އެއާ އެމްބިއުލާންސްގައި ބަލިމީހަކު ބޯޓަށް އެރުވުމަށް ތައްޔާރުވަނީ (ފައިލް ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)

ހާލު ދެރަވެގެން މާލެ ފޮނުވަން އުޅުމުގެ ތެރޭ ސިއްހީ އިހުމާލަކުން މީހަކު މަރުވި ކަމުގެ ތުހުމަތު؛ މައްސަލަ ބަލަނީ

މަރުވެފައިވަނީ 65 އަހަރުގެ އަންހެނެއް؛ އޭނާއަށް ފަރުވާދެމުންދިޔައީ ނިއުމޯނިއާއަށް

ތ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މާލެ ފޮނުވަން ރިފާކޮށް، އެ އަތޮޅު ތިމަރަފުށީ ސިއްހީ މަރުކަޒަށް ފޮނުވި ހާލު ބޮޑު ބަލި މީހަކު، ސިއްހީ އިހުމާލަކުން ރޭ މަރުވި ކަމަށް ކުރެވޭ ތުހުމަތުތައް ވޭމަންޑޫ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ވޭމަންޑޫ ހޮސްޕިޓަލްގައި އޮތް ހާލު ބޮޑު ބަލިމީހަކު އެއާ އެމްބިއުލާންސްގައި އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަގުމަތީގައި ސިއްހީ އިހުމާލަކުން މަރުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާގެ އާއިލާގެ މީހަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަރުވެފައި ވަނީ، 65 އަހަރުގެ އަންހެނެކެވެ.

އޭނާގެ ޕޯސްޓުގައި ވާ ގޮތުން، އެ ބަލިމީހާ މާލެ ފޮނުވަން ރިފާކުރީ ނޭވާލުމުގެ މައްސަލައެއް ދިމާވެގެންނެވެ. ނަމަވެސް އެމަޖެންސީކޮށް އެއާ އެމްބިއުލާސަށް ގެންދިއުމަށް ތިމަރަފުށްޓަށް ގެންދިއުމުން، ތިމަރަފުށިން ބަލިމީހާ އުފުލި އެރަށު ސިއްހީ މަރުކަޒުގެ އެމްބިއުލާންސްގައި ހުރީ ހުސް ފުޅިއެއް ކަމަށް އޭނާ ތުހުމަތުކޮށްފައިވެ އެވެ. 

ބުނީ ކީކޭ؟ - ވޭމަންޑޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަސަން ޒިޔާދު މިއަދު 'ދައުރު' އަށް ވިދާޅުވީ:

  • ބަލިމީހާއަށް ފަރުވާދެމުން ދިޔައީ ނޭވާއަށް އުނދަގޫ ކުރުމާއި ނިއުމޯނިއާއަށް

  • އިތުރު ފަރުވާއަށް މާލެއަށް ރިފާކުރީ ވޭމަންޑޫ ހޮސްޕިޓަލްގައި ދެ ދުވަސް ވަންދެން އެޑްމިޓުކޮށްފައި ބޭއްވުމަށް ފަހު

  • އެއާ އެމްބިއުލާންސްގައި މާލެ ގެންނަން ތިމަރަފުއްޓަށް ފޮނުވީ ރޭ 8:00 ޖަހާއެހާކަންހާއިރު

ނަމަވެސް ސިއްހީ އިހުމާލަކުން ބަލިމީހާ މަރުވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން އޭނާ އުޒުރުވެރިވި އެވެ. އޭނާ ވިދާޅުވީ އެކަމުގައި އިހުމާލެއް އުޅޭތޯ އެ މަރުކަޒުން ބަލަމުން އަންނަ ކަމަށާއި ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އެކަމާ ގުޅިގެން ބަލަމުންދާ ބެލުންތައް ބަލާ ނިމުމުން ކަމަށެވެ. 

"މި ކޭސްގައި ކަން ހިނގި ގޮތް އަޅުގަނޑުމެން މިދަނީ ބަލަމުން. އަދި ކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުމުގެ ކަންކަން ވެސް ކުރިއަށް އެބަދޭ. އެހެންވެ، ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވީމާ މިވަގުތަށް މިކަން ހިނގައި ދިޔަ ގޮތާ ބެހޭ ގޮތުން ސީދާ ޖަވާބެއް ދޭން އަދި ދަތި،" ޒިޔާދު ވިދާޅުވި އެވެ.

ނަން ނުޖަހަން ޝަރުތުކޮށް ވޭމަންޑޫން 'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ރަށުން ސީ އެމްބިއުލާންސްގައި އެ އަންހެންމީހާ ތިމަރަފުއްޓަށް ފޮނުވި އިރު، ލޯންޗުގައި ދެ ފުޅި އޮކްސިޖަން ހުއްޓެވެ. 

ތިމަރަފުށިން ބަލިމީހާ ބަލައި އައި އެމްބިއުލާންސްގައި ހުރި އޮކްސިޖަން ފުޅި ހުސްވެފައި ހުރިކަމަށް ކުރެވޭ ތުހުމަތުތައް އެރަށު ސިއްހީ މަރުކަޒާ ހަވާލުވެގެން ހުންނެވި އަހުމަދު ނަސީރު ދޮގުކުރެއްވި އެވެ.

ނަސީރު 'ދައުރު' އަށް ވިދާޅުވީ އެ މަރުކަޒަށް ބަލިމީހާ ގެނެވުނީ އެއާ އެމްބިއުލާންސްގައި މާލެ ފޮނުވަން ކަމަށާއި މާލެ ފޮނުވުމަށް ސިއްހީ މަރުކަޒުން ބަލިމީހާ ގެންދިޔަ އެމްބިއުލާންސްގައި ދޭން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށެވެ.

"އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ތުހުމަތުތަކެއް ނޫން. އެމްބިއުލާންސްގައި އޮކްސިޖަން ހުންނާނެ. މިކޮޅުން ދޭން ޖެހޭ ހުރިހާ ހިދުމަތެއް ދިނިން،" ނަސީރު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (2)

އެރޭ

28 އޭޕްރީލު 2024
ވޭމަނޑޫ އަކީ ވެރިކަންކުރާރަށް ، އެރަށުގައި ހުންނަނީ ސިއްޙީމަރުކަޒެއްނޫން ، އެއީ ހޮސްޕިޓަލެއް ، ދެން މިވާގޮތަކީ ޑރ މުއިއްޒު ވަނީ ތ، ގުރައިދޫ އަދި ވިލުފުށި އެއަރޕޯޓްގެ ފެހިސިގްނަލް ދީފައި ، ވީމާ ވޭމަންޑޫގައި އެއަރޕޯޓެއްގެ މުހިއްމުކަން ދައްކަންވެގެން ޖަހާސަކަރާތެއް ތިޔައީ ،
0 1

މުދައްރިސް

28 އޭޕްރީލު 2024
ސިއްޙީ އިޙުމާލަކީ ކޮބާ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް