ކަސްޓަމްސް އިން ގިނަ އަދަދެއްގެ ޑޮލަރު ކްލިއާ ކުރަނީ: މިހާރު ގިނަ ސުވާލުތަކެއް ކުރާނެ (ފައިލް ފޮޓޯ)

ކަސްޓަމްސް

ބޭރަށް ގެންދާ ފައިސާ ޑިކްލެއާ ކުރުމުގެ އުސޫލު ހަރުކަށިކޮށްފި

މީގެ ކުރިން ފަސޭހަކަމާ އެކު ގިނަ އަދަދެއްގެ ފައިސާ ޑިކްލެއާ ކުރެވޭ. ނަމަވެސް މިހާރު ފައިސާ ބޭރުކުރެވޭނީ އެ ފައިސާ ހޯދީ ކިހިނެއް، ކޮން ގޮތަކަށް ކަން ސާބިތުކޮށްދީގެން

ރާއްޖެއިން 10،000 ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ބޭރަށް ގެންދާ ހާލަތުގައި ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުކަށި ކޮށްފި އެވެ.

ވީ ކިހިނެއް؟ - ފައިސާ ޑިކްލެއާ ކުރުމުގެ އުސޫލު ކުރިއަށް ވުރެ ހަރުކަށިކޮށް، މިހާރު ތަންފީޒު ކުރަމުން އަންނަ ކަމަށް ވިދާޅުވީ މިއަދު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި، ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދާއިރު ކަސްޓަމްސްއިން އެ ފައިސާ ޑިކްލެއާ ކުރަން ޖެހެ އެވެ. ނަމަވެސް އިހުސާން ވިދާޅުވީ ޑިކްލެއާ ކުރުމުގެ ހަރުދަނާ އުސޫލެއް މިހާތަނަށް ގާއިމްކުރެވިފައި ނުވާ ކަމަށެވެ.

މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން. (ދައުރު ފޮޓޯ/ އަޒްމީ އަހްމަދު)

ބުނީ ކީކޭ؟ - "... ކުރީގައި 10،000 ޑޮލަރަށް ވުރެ މަތިން ހިފަައިގެން ދާ މީހާ، ތިމަންނަ މިދަނީ މިވެނި ވަރަކަށް ޑޮލަރު ހިފައިގެންނޭ ބުނެފައި ހަމަ ދާންވީ. އޭނާއަކާ ސުވާލެއް ވެސް ކުރުމެއް ނޯވޭ. އެ ޑިކްލެއާ ކުރެވުނީ،" އިހުސާން ވިދާޅުވި އެވެ.

ނަމަވެސް ގިނަ އަދަދެއްގެ ފައިސާ ގައުމުން ބޭރަށް ގެންދާ ހާލަތްތަކުގައި އަމަލު ކުރާނެ ވަކި މިންގަނޑުތަކެއް ބައިނަލްއަގުވާމީ އިދާރާތަކުން ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ، މިިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވެސް މިހާރު އެ މިންގަނޑުގެ ދަށުން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، މިނިސްޓަރު ވިދާޅުވީ:

  • 10،000 ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދާ ނަމަ، ނުވަތަ ޑޮލަރުން ނޫނަސް ގިނަ އަދަދެއްގެ ފައިސާ ބޭރުކުރާ ނަމަ އެ ފައިސާ ހިފަހައްޓާ، ރަނގަޅަށް ޑިކްލެއާ ކުރެވޭނެ

  • އެ ފައިސާ ބޭރުކުރާ މީހަކު އެ ފައިސާ ހޯދީ ކޮން ތާކުން، ކިހިނެއްކަން ރަަނގަޅަށް ބަޔާންކޮށްދީ، ސާބިތުކޮށްދޭން ޖެހޭނެ 

  • އެމީހާ ދައްކަނީ ގާނޫނީ އިމުގެ ތެރެއިން ބަލާއިރު ހަމަޖެހޭ ވާހަކައެއްތޯ ބަލާ ޑިކްލެރޭޝަން ނިމުނީމައި ނޫނީ އެ ފައިސާ ދުލެއް ނުކުރާނެ

މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ އަޒްމީ އަހްމަދު)

"އަޅުގަނޑުމެން ސަރުކާާރާ ހަވާލުވި އިރުގައި ބައެއް ބިދޭސީން، ރާއްޖެއަށް މަސައްކަތް ކުރަން ސޭލްސް އެސިސްޓެންޓެއްގެ ގޮތުގައި ނުވަތަ ލޭބަރެއްގެ ގޮތުގައި ރާއްޖެއަށް އެތެރެ ވަނީ. އޭނާ ބޭރުވާ އިރު ހަފްތާއަކު އެއް ފަހަރު ރާއްޖެއިން ބޭރަށް އެބަ ދޭ ތިން ލައްކަ، ހަތަރު ލައްކަ ހިފައިގެން. މި ހާލަތުގައި ކަންކަން އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަދައިން ގިނަ އަދަދެއްގެ ފައިސާ ބޭރުކުރުން ހުއްޓުވުމުގެ ގޮތުން ޑިކްލެއާ ކުރުމުގެ ކަންކަން ހަރުދަނާކުރުމާ އެކު، އިހުސާން ވިދާޅުވީ، މިހާރު އެ މައްސަލައަށް ހައްލެއް ލިބެމުން އަންނަ ކަމަށެވެ.

"އެހެންވީމާ މިހާރު އެ ދޮރު، ރާއްޖެއިން ގަވައިދާ ހިލާފަށް ބޮޑު އަދަދުން ކޭޝް ނުވަތަ ނަގުދު ފައިސާ ބޭރުކުރުން ގާތްގަނޑަކަށް މިވަނީ ހުއްޓުމަކަށް ގެނެސްފައި،" އިހުސާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް