ކިންގް ސަލްމާން މިސްކިތް. (ފޮޓޯ/ތޯހާ ސައީދު)

ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކުރަން 6 މިލިއަން ރުފިޔާ ބޭނުންވޭ: މިނިސްޓަރު

މިސްކިތް މަރާމާތު ކުރަން ބޭނުންވާ ފައިސާ ހޯދަން އަންނަނީ މަސައްކަތް ކުރަމުން

ސައުދީ އަރަބިއްޔާގެ ހިލޭ އެހީގައި މާލޭ އާޓިފިޝަލް ބީޗުގައި ތަރައްގީކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ އޭސީގެ މަރާމާތަށް 6 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެ، އެކަމުގެ ސަބަބުން މިސްކިތް ހޫނުކަމަށް ބުނެ އާންމުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ތަފްސީލް: މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހޭނެ ގޮތްތަކެއް ސަރުކާރުން ރާވަމުން އަންނަ ކަމަށެވެ.

'ކުރިން ވެސް އޭސީ މަރާމާތުކުރަން މަސައްކަތްކޮށްފައި ހުރި. އެހެން ނަމަވެސް އެތާގެ ސިސްޓަމްތަކުގެ ގޮތުން ބަލަހައްޓަން ޖެހޭ މިންވަރަށް ނުބެލެހެއްޓުމުގެ ސަބަބުން ނުވަތަ މަރާމާތު ނުކުރެވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި

  • އެ އޭސީތައް މަރާމާތު ކުރަން ކުރީ ސަރުކާރުން މަސައްކަތް ކުރި ތުރުކީ ކުންފުންޏަކާ އެކު

  • މި ސަރުކާރުން ދަނީ އެ މަސައްކަތް ދިވެހި ކުންފުންޏަކާ ހަވާލުކުރަން މަސައްކަތް ކުރަމުން

  • ބަޖެޓު ހަމަޖެހިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އޭސީތައް މަރާމާތު ކުރާނެ

  • އޭސީތަކުގެ އިތުރުން އެހެން މަރާމާތުތަކެއް ކުރަން އެބަހުރި

  • މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި އެހެން ކަންކަން ފުރިހަމަކުރަން ސައުދީގެ އިސްލާމިކް މިނިސްޓްރީ އާ މަޝްވަރާކޮށްފިން

މިނިސްޓަރު ވިދާޅުވީ ހައްޖުގެ ފަހުން އެ މިސްކިތް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ރަސްމިއްޔާތަށް ސައުދީގެ ހާއްސަ ޝަހުސިއްޔަތެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް