މާގިރި ހޮޓެލް: ކޮވިޑް-19ގައި ޓޫރިޒަމް މިނިސްޓްރީގެ ބޭނުމަށް އެ ތަން ދޫކުރި (ދައުރު ފޮޓޯ)
މިއީ ކޮން ކަހަލަ ބޮޑީގާޑެއް؟ މަޖަލަކަށް ހަދާފައި ކޮޓަރިއަށް ޕެޕާ ސްޕްރޭ ވެސް ޖެހި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެމީހުންނަށް ޖިންސީ ގޯނާކޮށް، ރޭޕްކުރިކަމުގެ ތުހުމަތުކުރި ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެނުންގެ ބަޔާނުން އެމްއެންޑީއެފްގެ ބޮޑީގާޑެއްގެ ގޯސް އަމަލުތަކެއް ވެސް ފެންމަތިވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްފައިވާ ބަޔާންތަކުގެ ތެރެއިން އެއް ބަޔާނުގައި އޭގެ ތެރެއިން އެއް އަންހެނަކު، އަހުމަދު ނަމަކަށް ކިޔާ އެ ބޮޑީގާޑާ ބެހޭ ގޮތުން ދެ ކަމެއްގެ ވާހަކަ ތަފުސީލުކޮށް ބުނެފައިވެ އެވެ.
ކޮވިޑް-19ގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތަށް މާގިރި ހޮޓެލް ނަގައިގެން އުޅުނު ދުވަސްވަރު، މިނިސްޓްރީގެ ބައެއް މުވައްޒަފުން ދިރިއުޅުނީ، އަލީ ވަހީދާ އެކު، މާގިރީގެ ހަވަނަ ބުރި އާއި ހަތް ވަނަ ބުރީގެ ކޮޓަރިތަކުގަ އެވެ.
އެކެއްގެ ބަޔާނުގައި ތުހުމަތުކުރި ގޮތުގައި އޭނާ އާއި އެހެން ބައެއް މުވައްޒަފުން އޭނާގެ ކޮޓަރީގައި ކައި އަދި އޫނޯ ކުޅެހަދަ އެވެ. އެތަނަށް އެ ބޮޑީގާޑު އަންނަ ކަމަށާއި އޭނާ އާއި އެހެން އަންހެނެއްގެ އަތުގައި ހިފައި ހަދާ ކަަމަށް ތުހުމަތުކުރި އެވެ.
އެއް ރެއަކު އޫނޯ ކުޅެން އަހުމަދު އުޅުމުން އެކަމާ ހިތްހަމަނުޖެހިގެން އެއް އަންހެނަކު ގޮސް އެނދުގައި އޮށޯތެވެ. ބަޔާނުގައި ތުހުމަތުކުރި ގޮތުގައި އަހުމަދު ގޮސް އެ އަންހެންމީހާގެ "ފޫކޮޅުމަތީގައި ބޯ އަޅައިގެން އެނދުމަތީގައި އުއްޑުން އޮތެވެ."
"މި ގޮތަށް އަހުމަދު ކަންތައް ކުރުމުން [ނަން ކަނޑާލާފައި] އޮށޯވެގެން އޮވެފައި ތެދުވީ އެވެ،" ބަޔާނުގައި ބުންޏެވެ.
ބޮޑީގާޑާ ބެހޭ ގޮތުން ދެން ލިއުނީ ވެސް އޭގެ ޒާތުގައި ކުޑަ ވާހަކައެއް ނޫނެވެ؛ މަޖަލަކަށް ހަދާފައި ކޮޓަރިއަށް ޕެޕާ ސްޕްރޭ ޖެހީ އެވެ.
"ޕެޕާ ސްޕްރޭ ޖެހުމުން އަޅުގަނޑާއި [ނަން ކަނޑާލާފައި] ފިޔަވައި ދެން ތިބި މީހުން އެ ރޫމުން ނުކުމެގެން ދިޔައީ އެވެ. އެހެންކަމުން އަޅުގަނޑުމެން ދެ މީހުން ކެއްސައި ކޮށިއަރައި، ކިނބިހި އަޅައި ލޮލުން ފެން އަ އެވެ،" ބަޔާނުގައިވެ އެވެ.
ބަޔާން ދިން އަންހެން މުވައްޒަފު ބުނި ގޮތުގައި އެ ވާހަކަ އަލީ ވަހީދަށް ދެންނެވުމުން "މިނިސްޓަ ހުންނެވީ މަޖާވެފަ އެވެ."
ކޮޓަރިއަށް ޕެޕަ ސްޕްރޭ ޖެހި މައްސަލާގައި އަހުމަދާ މެދު އެއްވެސް ފިޔަވަޅެއް އެޅިކަން އެނގިފައި ނެތް ކަމަށް، އެ މުވައްޒަފު ބުންޏެވެ.
މި މައްސަލާގައި 'ދައުރު'ން އެމްއެންޑީއެފްއަށް ގުޅީމެވެ. ނަމަވެސް އެމްއެންޑީއެފްގެ މީޑިއާގެ އޮފިޝަލުން ފޯނު ނުނަންގަވާތީ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.