ރައީސް މުހައްމަދު މުއިއްޒު(ފޮޓޯ/ރައީސް އޮފީސް)

މޭ ޑޭ

މަަސައްކަތްތެރިންނަށް ރައީސް ދެއްވީ ފާގަތި އަދި ތަނަވަސް ދިރިއުޅުމެއްގެ އުންމީދު

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަން ކަމަށް

މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި މަސައްކަތްތެރިންނަށް ފާގަތި އަދި ތަނަވަސް ދިރިއުޅުމަކާ އެކު، އުޖާލާ ކުރިމަގެއް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުން އަންނަ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ، މަސައްކަތްތެރިން ކަމަށެވެ. މަސައްކަތްތެރިންގެ ރެޔާއި ދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށް ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - މި ހިތޯބުގައި ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ކުރަމުން އަންނަ އުންމީދީ މަސައްކަތްތަކާ އެކު ދިވެހި މަސައްކަތްތެރިންނަށް އޮތީ އުޖާލާ ކުރިމަގެކެވެ.

"ތިޔާގިކަމުގެ އެތައް ފުރުސަތެކެވެ. އަޅުގަނޑުގެ އުންމީދަކީ އަދި ޢަޒުމަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާ އެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭގައި ހޯދައިދިނުމެވެ،" ރައީސް ވިދާޅުވި އެވެ.

އެ އަމާޒުގައި ކުރަމުން އަންނަ ގިނަ މަސައްކަތްތަކެއްގެ ވާހަކަ މި ހިތޯބުގައި ރައީސް ހިއްސާކުރެއްވި އެވެ. 

ވިޔަފާރިއާ ބެހޭ މައުރަޒެއް: ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް އިތުރުކުރަން ސަރުކާރުން މަސައްކަތްކުރާނެ (ދައުރު ފޮޓޯ/

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ހިންގުމާ ހަވާލުވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، އެތައް ކުންފުންޏަކަށާއި ފަރުދުންނަށް، ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުން ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަންޏާއި، އެކި ވުޒާރާތަކާއި އޮފީސްތަކުން ދައްކަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި ހުރި ކަމަށް ވިދާޅުވި އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ރައީސް ވިދާޅުވީ، މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ހަރަދުތައް ނުކުރެވި، ގައުމުގެ އިގްތިސޯދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. 

އެގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ގޮތުގައި ރައީސް ވިދާޅުވީ:

  • ސިވިލް ސާވިސް އާއި ސިއްހީ ހިދުމަތް ފަދަ މުހިންމު މައިދާންތަކުން ދުރަށް ގޮސްފައިވާ އެތައް ބަޔަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން 

  • އުމުރުން 65 އަހަރު ވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ތިބޭ އުސޫލަށް ބަދަލުގެނެސް، އުމުރުން 75 އަހަރު ވުމާ ހަމަޔަށް ސަރުކާރުގައި ހިދުމަތް ކުރެވޭނޭ ގޮތް ހަމަޖައްސައިދިނުން 

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ބާކީވިޔަނުދީ އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު ހޯދައިދިނުން

  • މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީންކުރުން 

  • ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަންކުރުން

  • ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށް، އާއިލާތަކުން ފުދުންތެރިކަން އިތުރުކުރަން ފަސޭހަކޮށްދޭނަން 

  • ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ވަނީ ފަށާފައި؛ ނަމަވެސް ގައުމުގެ އިގްތިސޯދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަކީ ހަމައެކަނި ހައްލެއް ނޫން

  • މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ދިނުމާއި، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރިންނަށް ވެސް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމްތައް ތައާރަފްކުރުމާއި، ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުމުގެ ކަންކަން ވަނީ ފަށާފައި

  • ރާއްޖޭގައި ދިވެހިންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް ވާނީ ކަނޑައަޅާފައި

ރައީސް ވިދާޅުވީ ބޮޑެތި ގައުމުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަގްވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަގްވާމީ މާރުކޭޓުތަކުން ފުރުސަތު ލިބޭނެ ކަމަށެވެ. އޭރުން ދިވެހި މަސައްކަތްތެރިންނަށާއި ހުނަރުވެރިންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެ ކަމަށް ވިދާޅުވި އެވެ.

"މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން މިދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ. ސަރުކާރުގެ މި އުންމީދީ މަސައްކަތްތަކާ އެކު އިރާދަކުރެއްވިއްޔާ ދިވެހި މަސައްކަތްތެރިންނަށް އޮތީ އުޖާލާ ކުރިމަގެކެވެ،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް