތު މޭމައްޗަށްވާ ގޮތަށް ގާތްގަނޑަކަށް އެެއް އިންޗި ހުންނަވަރުގެ ތަންކޮޅެއް ކަފައިގެން ގޮސްފައި ހުރިކަން އެނގޭ
-
އެ ރިޕޯޓުގައި ހާދިސާ ހިނގި ސަރަހައްދުން މާއްދީ ހެކި ނަގައި، އެތަކެތީގެ ފޮޓޯ ހިމަނާފައިވާކަން އެނގޭ
-
ފުލުހުން ކުރާ ޑީއެންއޭ ތަހްލީލު ރިޕޯޓުގައި ތަހްލީލުކުރި ހަތަރު އެވިޑެންސްއެއް އާގިލްގެ ޑީއެންއޭއާ ދިމާވާކަން އެނގޭ، އަދި އާގިލް ލައިގެން ހުރި ގަމީހުން މިކްސްޑް ޑީއެންއޭއެއް ފެނުނަސް އެއީ ކާކުކުގެ ޑީއެންއޭއެއް ކަމެއް ނޭނގޭ ކަމަށް ބަޔާންކޮށްފައިވޭ
-
ފުލުހުންގެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓަށް ބަލާއިރު ފޫޓޭޖުތަކުން މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް މީހަކާ އެކު އަދި އާގިލްއާ އެކު ވެސް ވިޝާމް ފެނިފައި ނުވާކަން އެނގެން އޮތް.
-
މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ފުޓޭޖުންތަކުން ފެންނަ މީހަކީ ވިޝާމްކަމަށް ބެލެވޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮވޭ
-
ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ވިޝާމްއަކީ މަސްއޮޑި ގްރޫޕަށް ނިސްބަތްވާ މީހެއް ކަމާއި އެ ގްރޫޕަށް ނިސްބަތްވާ އެހެން ދެ މީހަކާއި ވިޝާމްއާ ގާތް ގުޅުމެއް އޮންނަ ކަމަށް އަދި އާގިލް މަރާލަން ވޯންޓެޑް ގްރޫޕަށް ނިސްބަތްވާ ހަމްދޫން އަދި މިޖުވާދު (މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަނެއް ދެ މީހުން)އަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ އެމީހުން މެދުވެރިކޮށް ކަމަށް ބަޔާންކޮށްފައިވޭ
-
ނަމަވެސް ވިޝާމްއާ އެ ދެ މީހުންނާ އޮންނަ ގުޅުން ސާބިތުކުރެވޭ ހެއްކަކަށް ދައުލަތުން ހުށަހަޅާފައިވަނީ އާގިލް މަރާލި ދުވަހު ވިޝާމްގެ ފޯނުން ކޮށްފައިވާ ފޯނު ކޯލުގެ ޑީޓެއިލް ޗާޓެއް ކަމަށް
-
ފޯނު ކޯލުގެ ތަފްސީލުން ދައުވާ އުފުލާފައިވާ އެއްވެސް މީހަކަށް މުއާމަލާތު ފޯޯރުކޮށްފައިވާކަން އެނގޭކަށް ނެތް
-
ނަމަވެސް ހާދިސާ ހިނގި ފަހުން އެރޭ މަސްއޮޑި ގްރޫޕުން ވިޝާމްއާ ގާތް ގުޅުމެއް އޮންނަ ކަމަށް ފުލުހުންގެ ރިޕޯޓުގައި ބުނެފައިވާ ދެ މީހުންނާ މުއާމަލާތުކޮށްފާކަން އެނގެން އޮވޭ
-
ނަމަވެސް ކުރެވުނު މުއާމަލާތާ ގުޅޭ އެއްވެސް މައުލޫމާތެއް މައްސަަލައިގެން ތެރޭން ފެންނަން ނެތް ކަމަށާއި، އެ ދުވަހު މާލެ އައި ލޯންޗުގައި ހޭދަކުރި ވަގުތުތަކުގައި ވިޝާމް ފޯނު ބޭނުންކުރިކަން އެނގެން އޮތް ނަމަވެސް އެވަގުތުތަކުގައި މިއިން ފަރާތަކާއި މުއާމަލާތްކޮށްފައިވާކަން އެނގޭކަށް ނެތް.
އެ މައްސަލާގައި ކުރި ދައުވާތައް:
-
ހަމްދޫން ހަމްޒަތު (ލ. ފޮނަދޫ، ހިޔާ) - ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ
-
އަލީ މިޖުވާދު މާލިކް (އައްޑޫ ހިތަދޫ، ސްވޭހުހީނާގެ) - ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ
ހަމްދޫން އާއި މިޖުވާދުގެ ބައި އަދިވެސް ކޯޓުގައި ހިނގަމުން ދާއިރު ދެން އޮތީ ހުކުމް ކުރުމުގެ މަރުހަލާ އެވެ.
ކޮމެންޓް (1)
ތާތު