ވިއްސާރައިގައި ކަނޑު ގަދަ ދުވަހެއް. (ދައުރު ފޮޓޯ)
ސަމާލުވޭ؛ ކުރިއަށް އޮތީ ވައި ބާރުވެ، ކަނޑު ވަރަށް ގަދަ ވާނެ ދުވަސްތަކެއް: މެޓް އޮފީސް
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާން ފަށާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މެޓް އޮފީހުން ލަފާކުރަނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށެވެ.
ތަފްސީލު - މޫސުމާ ބެހޭ ތަފްސީލު ހިއްސާކޮށް މެޓް އޮފީހުން ލަފާކުރާ ގޮތުގައި:
-
އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިި ވައިޖެހޭނެ
-
ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑު ގަދަވާނެ
-
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވޭ
Southwest monsoon is likely to intensify over the Maldives in the coming days. pic.twitter.com/bcPSoDyK6f
— Maldives Meteorology (@MetMaldives) May 15, 2024
"ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ،" މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.
"އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ދަންނަވަމެވެ."
ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް
މެޓް އޮފީހުގެ އިލްތިމާސްއާ އެކު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު މޯލްޑިވްސް (އެންޑީއެމްއޭ)އިން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް ހިއްސާކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
-
ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން؛ މިސާލަކަށް ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
-
ގޭތެރޭގައި ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުންވެދާނެ ފަދަ މުދާ، ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން؛ މިގޮތަށް ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
-
ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލައިލަފާނެ ކަމަށް ލަފާ ކުރެވޭ ނަމަ، ދުރާލައި ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލައިނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުން
-
ގަދަވައިގެ ސަބަބުން އެއްލައިލާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
-
ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
މީގެ އިތުރުން ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުމަށް ވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް (1)
ޖޮސްކޯ ގްވާޑިއޫލް