ރައީސް މުހައްމަދު މުއިއްޒު މީޑިއާތަކާ ބައްދަލުކުރައްވަނީ

ނޫސްވެރިންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން ހާއްސަ ސަމާލުކަމެއް ދޭނަން: ރައީސް

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިނާޔަތް ހަމަޖައްސައިދޭން އާ މަޖިލިހުން ފާސްކުރާނެކަމުގެ އިޝާރާތެއް ވެސް ރައީސް ދެއްވި

ނޫސްވެރިންގެ ހުށަހެޅުންތަކާއި، އުންމީދުތައް ހަގީގަތަކަށް ހަދައިދޭން ހާއްސަ އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިންގެ އަގުހުރި އަދި ބުރަ މަސައްކަތަށް ޝުކުރާއި ތާރީފު ކުރައްވައި، ރައީސް މުއިއްޒު ފޮނުވި ހިތޯބުގައި ވިދާޅުވީ، ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރިންގެ ބައިވެރިވުމާއި ހިދުމަތް، ވަރަށް މުހިންމު ކަމަށެވެ. ރެޔާއި ދުވާލު ހިނގަމުންދާ ކަންކަމުގެ ހަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖުތަމައު ހޭލުންތެރިކުރުވުމާއި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައި ވެސް ނޫސްވެރިންގެ ދައުރު އަދާކުރުން ބޭނުންތެރި ކަމަށް ވިދާޅުވި އެވެ. 

ބުނީ ކީކޭ؟ - ހިތޯބުގައި ރައީސް ވިދާޅުވީ އިންތިހާބީ ރައީސްގެ ގޮތުގައި ނޫސްވެރިންނާ އެކު ބޭއްވި ގުންޒާރުގަ އާއި ރިޔާސީ ދައުރު ފެށުމަށް ފަހު، ނޫސްވެރިންނާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިން ދިން ހިޔާލުތަކާއި، ފާހަގަކުރެއްވި ކަންކަން ނޯޓުކުރައްވާފަައިވާ ކަމަށެވެ.

"ނޫސްވެރިންގެ ހުށަހެޅުންތަކާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނަމެވެ،" ރައީސް ވިދާޅުވި އެވެ. 

"ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަމެވެ. ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް އަޅުގަނޑުމެން ވާނީ އިސްނަގައިފަ އެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަގުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާ އެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ހަގީގީ ކުލަ ޖައްސާނަމެވެ."

މީގެ އިތުރުން ރައީސް ވިދާޅުވީ:

  • ނޫސްވެރިން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ހަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ދިވެހި ނޫސްވެރިންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނަން 

  • އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ހަބަރު ފެތުރުމާއި، ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވޭ 

  • ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާއި ޒަމާނީ ޓެކްނޮލޮޖީއާ އެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށް ވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުން

މި ހިތޯބު ނިންމާލައްވަމުން ރައީސް އިލްތިމާސްކުރެއްވީ، ނޫސްވެރިންގެ ގައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިހުލާސްތެރިކަމާ އެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށެވެ. އަދި، ގައުމު ބިނާކޮށް، ހާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންދިޔުމަށް ސަރުކާރުން ފަށާފައި މިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރިންނާއި، ހިދުމަތްތެރިންނާއި، ހުރިހާ ރައްޔިތުން ވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާ އެކު ކުރިއަށް ދިއުމަށް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެކު، މީސްމީޑިއާގެ މަންސަތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ހަބަރާއި މައުލޫމާތާއި ޝުއޫރުތައް ވެސް މުޅި މުޖުތަމައަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުސަތު މިއަދު އޮތުމުން، މިފަދަ ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މައުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ގައުމީ ޒިންމާއެއް ކަމަށެވެ.

ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މައުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ހަބަރަކާ މެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ހަގީގަތް ވެސް ހޯދައި ބެލުމަށް ވެސް، އެންމެން ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަހަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމައަށް ލިބިގެން ދިޔަ ނުދިނުމަށްޓަކަ އެވެ،" ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް