ށ. ފުނަދޫ

ފުނަދޫގެ އިންތިހާބީ މެމްބަރު މަމްދޫހަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސިހުރު ހެދިކަމުގެ މައްސަލާގައި ރޭ ދަންވަރު ހައްޔަރުކުރީ 60 އަހަރުގެ ފިރިހެނަކު؛ އެ މައްސަލާގައި ރަށުގެ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އާންމުން ދަނީ އަޑުއުފުލަމުން

މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މަމްދޫހްއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު 'ދައުރު' އަށް ބުނީ ސިހުރު ހެދި މައްސަލައެއްގައި 60 އަހަރުގެ ފިރިހެނަކު ފުނަދޫން ރޭ ފަތިހު ހައްޔަރުކުރި ކަމަށެވެ. އޭނާ މިވަގުތު ހުރީ ފުނަދޫ ޕޮލިސް ސްޓޭޝަންގައި ފުލުުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތަފްސީލް - މަމްދޫހް 'މަރާލަން' ސިހުރު ހެދިކަމުގެ ތުހުމަތު އޭނާއަށް ކުރެވޭއިރު، ފުނަދޫ ޕޮލިސް ސްޓޭޝަން ކައިރީ އެރަށުގެ ބައެއް އާންމުން މިހާރު ދަނީ މުޒާހަރާ ކުރަމުންނެވެ. ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަ ދެއްކި ފުނަދޫ މީހަކު ބުނީ އާންމުން އަޑުއުފުލަމުން ދަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އެއްބަސް ނުވަނީސް، އިތުރު ތަހުގީގަށް ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންދަން އުޅޭތީ ކަމަށެވެ.

 މަމްދޫހުއަށް ސިހުރު ހެދި ކަމަށް ބުނާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ؛ އެއީ ވިލިފުށީ މީހެއް

އެމީހާ ބުނި ގޮތުގައި އެ މައްސަަލާގައި ހައްޔަރުކުރީ ތ. ވިލިފުށިން އެރަށަށް އައިސް އުޅުނު މީހެކެވެ. ސިހުރު ހަދާފައިވާކަން އެނގުނީ، އޭނާ ސިހުރު ހަދާތަން މީހަކަށް ފެނިގެން ކަމަށް ވެސް 'ދައުރު'އާ ވާހަކަ ދެއްކި މަސްދަރުން ބުންޏެވެ.

ސިހުރު ހަދާފައިވާ 'ލޯމުރު' (ލޮއިން ހަދާފައި ހުންނަ ތޫނު އެއްޗެއް) އެރަށުގެ ބައެއް ގޭގެއިންނާއި، ގަަސްތަކަށް ޖަހާފައިވަނިކޮށް ފެނިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެތަންތަނުގައި ސިހުރު ކަމަށް ބެލެވޭ އާޔަތްތަކެއް ވެސް ލިފައިވާ ހުރި ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ.

މަމްދޫހުއަށް ސިހުރު ހަދަން ސިހުރުގެ ތަކެތި ލާފައިވާ ކަމަށް ބުނާ ގަހެއް

'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި ސިހުރު ހަދަން އެ މީހާ ރަށަށް ގެންދިޔަ ކަމަށް ތުހުމަތުކުރަނީ މަމްދޫހުއާ އިދިކޮޅު ފަރާތްތަކުންނެވެ. އެގޮތުން ފުނަދޫ ކައުންސިލްގެ ރައީސް އަދި އިންތިހާބުގައި މަމްދޫހުއާ ވާދަކުރެއްވި އަހުމަދު އިބްރާހިމްފުޅަށް ބައެއް މީހުން އިނގިލި ދިއްކުރެ އެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

ސޯޝަލް މީޑިއާގައި ލިއުއްވަމުން އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ ސިޔާސީ ގޮތުން އޮތް ވާދަވެރިކަމެއްގައި އެއްވެސް މީހަކަށް ގެެއްލުމެއް ނުދޭނެ ކަމަށެވެ. އޭނާ ގޮވާލެއްވީ ސިހުރު ހެދި މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށެވެ.

'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުން ވެސް ބުނީ އަހުމަދު އިބްރާހިމްފުޅު އެކަހަލަ ކަމެއް ކުރައްވާފާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ފުނަދޫ ގޮނޑި މަމްދޫހު ކާމިޔާބުކުރެއްވީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އަހުމަދު އިބްރާހިމް ފުޅަށް ވުރެ ގާތްގަނޑަކަށް 1,100 ވޯޓުގެ ތަފާތުންނެވެ.

ފުނަދޫ ދާއިރާގެ ނަތީޖާ

  • 1-

    މުހައްމަދު މަމްދޫހު, 1,698

  • 2-

    އަހުމަދު އިބްރާހިމްފުޅު، 562

އިތުރު އާޓިކަލް

އިތުރު އާޓިކަލް