ފުޅަދޫ ބޭރުގައި އޮންނަ ހިތްގައިމު މުރަކަ ބަގީޗާ: ރާއްޖެއިން ބްލޫ ކާބަން ކްރެޑިޓް އުފެއްދޭނެ (ދައުރު ފައިލް ފޮޓޯ/ނާއިޝް ލަތީފް)

ތިމާވެށި

ކާބަން ކްރެޑިޓްސް ވިއްކަން އައިޓީއެފްސީއާ އެކު މަޝްރޫއެއް ހިންގަނީ

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުތަކުން ބްލޫ ކާބަން ކްރެޑިޓް އުފެއްދޭތޯ ބަލައި ބޭރު ދުނިޔޭގެ ކާބަން މާކެޓުތަކަށް އެ ކްރެޑިޓް ވިއްކަން މަސައްކަތް ކުރާނެ

ރާއްޖޭގެ އިކޯސިސްޓަމްތަކުން ބްލޫ ކާބަން ކްރެޑިޓް އުފައްދޭނެތޯ ބަލާ، ބޭރު ދުނިޔޭގެ ކާބަން މާކެޓުތަކަށް އެ ކްރެޑިޓް ވިއްކުމުގެ މަސައްކަތްކުރަން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީން) ރާއްޖެއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ފަހުމުނާމާގައި ސޮއިކުރީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ މި އަހަރުގެ އަހަރީ ބައްދަލުވުންތަކުގެ ތެރެއިންނެވެ. އެގޮތުން:

  • ރާއްޖޭގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު

  • އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސަލީމް ސޮންބޮލް

ބުނީ ކީކޭ؟ - އައިޓީއެފްސީ އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ފަހުމުނާމާގެ ދަށުން 'ބްލޫ ކާބަން ޕްރޮޖެކްޓް'ގެ ނަމުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއުގެ އަމާޒަކީ ރާއްޖޭގެ ކަނޑުފަޅުތަކުން ބްލޫ ކާބަން ކްރެޑިޓް އުފެއްދޭތޯ ބަލައި ބޭރު ދުނިޔޭގެ ކާބަން މާކެޓުތަކަށް އެ ކްރެޑިޓް ވިއްކަން މަސައްކަތް ކުރުމެވެ.

މިއީ، އެ ކުންފުނިން ބުނި ގޮތުގައި، އައިއެފްޓީސީގެ ސްޓްރެޓީޖިކް އެންވަޔަރަމެންޓަލް، ސޯޝަލް އަދި ގަވަނެންސް (އީއެސްޖީ)ގެ އަމާޒުތަކާ ވެސް އެއްގޮތްވާ ގޮތުގެ މަތިން ކުރާ މަސައްކަތެކެވެ.

އެނގުން މުހިއްމު - ކާބަން ކްރެޑިޓްސް އަކީ ކަނޑުފަޅުތަކާއި ކުޅިފާޗަސްބިމާއި މޫދުވިނަ ފަދަ އިކޯސިސްޓަމްތަކުގައި ކާބަން ރައްކާކޮށްފައި ހުންނަ މިންވަރު ދެނެގަތުމަށް ފަހު، ދުނިޔޭގެ ބާޒާރުގައި ވިއްކަން ބޭނުންކުރާ 'ޓްރޭޑެބަލް ޔުނިޓް' އެކެވެ. އެގޮތުން:

  • ކާބަން ކްރެޑިޓްސްް ހިސާބުކުރަނީ އިކޯސިސްޓަމްތަކުން ޖައްވުގައިވާ ކާބަންޑައިއޮކްސައިޑް މަދުކުރާ މިންވަރަށް ބަލާފައި

  • ކާބަން ކްރެޑިޓް ގަންނަނީ ޖައްވަށް ގިނައިން ވިހަ ގޭސް ދޫކުރާ ކުންފުނިތަކުންނާއި ގައުމުތަކުން؛ ކާބަން ކްރެޑިޓް ގަނެގެން ކާބަން އެމިޝަންސް ވަކި ހަމައެއްގައި ހިފެހެއްޓޭނެ

ކާބަން ކްރެޑިޓްސް ވިއްކައިގެން ދައުލަތުގެ އާމްދަނީ އަށް 860 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ނެރުނު ފިސްކަލް ސްޓްރެޓެޖީގައި ލަފާކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް