މިނިސްޓަރު އައިޝަތު ޝިހާމް 'ދައުރު' އަށް ދެއްވި އިންޓަވިއު އެއްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ)

އައިޝަތު ޝިހާމް

ގައުމުގެ ތަރައްގީގެ އަސްލަކީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަން: މިނިސްޓަރު

ކޮންމެ ހާލަތެއްގައި ވެސް އާއިލީ ގުޅުން ބަދަހިކޮށް އެކަކު އަނެކަކަށް އަޅާލާ އެހީތެރިވުމަށް މިނިސްޓަރު ގޮވާލެއްވި

މުޖުތަމައުގެ ކުރިއެރުމާއި ގައުމުގެ ތަރައްގީގެ އަސްލަކީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަން ކަމަށް ވިދާޅުވެ، އާއިލީ ގުޅުން ބަދަހިކުރަން ސޯޝަލް މިނިސްޓަރު އައިޝަތު ޝިހާމް ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގަ އެވެ.

ބުނީ ކީކޭ؟ - "އޯގާތެރި މުޖުތަމައެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި އާއިލާއެވެ. އަޅުގަނޑުމެންގެ އާއިލާތަކަކީ އަހުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓާ، އެކަކު އަނެކަކަށް އަޅާލާ އޯގާތެެރި، އެހީތެރި، ކުލުނުވެރި، އެންމެން އެކުގައި ގުޅިގެން އުޅޭ އާއިލާތަކަކަށް ވާންޖެހެއެވެ،" އާއިޝަތު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މުުޖުތަމައުގެ ކުރިއެރުމާއި ގައުމުގެ ތަރައްގީގެ އަސްލަކީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމެވެ. 

"އަޅުގަނޑުގެ އެދުމަކީ މިއަދަކީ، އަދި ހަމަ ކޮންމެ ދުވަހަކީ ވެސް، ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ އާއިލާއަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ދުވަހަަކަށްވުމެވެ. 'ފުރަތަމަ އާއިލާ' މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އިސްކުރާ ސިޔާސަތަށްވުމެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް މައިންބަފައިންނަށް އަޅާލާ ބަޔަކަށްވުމެވެ. ބޮޑުބޭބެއިންނާއި ބޮޑުދައިތައިން، އެއްބަނޑު އެއްބަފާ ބޭބެއިންނާއި ދައްތައިން އަދި ކޮއްކޮއިންގެ ހާލުބަލާލާ ބަޔަކަށްވުމެވެ. ދަރިންނާއި އަނބިން އަދި ފިރިންނަށް ވަގުތުދޭ، އެމީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް އިސްކަންދޭ ބަޔަަކަށްވުމެވެ."

މީގެ އިތުރުން، އެކި ސަބަބުތަކާހުރެ އާއިލާ ރޫޅި، ދެމަފިރިން ވަކިވާން ޖެހޭ ހާލަތު ދިމާވެފައިވާ އާއިލާތަކުން ވެސް، އެ އާއިލާތަކުގެ ކުދިންނާ އެކުދިންގެ މައިންބަފައިންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް