ރޭ ކުރި ގަދަ ވިއްސާރާގައި ފޭދޫގެ މަގުތަކުގައި ފެންބޮޑުވެފައި (ފޮޓޯ/އެމްއެންޑީއެފް)

މޫސުން

ފޭދުއަށް ހުއްޓާނުލައި އަށް ގަޑިިއިރު ވާރޭ ވެހުނު، ފެން ބޮޑުވެ ދެ ގެއަކުން މީހުން ނެރެފި

ފޭދޫގެ 40 ގެއަކަށް ފެން ވަދެފައިވޭ. ފެނުން ސަލާމަތްވުމަށްޓަކައި 16 ގެއެއްގައި ވަނީ ވެލި ބަސްތާ ޖަހާފައި

އިއްޔެ ހަވީރުން ފެށިގެން ރޭ މެންދަމާ ހަމައަށް އައްޑޫގެ ފޭދުއަށް ހުއްޓުމެއް ނެތި އަށް ގަޑިިއިރަށް ވުރެ ގިނަ އިރު ވަންދެން ބޯކޮށް ވާރޭ ވެހުނު ކަމަށް، އައްޑޫ ކައުންސިލް މެމްބަރަކު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން އިއްޔެ ވަނީ ގުގުރުމާ އެކު ބޯކޮށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް އައްޑުއަށް ޔެލޯ އެލާޓު ނެރެފަ އެވެ. މިއަދު ވެސް އެ ސަރަހައްދަށް ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.

މެޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫގެ ގަން އަށެވެ. ނަމަވެސް މި ވިއްސާރާގައި ފެން ބޮޑުވެގެން އެންމެ ގިނަ ގެއްލުންތަކެއް ލިބުނީ، ގަމާ ޖެހިގެން އޮންނަ ފޭދުއަށެވެ.

ތަފްސީލް - ވިއްސާރާގައި ގެއްލުންވި ގެތަކުގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ކައުންސިލް މެމްބަރު މުހައްމަދު ފައިސަލް 'ދައުރު' އަށް ވިދާޅުވީ، އެރަށަށް އިއްޔެ ހަވީރު 5:30 ފެށިގެން މެންދަމު 2 ޖެހުމާ ހަމަޔަށް ހުއްޓާނުލާ ވާރޭވެހުނު ކަމަށެވެ. އެއީ ޖުމްލަ އަށް ގަޑިއިރާއި ބައެވެ.

ފޭދޫގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތްކުރަނީ (ފޮޓޯ/އެމްއެންޑީއެފް)

މިހާރު ވަނީ ވާރޭ ހުއްޓާލައިފަ އެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު، ކޮށް ފެންގަނޑު ވެސް ހިނދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރޭގެ ވިއްސާރާގައި ފޭދޫގެ ގިނަ ގެތަކަށް ފެން ވަދެ، އެކިވަރުގެ ގެންލުން ލިބުނެވެ. އެގޮތުން އޭނާ ވިދާޅުވީ: 

  • 40 ގޭގައި ފެންބޮޑުވެެގެން ރިޕޯޓުކުރި

  • 2 ގެއެއްގައި ނޫޅެވޭވަރުވެގެން މީހުން ގެސްޓް ހައުސްތަކަށް ބަދަލުކުރި

  • 16 ގެއެއްގައި ވެލިބަސްތާ ޖަހާފައިވޭ

ރޭ ކުރި ގަދަ ވިއްސާރައިގައި ފޭދޫގެ ގެއެއްގައި ފެންބޮޑުވެފައި (ފޮޓޯ/އެމްއެންޑީއެފް)

"އިތުރަށް މިއަދު ވާރޭ ނުވެހޭ ނަމަ މިހާރުގެ ހާލަތު ރަނގަޅު. ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ފެން ވެސް އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު މިހާރު ވަނީ ހިއްކިފައި،" ފައިސަލް ވިދާޅުވި އެެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް