އާސަންދައިން

އާސަންދައިގެ ދަށުން އައިވީއެފް ހަދަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

އާސަންދަ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް ހަފްތާގައި ހުޅުވާލާނެ. މުއްދަތު ހަމަވާނީ ޖުލައި 31 އަށް

އާސަންދައިގެ ހިލޭ އެހީގެ ދަށުން ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް) އަދި އިންޓްރޫޔޫޓްރައިން އިންސިމިނޭޝަން (އައިޔޫއައި) ހަދަން ބޭނުންވާ މީހުން އެކަމަށް އެދެން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މިއަދު ކުރި އިއުލާނެއްގައި ވަނީ އައިވީއެފް އަދި އައިޔޫއައިގެ ފަރުވާގެ ހަރުދަނާ ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފަ އެވެ. މި މުއްދަތު ހަމަވާނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2 ޖަހާއިރު އެވެ. ކުރިން ހުޅުވާލި މުއްދަތު ހަމަވާނީ މިއަދަށެވެ.

ތަފްސީލް - އެ އިއުލާންގައި ވާގޮތުން:

  • އެ ފަރުވާއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ ޝަރުތުހަމަވެ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް 

  • މި ހިދުމަތް ފޯރުކޮށްދޭނީ، އާސަންދަ ސްކީމް މެދުވެރިކޮށް ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި ރާއްޖެއިން ބޭރުން މި ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ މަރުކަޒުތަކުން

މި އެހީއަށް އެދި ހުށަހަޅާނީ 'އައިވީއެފް ނުވަތަ އައިޔޫއައިގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް' ފުރިހަމަކުރުމަށް ފަހު އައިޖީއެމްއެޗު، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އެންސްޕާގެ ކައުންޓަރުތަކަށެވެ. 

އީމެއިލް މެދުވެރިކޮށް ނަމަ، އެންސްޕާގެ އީމެއިލް އަށް، ނުވަތަ ވައިބާ މެދުވެރިކޮށް ނަމަ 7291402 އަށެވެ. އާސަންދަ ޑިޖިޓަލް ޕޯޓަލް  މެދުވެރިކޮށް އޮންލައިންކޮށް ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް ހަފްތާގައި ހުޅުވާލާނެ ކަމަށް ވެސް އެންސްޕާގެ އިއުލާނުގައިވެ އެވެ.

އާސަންދައިން ބުނި ގޮތުގައި އެހީދިނުމާ މެދު ގޮތް ނިންމާނީ:

  • އާސަންދައަށް ފޯމު ލިބޭތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމު ފުރިހަމަކަން ނުވަތަ އިތުރު މައުލޫމާތާއި ލިޔެކިޔުން ބޭނުންވާނަމަ އެކަން އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރީއާއިން ފޯމު ހުށަހެޅި މީހަކަށް އަންގާނެ

  • ފޯމު ބަލައިގަންނަތާ ރަސްމީ 15 ދުވަހުގެ ތެރޭގައި، 'އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު'ގައި ބުނާ ޝަރުތުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، ފޯމު ހުށަހެޅި މީހަކަށް އަންގާނެ

  •  ފޯމު ހުށަހެޅުމަށް ހުޅުވާލާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ 30 ދުވަހުގެ ތެރޭގައި، އެހީ ފޯރުކޮށްދިނުމަށް މި އަހަރަށް ހަމަޖެހުނު މީހުންނަށް އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރީއާއިން އަންގާނެ 

  • އެހީ ލިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމަނުވާނެ ފަދަ ގޮތަކަށް، އެ ލިސްޓު އާއްމުކޮށް ޝާއިއު ކުރާނެ

  • މިއަހަރު އެހީ ހަމަނުޖެހޭ ފަރާތްތަކަށް ޖެހިގެން އަންނަ އަހަރު އެހީއަށް އެދުމުގެ ފުރުސަތު އޮންނާނެ

އެނގުން މުހިންމު - 'އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު'ގައި، އެ ހިދުމަތް ދެވޭނެ މީހުންނާއި ހިދުމަތް ދެވޭނެ މީހުންގެ ޝަރުތުތައް ބަޔާން ކޮށްފައިވެ އެވެ. އަދި، ފަރުވާ ހުއްޓާލެވޭނެ ހާލަތްތަކާއި ފަރުވާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ގޮތުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.

އެގޮތުން އައިވީއެފް ފަރުވާއަށް އެދެވޭނެ މީހުންގެ ޝަރުތުތަކަކީ:

  • އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރުވެފައިވުން

  • ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައި ވުން

  • ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ދަރިމައިވުމަށް ނުކުޅެދިފައިވާތާ ތިން އަހަރުވެފައިވުން

  • ދަރިމައިވުމުގެ އެހެނިހެން ފަރުވާތައް ކާމިޔާބުނުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް އެކަމާ ގުޅޭ ސްޕެޝިލިސްޓަކު ލަފާދީފައިވުން

  • ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުމާއި، ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށް ނުވުން

  • ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން އަދި، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން

  • ފަރުވާ ފަށާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ ހަ މަސް ދުވަސް ވެފައިވުން

  • ދެމަފިރިން ކުރެ އެއްވެސް މީހަކީ ޖިނާއީ ކުށެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން

  • އައިވީއެފް ނުވަތަ އައިޔޫއައި ސްކީމުން މީގެ ކުރިން އެހީ ލިބިފައިވާ މީހަކަށް ނުވުމާއި ފަރުވާގެ ތިން ބުރު ހަމަވެފައިވާ މީހަކަށް ނުވުން

އުސޫލުގައި ވާގޮތުން ކޮންމެ އަހަރެއްގެ ބަޖެޓުގައި، އެ ހިދުމަތަށް އެ އަހަރެއްގައި ހަރަދުވާނެ މިންވަރު ސްކީމް ބޯޑުން ހިމަނަންވާނެ އެވެ. އެ ބަޖެޓަށް ރިއާޔަތްކޮށް އެހީ ފޯރުކޮށްދޭނެ މީހުންގެ އަދަދާއި އެހީއަށް އެދި ހުށަހަޅަން ހުޅުވާލާ މުއްދަތު ކަނޑައަޅާނީ ވެސް ސްކީމް ބޯޑުންނެވެ.

ކޮންމެ އަހަރެއްގައި ވެސް އެ އެހީ ފޯރުކޮށްދޭނެ މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން، ފޯމު ހުށަހަޅާ މީހުންގެ ފޯމުތަކަށް ބެލުމަށް ފަހު، އުސޫލުގައިވާ ޝަރުތުތަކާއި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެ އެންމެ މަތިން ޕޮއިންޓު ލިބޭ މީހުންނަށެވެ. މިގޮތަށް ޕޮއިންޓު ދިނުމުގައި ދެމަފިރިންގެ އުމުރާއި ކައިވެނީގެ މުއްދަތުގެ އިތުރުން އާންމުދަނީ ލިބޭ މިންވަރަށް ވެސް ސްކީމް ބޯޑުން ރިއާޔަތް ކުރަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް