ލަތީފްގެ ބަސް: ކަންކަން ވާނީ ސަރުކާރުގެ މެމްބަރުންނަށް

ހއ. ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވަން ނުކުންނަވާ އިރު ލަތީފު ދައްކަވަނީ ކުރިން އޭނާ ހުންނެވި އިރު ރަށަށް ލިބުނު ތަރައްގީ
13 އޭޕްރީލު 2024
4

ކުރިން ވެސް އަދި މިހާރު ވެސް ދާއިރާގެ ތަަރައްގީއަށް ކަންކަން ކުރެވޭނީ ސަރުކާރުގެ މެމްބަރުންނަށް ކަމަށް، ހއ. ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުން ޕީއެންސީން ނުކުންނަވާ ލަތީފަކީ 2014 އިން 2019އަށް ވެސް ދިއްދޫ ދާއިރާގެ ގޮނޑި ފުރުއްވި މެމްބަރެވެ. ލަތީފް ވަނީ އޭނާގެ ސިޔާސީ ތަޖުރިބާ 'ދައުރު'ގެ ހާއްސަ ކަވަރޭޖްގައި ކިޔައިދެއްވައިފަ އެވެ.

ތަފްސީލް - ފުރަތަމަ ވެސް އޭނާ ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެއްގެ ގޮތުން ކުރެއްވި މަސައްކަތްތަކާ އެކު ދިއްދުއަށް ފަހިކޮށްދިން ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސާފު ފެނުގެ ހިދުމަތާއި މަގުތަކުގައި ތާރު އެޅުމާއި ގިރަމުން ދިޔަ ބޮޑު ސަރަހައްދެއްގައި ބޮޑުހިލަ ޖަހައި ހިމާޔަތްކުރުމުން ފެށިގެން ރަށުގައި ހުރި އަތޮޅު ހޮސްޕިޓަލްގެ ފެންވަރު މަތިކުރުމާއި ތައުލީމީ މަރުކަޒުގައި ގްރޭޑް 11 އާއި 12 އުފައްދަން ވެސް، "އަޅުގަނޑު ވަރަށް ބުރަކޮށް މަސައްކަތްކުރީމެ"ވެ.

ލަތީފް ވިދާޅުވީ އޭރު ދިއްދޫގެ ފެން ހުރީ ބޭނުންކުރެވޭ ވަރަށް ވުރެ މާ ބޮޑަށް ތަގައްޔަރުވެފައި ކަމަށެވެ. ދިއްދޫ ކަހަލަ ބޮޑު ރަށެއްގައި ގޭގެއަށް ތާޒާ ފެނުގެ ހިދުމަތް ދޭން ގާތްގަނޑަކަށް 55 މިލިއަން ރުފިޔާގެ މަޝްރޫއުއެއް އޭރު ހިންގި އެވެ.

"އެއަށް ވުރެ ބޮޑު ރަށްރަށަށް ފެނުގެ ހިދުމަތް [އޭރު] ނުލިބޭ. ފެނުގެ ހިދުމަތް ލިބެން އޮތީ ސަރުކާރާ ގުޅިގެން. އެހެންވެ ސަރުކާރާ ގުޅިގެން ރައީސް ޔާމީނަށް ދެންނެވިން ދިއްދުއަށް އެންމެ ބޮޑަށް ބޭނުންވަނީ ފެނުގެ ހިދުމަތޭ،" ލަތީފް ވިދާޅުވި އެވެ.

"ރައްޔިތުން ތިބީ އަޅުގަނޑު ހޮވާފައި ސަރުކާރަށް ދައްކާފައި ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދޭން. ފެން ލިބުނު."

ހއ. ދިއްދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އަބްދުއްލަތީފް މުހައްމަދުގެ ކެމްޕެއިން ބައްދަލުވުމެއްގައި ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ

އޭނާ ސިފަކުރެއްވި ގޮތުގައި ދިއްދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދަން ޖެހުނީ ވާރޭ ވެހިއްޖެ ނަމަ މުޅި ރަށުގައި ކިސަޑު އުފެދި، 'މަހެއް ދެ މަސް ވާއިރު ވެސް ފެން ނުހިނދޭ' ހިސާބަށް ދިއުމުންނެވެ. ދިއްދޫގެ މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަށް ހެދުނީ ވެސް މެމްބަރެއްގެ ގޮތުން ސަރުކާރާ ގުޅިގެން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"މަޖިލިހުގެ މެމްބަރަކީ ހަމައެކަނި ގާނޫނު ހަދާ މަޖިލިހުގައި މަސައްކަތްކޮށްގެން ނިމޭނެ ތަނެއް ނޫން. މަޖިލިހުގެ މެމްބަރަކު މި އަންނަނީ ގާނޫނު ހަދާ މަޖިލިހަށް. އެކަމަކު އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދަ އާއި އުސޫލުތަކާއި ދެކޭދެކުމަށް ބަލާއިރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކީ އެ ދާއިރާއަށް ނިސްބަތްވާ އެހެން ހުރިހާ ކަމަކަށް ވެސް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހައްލެއް ހޯދައިދޭން ސަރުކާރާ ގުޅިގެން މަސައްކަތްކޮށްދެވޭނެ މީހެއް،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިއްދޫގެ ބޯހިޔާވަހިކަމަށް އޭނާގެ ދައުރުގައި ލިބުނު ބޮޑު ކުރިއެރުން ވެސް ރައްޔިތުން ފާހަގަކުރެ އެވެ. ކުރިނ ް50 ހައުސިން ޔުނިޓް އަޅަން އޮތް މަޝްރޫއ ު250 ހައުސިން ޔުނިޓަށް ބަދަލުކުރި އެވެ.

"އެކަން ނިންމާ، އެތަނަށް ބޭނުންވާ ކަރަންޓް، ފެން، ފާހާނާގެ ނިޒާމް، މި ތިން ކަންތައް ކުރުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވި. އެކަމަށްޓަކައި ވަރަށް ބުރަ މަސައްކަތްކޮށްގެން ނަރުދަމާ އާއި ފެނާއި ކަރަންޓާ ހުރިހާ ކަމެއް ކޮށްދީ ފަސޭހަކަން ލިބުނީ،" ލަތީފް ވިދާޅުވި އެވެ.

"ދިއްދޫގެ ޒުވާނުންނަށް 250 ހައުސިން ޔުނިޓް ލިބުނީމާ ވަަރަށް ބޮޑު ހައްލަކަށްވެ، ހިތްހަމަޖެހުމަކަށް ވި."

އޭނާ ވިދާޅުވި ގޮތުގައި ދިއްދޫގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. އެކަމަކު ޒުވާނުންނަށް ވެސް އޭނާގެ މާޒީގެ ހިދުމަތްތައް ރަނގަޅަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ. ޒުވާނުން ވެސް ބޭނުންވަނީ ރަށަށް ތަރައްގީ އާއި ފުރުސަތުތައް ފަހިކުރަން ކަމަށް ވާތީ، ސަރުކާރުގެ މެމްބަރެއްގެ މުހިންކަން ވިސްނޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

ރަށުގެ "ތާރީހީ ފަތްފުށްތަކަށް ބަލާއިރު އެ ތަރައްގީ އައުމުގައި އަޅުގަނޑުގެ ދައުރު ވަރަށް ބޮޑު ކަމަށް ގިނަ މީހުން ގަބޫލުކުރޭ. އެހެންވީމާ މިހާރުގެ ޒުވާން ޖީލަށް ވެސް، ހަރު މީހުން، އިސް ރަށްވެހިން ވެސް [ދިއްދޫގެ ތަރައްގީގައި] އަޅުގަނޑުގެ ދައުރެއް އޮތް ކަމަށް ގަބޫލުކުރޭ،" ލަތީފް ވިދާޅުވި އެވެ.

އެނގުން މުހިންމު - ރައްޔިތުންގެ މަޖިލިހަށް 2014ގައި ހޮވުމުގެ ކުރިން ވެސް ލަތީފަކީ ދިއްދޫގެ ބޮޑު ހުރިހާ ކަމެއްގައި އަމަލީ ގޮތުން އެންމެ އިސްކޮށް އަބަދުވެސް ހުންނެވި ބޭފުޅެކެވެ. މި ފަހުން ދިއްދޫގައި އޮތް އޭނާގެ ކެމްޕެއިން ޖަލްސާގައި، ޒުވާނުންނަށް އަމާޒުކުރައްވައި، އޭގެ ބައެއް ތަފްސީލްތައް ވެސް ދެއްވި އެވެ. އެގޮތުން އަތޮޅު ތައުލީމީ މަރުކަޒު 1982ގައި ދިއްދޫގައި އިމާރާތްކުރި އިރު، ކުޑަކުއްޖެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތްކުރެއްވި އެވެ. ގާ ނެގުމާއި ގާ ތެޅުން ފަދަ ކަންކަމުގަ އެވެ. އޭގެ ފަހުން ސްކޫލްގެ އެންމެ ފުރަތަމަ ދަރިވަރުންގެ ތެރޭގައި ވެސް ހިމެނުނެވެ.

ދިއްދޫގައި ލަތީފްގެ ބައިވެރިވުމެއް ނެތި އިޖުތިމާއީ ބޮޑު އެއްވެސް ކަމެއް، ކުޅިވަރުގެ ބޮޑު އެއްވެސް އިވެންޓެއް 1980 އާއި 1990 އާއި 2000ގެ އަހަރުތަކުގައި ވެސް ނުބާއްވަ އެވެ. އަދި އޭނާގެ މެމްބަރުކަމުގައި ތައާރަފުކުރި 'އެއް ލައްކަ ރުފިޔާ'ގެ ފުޓްބޯޅަ މުބާރާތަކީ އޭރު ރާއްޖޭގެ ރަށެއްގައި ބޭއްވި އެންމެ އަގުބޮޑު ފުޓްބޯޅަ ވާދަ އެވެ.

ކޮމެންޓް (4)

ވަތުކިބަ

17 އޭޕްރީލު 2024
ދެން އެހެންވީ އިރު މައުމޫނުގެ ޒައާމަތުގަ ކަން ކުރި ގޮތައް ސަރުކާރުން މަޖިލިސް މެމްބަރުން އައްޔަން ކުރާގޮތައް ބަދަލުކުރޭ ! އިލެކްސަނޭ ކިޔައިގެން ކޮން ބޭކާރު ހަރަދެއް!
0 0

ވިސްނުން

14 އޭޕްރީލު 2024
2008 ގެ ފެހި ޤާނޫނު އަސާސީއާއެކު ސަރުކާރު މަމްދޫބުން ވަނީ ޤާނޫނުއަސާސީން ފޮހެލާފައި. އެކަން އަލުން ގެންނަން އުޅުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް. ޤާނޫނު އަސާސީ ދަންނަނީ ހުރިހާ ރައްޔިތުންނާމެދުވެސް ހަމަހަމަކޮށް ކަންކަން ކުރަންޖެހޭކަން. އެއާ ޚިލާފުވުމަކީ ޤާނޫނުއަސާސީއާ ޚިލާފުވުން. ވަކިމީހަކު ހުރުމުން ކަންކަން ކޮށްދޭން ޖެހޭކަމަށް ދުށުމަކީ އަމިއްލަ އުފެއްދުމެއް. ޤާނޫނު ދަންނަކަމެއް ނޫން.
0 0

ށަމާ

14 އޭޕްރީލު 2024
ލަތީފްބެ ނަގައިގެން ނޫނީ ދިއްދޫ އަށް ތަރައްގީއެއްނެތް، އަބުދުﷲ ހުރެގެން 5 އަހަރު ގޮނޑި ހޫނުކުރުން ފިޔަވާ އިތުރު ކަމެއް ނުކުރޭ. ޢަބުދުﷲ އަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ
1 0

ދޮގު ވާހަކަ

13 އޭޕްރީލު 2024
ތިޔަ އިއްޒައްތެރި މަޖިލީހުން އެބަޖެހޭ ހުރިހާ އިންތިޙާބެއް އެއްކޮށް ބާއްވަން ޤާނޫނަށް އިސްލާހުގެންނަން. އެއިރުން ތިޔަދައްކާވާހަކަ ރައްޔިތުން ބަލައިގަންނާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް