ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރާ މަސް ފެކްޓްރީތަކުގެ މަސައްކަތުގެ އެއްބަސްވުމުގައި ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން؛ އެ ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއް

މަސް ކާރުހާނާ އަޅަން 225 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ 'ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން'އާ

މަސް ބަންދުކުރަން ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖޭގައި ތިން ސަރަހައްދެއްގައި. މަސް ކާރުހާނާ އަޅަން ކުރިއަށް ގެންދާ ގާތްގަޑަކަށް 225 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ، 'ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން' އަށެވެ. މިއަދު އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތްތައް ވެސް ކުރާގޮތަށެވެ. 

އެކުއެކީގައި ހިންގާ މި ތިން މަޝްރޫއުއަކީ:

  • ދ. މާދެލީގައި ގާއިމުކުރާ މަސް ކާރުހާނާއި ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް

  • ޅ. ފެލިވަރުގެ މަސް ކާރުހާނާ ބޮޑުކުރުން

  • ގދ. ފިޔޯރީގައި ގާއިމުކުރާ މަސް ކާރުހާނާއި ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް

ތަފްސީލް - މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝިޔާމް ވިދާޅުވީ، އެ މަޝްރޫއުއަށް ދާނެ ހަރަދުގެ ގޮތުގައި މިވަގުތަށް އަދި އޮތީ އަންދާޒާކުރެވޭ އަދަދެއް ކަމަށެވެ. އެގޮތުން، މުޅި މަޝްރޫއުއަށް 225 މިލިއަން ޑޮލަރު ހަރަދުވެދާނެ ކަމަށް އޭނާ އަންދާޒާކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ:

  • ފެލިވަރުގައި ގާއިމުކުރާނީ - 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެއް؛ މި މަސައްކަތައް ދާނެ ކަމަށް އަންދާޒާކުރެވެނީ 50 މިލިއަން ޑޮލަރު

  • ދ. މާދެލީގައި ގާއިމުކުރާނީ - 50 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއަކާ އެކު 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް؛ މި މަސައްކަތައް ދާނެ ކަމަށް އަންދާޒާކުރެވެނީ 75 - 100 މިލިއަން ޑޮލަރުގެ އަދަދެއް

  • ގދ. ފިޔޯރީގައި ގާއިމުކުރާނީ - 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާ އެކު 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެއް؛ މި މަސައްކަތައް ދާނެ ކަމަށް އަންދާޒާކުރެވެނީ 50 - 75 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް

ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރާ މަސް ފެކްޓްރީތަކުގެ މަސައްކަތުގެ އެއްބަސްވުމުގައި ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާގެ ސަފީރު ވާން ލިޖިންއާ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ، މި މަސް ކާރުހާނާތަކުގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަސް ތެރޭ ގާއިމުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެ ތަންތަން ގާއިމުކުރެވުމުން މަސް ބަންދުކޮށް ބޭރުކުރެވޭ އިންސައްތަ އިތުރުކުރެވި، ރާއްޖެއަށް ބޭރު ފައިސާގެ ގޮތުގައި މިހާރު ވަންނަ އަދަދު، 180 މިލިއަން ޑޮލަރާ ހަމައަށް އިތުރުކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު އެގޮތަށް ބޭރު ފައިސާގެ ގޮތުގައި ލިބެނީ 91 މިލިއަން ޑޮލަރު ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވި ގޮތުން:

  • 40 އަހަރުވީ ފެލިވަރުގެ ކެޕޭސިޓީ އަކީ 50 ޓަނު ވިޔަސް، މިހާރު އުފެއްދެނީ 40 ޓަނުގެ މަސް

  • ރާއްޖޭގައި ހުރި އަމިއްލަ ކުންފުނިތަކަށް ނިސްބަތްވާ ކާރުހާނާތަކުގެ ތެރެއިން މާންދޫގައި މިހާރު ބަންދުކުރެވެނީ 50 ޓަނު އަދި ހުޅުމާލެ އެންސިސްގައި ބަންދުކުރެވެނީ 20 ޓަނުގެ މަސް

  • ރާއްޖޭގައި ބާނާ 182،000 ޓަނު މަހުގެ ތެރެއިން، އަހަރެއްގެ ތެރޭ ރޯމަހުގެ ގޮތުގައި ބޭރުކުރަންޖެހެނީ 63،000 ޓަނުގެ މަސް

  • މިހާ ގިނަ އަދަދެއް ރޯމަހުގެ ގޮތުގައި ބޭރުކުރަން ޖެހެނީ މިފްކޯގައި އެކަށީގެންވާ ކެޕޭސިޓީ ނެތުމުން؛ މިހެންވެ ރާއްޖެއަށް ވަންނަން ޖެހޭ ވަރަށް ބޮޑު އިންސައްތައެއްގެ ބޭރު ފައިސާ މިހާރު ނުވަދޭ

  • ޗައިނާގެ ކުންފުންޏާ އެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ތިން ސަަރަހައްދެއްގައި ގާއިމުކުރެވޭ ތިން މަސް ކާރުހާނާގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތް ވާނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ބޭރު ފައިސާ އާއްމުދަނީގެ ގޮތުގައި ވައްދާ ސިނާއަތަށް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް