އައްޑޫ ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް

އައްޑޫ ބްރިޖު

އައްޑޫ ބުރިޖުގެ ފީސިބިލިޓީ ސާވޭ ނިމިއްޖެ: ރައީސް

ރައީސް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ސާވޭގެ މައްޗަށް ކުރަންޖެހޭ ފީސިބިލިޓީގެ ބާކީބައި ކަމަށް؛ އެޔަށްފަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް

އައްޑު އަތޮޅު ހިތަދު އާއި ހުޅުދުއާ ދެމެދު އެޅުމަށް މި ސަރުކާރުން ޕްލޭން ކުރަމުން އަންނަ ބުރިޖުގެ ފީސިބިލިޓީ ސާވޭ ނިންމިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުޅުމީދު އާއި ހިތަދޫ ބުރިޖަކުން ގުޅާލުމަށް ރައީސް މުއިއްޒު ވެފައިވާ ވައުދާ އެއްގޮތަށް މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު 'ހަފްތާ ވެސް އައްޑޫ ބުރިޖު މަޝްރޫއަށް ބޭނުންވާ މަސައްކަތްތައް ފަށަން ވަނީ ހިނައިފަ އެވެ. އަދި އެ މަޝްރޫއުގެ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ ކެމްޕޭން ހަރަކާތެއްގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަދަންޖެހޭ ފީސިބިލިޓީގެ ފުރަތަމަ ސާވޭ މިހާރު ނިމިފައިވާ ކަމަށެވެ.

"އެ މަސައްކަތުގެ ފީސިބިލިޓީ މަސައްކަތް މިހާރު އެވަނީ ނިމިފައި. ދެން މިހާރު އެ ހިނގަނީ އެ ކުރެވުނު ސާވޭގެ މައްޗަށް ކުރަންޖެހޭ އެކިކަހަލަ ހިސާބުތައް ހެދުމާއި ފީސިބިލިޓީގެ ބާކީބައި. އެކަން ނިންމާފައި އަޅުގަނޑުމެން ދާނީ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާއަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މީގެ ކުރިން ވެސް ވައުދުފައިވާ ގޮތަށް މިއަހަރުގެ ތެރޭ ފަށާނެ ކަމަށެވެ. އެ ބުރިޖަކީ ހަގީގަތެއް ނޫންކަމަށް ދެއްކުމަށް އިިދިކޮޅުން، ބުރިޖު މަޝްރޫއުއާ ގުޅުވައި ދައްކަމުން އަންނަ ވާހަކަތައް ގަބޫލުނުކުރުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ އެފަދަ ވާހަކަތައް ސިނަމާލެ ބުރިޖުގެ މަޝްރޫއު ފެށި އިރު ވެސް އެމީހުން ދައްކަމުންދިޔަ ކަމަށެވެ. 

މި ބުރިޖަކީ ހަމައެކަނި ހަމައެކަނި 30 މީހުން ސައިކަލު ދުއްވާލަން އަޅާ ބުރިޖެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ބުރިޖުގެ ސަބަބުން މުޅި އައްޑޫ ސިޓީއާ ދެކުނަށް ލިބިގެންދާނީ "އެތައް ގުނަ ތަރައްގީ" ކަމަށެވެ.

އެނގުން މުހިންމު - އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލަން އަޅަން ނިންމާފައިވާ ބުރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މިސުރުގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ 'ދަ އެރަބް ކޮންޓްރެކްޓާޒް'އާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ މަހުގެ 19ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް