ރޭ އެރި ނަގޫރޯޅީގައި ދިއްދޫގެ 6 ރޯހައުސްއެއްގެ ފުރާޅުވަނީ އެއްލައިލާފައި. (ފޮޓޯ/ ދިއްދޫ ކައުންސިލް)
ހއ. ދިއްދުއަށް ނަގޫރޯޅިއެއްް އަރައި 6 ގެއެއްގެ ފުރާޅު އެއްލާލައިފި
ރޭ ފަތިހު ހއ. ދިއްދުއަށް ކުރި ވިއްސާރާގައި ނަގޫރޯޅިއެއް އަރައި ހަ ގެއެއްގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ވެއްޖެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ވީ ކިހިނެއް؟ - ރޭ ފަތިހު 4 ޖަހާ އެހާކަންހާއިރު ދިއްދޫ ފްލެޓް ސަރަހައްދަށް އެރި ނަގޫރޯޅިއެއްގައި ހަ ގެއެއްގެ ފުރާޅު އެއްލާލައި އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ވަނީ ބުނެފަ އެވެ.
ތަފްސީލު - މިކަމާ ގުޅޭގޮތުން "ދައުރު" އާ ވާހަކަ ދައްކަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ފުރާޅު އެއްލައިލި ގެތަކުގެ ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އެކި ތަންތަނުން ޓިނު ހޯދައިގެން އެ ގޭގޭގެ ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް ކައުންސިލުން އިސްނަގައިގެން މިދަނީ ކުރަމުން. އެ ގެތަކުގެ ސީލިން ހަލާކުވެ ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުތައް އެކީ ކަހަލަ ގޮތަކަށް ވަނީ ހަލާކުވެފައި،" ރަޝީދު ވިދާޅުވި އެވެ.
އިތުރު ތަފްސީލް ދެމުން ރަޝީދު ވިދާޅުވީ
-
ޑިޒާސްޓާ މެނޭޖްމަންޓާ ގުޅިގެން ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް
-
ލިބުނު ގެއްލުންތަކުގެ ތަފްސީލް ލިޔުމުން ޑިޒާސްޓާ މެނޭޖްމަންޓަށް ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުން
އެ ގެތަކުގެ އިތުރުން ވެސް މި ނަގޫރޯޅީގެ ސަބަބުން ރަށުގެ އެކި ހިސާބުތަކަށް ކުދިކުދި ގެއްލުންތައް ވަނީ ލިބިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.