ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ކެނދިކުޅުދުއަށް ކުރެއްވި ކެމްޕޭން ދަތުރެއްގެ ތެރެއިން. (ފޮޓޯ/ ސޯލިހުގެ ކެމްޕޭނު ޓީމު)

ކުރީގެ ރައީސް ސޯލިހު ސަރުކާރަށް: ކެނދިކުޅުދޫ ހޮސްޕިޓަލް ފަރުވާކުޑަ ނުކޮށް އަޅައިދީ، ފައިސާ ހުންނާނީ ހަމަޖައްސާފައި

އެ ހޮސްޕިޓަލުގެ މަސައްކަތް ނިމޭނެ ކަމަށް އައިލްސް ވެބްސައިޓުގައި ލަފާކޮށްފައި ވަނީ މި އަހަރުގެ ނިޔަލަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭން ތެރޭގައި ބިންގާ އެޅުއްވި ނ. ކެނދިކުޅުދޫ ހޮސްޕިޓަލްގެ މަސައްކަތް ފަރުވާ ކުޑަނުކޮށް، ބާރު ސްޕީޑުގައި ނިންމައިދިނުމަށް އެމަނިކުފާނު މި ސަރުކާރަށް ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް މިވަގުތު ނ. އަތޮޅަށް ކުރައްވަމުންދާ ދަތުރުގައި، ސޯލިހު ވަނީ އެ އަތޮޅު ކެނދިކުޅުދުއަށް ވަޑައިގެން، ހޮސްޕިޓަލް އަޅަމުންދާ ސަރަހައްދަށް ޒިޔާރަތް ކުރައްވާފަ އެވެ. އެތަނުގައި ހުންނަވައިގެން އެމަނިކުފާނު މި ސަރުކާރަށް ގޮވާލެއްވީ، އަވަހަށް އެތަނުގެ މަސައްކަތް ނިންމައި ދެއްވުމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުގެ އެދުމަކީ، މި ސަރުކާރުން ފަރުވާކުޑަ ނުކޮށް، މި މަސަައްކަތް ބަރާބަރަށް ކުރިއަށް ގެންގޮސްދީ، ޝެޑިއުލާ އެއްގޮތަށް މިކަން ނިންމައިދިނުން،" އެ ހޮސްޕިޓަލް އެޅުމުން ސަރަހައްދުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވި އެވެ.

"ފައިސާ ވެސް ހުންނާނެ އެކަމަށް ހަމަޖެހިފައި. ބޭންކް އޮފް މޯލްޑިވްސް އިން ފައިސާ ހޯދާފައި އަޅުގަނޑުމެން މި މަސައްކަތް ފެށީ. އެހެންވީމަ، ދައްޗެއް ނެތި ކުރިއަށް ގެންދެވެން ޖެހޭނެ މަޝްރޫއެއް، މި މަޝްރޫއަކީ."

ފާހަގަކޮށްލެވޭ - ކެނދިކުޅުދޫ ހޮސްޕިޓަލަށް ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވާ ފައިސާގެ އަދަދަކީ:

  • މިއަހަރުގެ ޑޮމެސްޓިކް ބަޖެޓުން: 3.9 މިލިއަން ރުފިޔާ

  • އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި: 5 މިލިއަން ރުފިޔާ

ނަމަވެސް ސަރުކާރުގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ޝާއިއުކުރާ އައިލްސް ވެބްސައިޓުގައި ވާ ގޮތުން، ބަޖެޓުގައި ހިމަނާފައިވާ ފައިސާގެ އަދަދަކީ:

  • މި އަހަރުގެ ޑޮމެސްޓިކް ބަޖެޓުން: 8.2 މިލިއަން ރުފިޔާ

  • އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި: 1.2 މިލިއަން

އެ މަޝްރޫއާ ބެހޭ މައުލޫމާތު އެންމެ ފަހުން އަޕްޑޭޓް ކޮށްފައިވަނީ ވެރިކަން ބަދަލުވި ފަހުން 12 ޑިސެމްބަރުގަ އެވެ. އެ އަޕްޑޭޓުގައި  އަންދާޒާ ކޮށްފައިވަނީ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އެނގުން މުހިއްމު - ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ ސާސޭ ކޮންސްޓްރަކްޝަންއާ އެވެ. އެގޮތުން:

  • އެ މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖެނުއަރީގައި، 193 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް

  • މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ފާހަގަކޮށްލެވޭ - ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ، އެމަނިކުފާނު ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން މިދިޔަ ހަފްތާގައި ކެނދިކުޅުދުއަށް ވަޑައިގެންފަ އެވެ. ނަމަވެސް އެރަށުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އެރަށު ހޮސްޕިޓަލާ ބެހޭ އެއްވެސް ވާހަކައެއް ނުހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް