މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލަސީމިއާ ސެންޓަރު ހުންނަ އިމާރާތް. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ތެލަސީމިއާ

ތެލެސީމިއާ ސެންޓަރު ހުޅުމާލޭ ފޭސް އެކަކަށް ބަދަލުކުރަނީ

މިހާރު ބޭނުންކުރަނީ 30 އަހަރުވީ ބާ އިމާރާތެއް. ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވީ އާ އިމާރާތް ޑިޒައިންކޮށް ނިމިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަމުން އަންނަ ކަމަށް

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ތެލެސީމިއާ ކުދިންނަށް ދެމުން އަންނަ ފަރުވާ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އާ އިމާރާތަކަށް، ވަރަށް ކައިރި މުސްތަގްބަލެއްގައި ބަދަލުކުރާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު – ތެލެސީމިއާ ކުދިންނަށް މިހާރު ފަރުވާ ދެމުން އަންނަނީ ތެލެސީމިއާ ސެންޓަރު 1994 ވަނަ އަހަރު ހުޅުވީއްސުރެ އެ ތަން ހުންނަ އިމާރާތުގަ އެވެ.

ބުނީ ކީކޭ؟ - ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމާ އެކު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި އެއް ޝަކުވާއަކީ އެމްބީއެސްގެ އިމާރާތުގެ ދަތިކަމުގެ ޝަކުވާ ކަމަށެވެ. އެތަނަށް ގޮސް ބެލި ބެލުމުގައި، އެއީ "ހަގީގަތުގައި ވެސް ވަރަށް ތާށި، ވަރަށް ބާ އިމާރާތެއް" ކަން ފާހަގަ ކުރެއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތުގެ ހާލަތު ހުރި ގޮތުން، އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ، ހަލީލް ވިދާޅުވި ގޮތުގައި، ތެލެސީމިއާ ކުދިންގެ ފަރުވާ އެހެން އިމާރާތަކަށް ބަދަލުކުރުމެވެ.

ތެލެސީމިއާ ދުވަހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރޭ ވާހަކަދައްކަވަނީ. (ފޮޓޯ/ޕީއެސްއެމް)

"އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެންނަށް ވަނީ އެ ކުދިންގެ ވެސް އެހީތެރިކަމާ އެކު ހުޅުމާލޭ ފޭސް އެކަކުން އިމާރާތެއްގެ ޖާގަ ކަށަވަރު ކުރެވިފައި. އިރާދަކުރެއްވިއްޔާ އެ ކުދިން އެ ބޭނުންވާ ގޮތަށް، އެ ކުދިންގެ މަޝްވަރާއާ އެއްކޮށް އެ އިމާރާތުގައި ގާއިމްކުރަން ޖެހޭ ހިދުމަތްތައް އަޅުގަނޑުމެން ބައްޓަން ކުރަމުންދާނީ،" ހަލީލް ވިދާޅުވި އެވެ.

"އެ ކުދިން އެ އިމާރާތަށް ޒިޔާރަތްކޮށް، އެ އިމާރާތުގައި ހުންނަން ބޭނުންވާ ހިދުމަތްތަކުގެ ވާހަކަ މޯލްޑިވްސް ބްލަޑް ސާވިސަސްއާ ވަނީ ހިއްސާކޮށްފައި. މިހާރު ޑިޒައިންކުރެވި، ނިމި، ފައިނޭންސް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުންދާ ވާހަކަ ދަންނަވަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް