މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޔޫސުފް ނައީމް

ޔޫސުފް ނައީމަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް މައްސަލަ އަލުން ބަލަން އަމުރުކޮށްފި

މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި ހުކުމް އިއްވި ގާޒީ ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޝްވަތު ދިންކަން ސާބިތުވި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް އިއްވާފައިވާ ތިން އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ކްރިިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު އިއްވި ހުކުމުގައި ބުނެފައިވާ ގޮތުން، އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ނައީމު ދެއްވި އެވެ. އެ ކުށް ސާބިތުވެ، އޭނާ ގެންދަވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

މި ހުކުމް ހައި ކޯޓުން ބާތިލުކުރީ، އެ މައްސަލައިގެ އިސްތިއުނާފީ ހުކުމް އިއްވަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

އިސްތިއުނާފީ މައްސަލާގައި ނައީމު ހައި ކޯޓުގައި އެދިފައި އޮތީ:

  • ކްރިމިނަލް ކޯޓުން އާ ހެކިތަކެެއް ބަަލައިގަންނަން ނިންމި ނިންމުން ބާތިލުކުރުމަށް

  • ކުށުގެ މައިގަނޑު އެއް ރުކުން ސާބިތު ނުވާއިރު، ކުށް ސާބިތު ނުވާނެ ކަމަށް ކަނޑައަޅައިދިނުމަށް 

  • ހުކުމް ބާތިލުކޮށް، ދަށު ކޯޓުން މައްސަލަ އަލުން ބެލުމަށް އެންގުމަށް

  • އަދަބު ލުއިކޮށްދިނުމާ ބެހޭ ގޮތުން ހައި ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް؛ ވަކީލުން ފާހަގަކުރީ ނައީމަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ގާނޫނާ ހިލާފަށް ކަމަށް

މި ހުރިހާ އިސްތިއުނާފީ ނުކުތާތަކަށް ވެސް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އަދި، އެެކަންކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމުންތައް ނިންމާފައިވަނީ ގޯސްކޮށް ކަމަށް ވެސް ކަނޑައެޅި އެވެ.

ތަފްސީލް - ހައި ކޯޓުން ކުރި ހުކުމުގައި ވަނީ:

  • ޝަރީއަތުން މައްސަލަތައް ނިންމަނީ އެންމެހާ ހެއްކަކުން ކުރެވޭ ދޭހައިގެ މައްޗަށް ބިނާކޮށްކަމަށްވާއިރު ދައުލަތުން ހުށަހެޅި އާ ހެކިތަކަށް ބުރަދަންދީ ނައީމުގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ނިންމި ނިންމުމަކީ ގާނޫނީ އިމުން ބޭރުން ނިންމި ނިންމުމެއް

  • އެހެންވެ ދައުވާއާ މެދު އަލުން ދަށު ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމަށް ނިންމަން ފެނޭ

  • ނައީމުގެ ފަރާތުން ކުށުގެ އުންސުރުތަކާ ގުޅޭގޮތުން ފާހަގަކުރާ ކަންކަމާމެދު ގޮތް ނިންމުމާއެކު ދަށު ކޯޓުން ދައުވާއާމެދު އަލުން ގޮތް ކަނޑައަޅަންޖެހޭ ކަމަށް ނިންމަން ފެނޭ

  • އަލުން ގޮތް ކަނޑައަޅާއިރު އަދަބު ކަނޑައަޅަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން އަދަބު ކަނޑައެޅުމަށް

  • ދަށު ކޯޓުން މައްސަލަ ނިންމިއިރު ނުބެލިހުރި ކަންކަން ހުރިކަމަށް ފެންނާތީ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް އަންގަން ފެނޭ

ރިޔާސަތު ފަނޑިޔާރުގެ މި ނިންމުމަށް އެ ކޯޓުގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު، ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ތާއީދުކުރެއްވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް