ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓު ކަނޑުގައި: މި ހާދިސާގައި އެކަކު ވަނީ މަރުވެފައި (ފޮޓޯ/އެމްއެންޑީއެފް)

ކޮޅުވެއްޓި ދަށުން ފެނުނު މީހާ އޮތީ މަރުވެފައި: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނި ކަމަށް

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުން ފެނުނު ބިދޭސީމީހާ އޮތީ މަރުވެފައި ކަމަށް އެމްއެންޑީއެފް އިން ދެންމެ ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުޑަކުރަތުން ފުރައިގެން މާލެ ދަތުރުކުރި 'ލިއޯ ޕާލް' ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލާންސްއަށް ވަނީ ނަގައިފަ އެވެ. ފުލުހުން މިއަދު ހެނދުނު ބުނިގޮތުގައި އެ ކޮޅުވެއްޓިން ދަތުރުކުރި އެކަކު ވަނީ ގެެއްލިފަ އެވެ. އޭނާ ހޯދަމުންދަނިކޮށް މިއަދު ހެނދުނު 10:24 ހާއިރު، ކޮޅުވެއްޓީގެ ދަށުން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ތަފްސީލް - ކޮޅުވެއްޓީގެ ދަށުން އޭނާ ނަގައިގެން ގެންދިޔައީ ކާށިދޫ ސިއްހީ މަރުކަޒަށެވެ. އެކަމަކު ކޮޅުވެއްޓި ދަށުން ނެގިއިރު ވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފްއިން ވަނީ އޭނާ މަރުވިކަން ކަށަވަރުކޮށްދީފަ އެވެ. 

ފުލުހުންނާއި ހަވާލާދީ، އެމްއެންޑީއެފްއިން ބުނީ އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައި އޮތް ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް