ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު (ވ) އެ ދާއިރާއަށް ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދާ އެކު.

ޑިމޮކްރެޓްސްގެ 2 ކެންޑިޑޭޓަކު ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުކޮށްފި

އެ ނިންމުމަށް ސަރުކާރުން ވަނީ މަރުހަބާ ކިޔާފައި
14 އޭޕްރީލު 2024

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ދެ ކެންޑިޑޭޓުން އެ ބޭފުޅުން ކުރިމަތިލެއްވި ދާއިރާތަކަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލިސް އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް:

  • ރޭ ބޭއްވި ޖަލްސާއެއްގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވަނީ އެ އަހުމަދު ރިޔާޒަށް ތާއީދުކޮށްފައި؛ ރިޔާޒު ވާދަކުރަނީ އަމިއްލަ ގޮތުން ނަމަވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވިދާޅުވަނީ ރައީސް މުހައްމަދު މުއިއްޒުގެ ކެންޑިޑޭޓަކީ އޭނާ ކަމަށް

  • މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ގުރައިދޫ ދާއިރާއަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ލީލާ އިބްރާހިމް މަނިކު ވަނީ އެ ދާއިރާއަށް ޕީއެންސީން ވާދަކުރާ ހަނާން މުހައްމަދު ރަޝީދަށް ތާއީދުކުރަން ނިންމާފައި

ބުނީ ކީކޭ؟ - މިރޭގެ ޖަލްސާގައި ލީލާ ޕީއެންސީ ކެންޑިޑޭޓުގެ ފަހަތަށް އަރާވަޑައިގަތުމުން އެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ނިންމެވި ނިންމެވުމަކީ ގައުމަށާއި ދާއިރާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ވަރަށް ކެރުންތެރިކަމާ އެކު ނިންމި ނިންމުމެއް ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި:

  • މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ޑިމޮކްރެޓްސް އިން ރައީސް މުއިއްޒުއަށް ތާއީދު ކުރެއްވި

  • ވާދަވެރި ނަމަވެސް ބިނާކުރަނިވި ސިޔާސީ ހަރަކާތަކީ އެއީ

ފާހަގަކޮށްލެވޭ - ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއަށް ތާއީދު ކުރެއްވި ނަމަވެސް ވެރިކަން ބަދަލުވި ފަހުން އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ. އަދި އެ ޕާޓީން ވަނީ އިިދިކޮޅު އެމްޑީޕީއާ ގުޅިގެން ސިޔާސީ ބައެއް މަސައްކަތް ވެސް ކޮށްފަ އެވެ.

ނަމަވެސް، މިފަހުން ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް މުއިއްޒުއަށް ތައުރީފު ކުރައްވާފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް