ރައީސް މުހައްމަދު މުއިއްޒު ރ. މީދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ ރައީސް އޮފީސް)

މި ދައުރު ނިމޭއިރު ކޮންމެ ރައްޔިތަކީ މުއްސަންޖަކަށް ވާން ބޭނުން: ރައީސް

ރައީސް ވިދާޅުވީ، އާމްދަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރައްޔިތުން މުއްސަނދި ކޮށްދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ކުރިއަށް ދާނެ ކަމަށް

އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް ފުދުންތެރި މުއްސަންޖަކަށް ހަދައިދޭން ބޭނުންފުޅުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ، މިވަގުތު ރ. އަދި ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރ. މީދޫއަށް ވަޑައިގެން، މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑަށް އެންމެ މުހިއްމީ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވެގެން ދާން. ކޮންމެ ފަރުދަކު، ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވާން އަޅުގަނޑު ބޭނުން، އަޅުގަނޑުގެ މި ދައުރު ނިމޭ އިރު،" ރައީސް ވިދާޅުވި އެވެ.

އެ މުއްސަނދިކަމުގެ ތެރޭގައި އާމްދަނީގެ ގޮތުން ލިބޭ މުއްސަނދިކަމުގެ އިތުރުން ވެސް، އެހެނިހެން ކަންކަން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ފާހަގަކުރެއްވީ:

  • ގެދޮރުވެރިކަން ހާސިލްވެގެން ލިބޭ މުއްސަނދިކަން

  • އިޖުތިމާއީ ގޮތުން ލިބޭ ހިތްހަމަޖެހުމުގެ ތެރެއިން ހިތަށް ލިބޭ މުއްސަނދިކަން

  • ދިރިއުޅުން ފަހިވެގެން ގޮސް، ދަރިންނަށް ބޭނުންވާ ކަންތައްތައް ފަހިކުރެވިގެން ގޮސް ލިބޭ އުފާވެރިކަމުގެ މުއްސަނދިކަން

  • ގައުމު އޮތީ ސަލާމަތްތެރިކަމާއި މިނިވަންކަމުގެ މަތީގައިކަން، އަދި ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާކަން ޔަގީންވެގެން އެ ލިބޭ އިހުސާސްގެ މުއްސަނދިކަން

"އެއީ އަޅުގަނޑު ބޭނުންވާ އަމާޒަކީ މި ގައުމު ގެންދަން. އެހެންވީމަ އެ މަގުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އަޅުގަނޑު މި މަސައްކަތް މި ކުރަނީ،" ސަރުކާރަށް ނިސްބަތްވާ އެކި މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރައްވަނީ އެ މަގުން ކަމަށް ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އެގޮތުން ރ. މީދޫގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި އެ މަނިކުފާނު ވިދާޅުވީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެއަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ރ. ތާވަތާ މީދޫ ކައުންސިލަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި އެ ރަށު ރައްޔިތުންނަށް ފައިދާވާ ގޮތަށް، އެ ސަރަހައްދުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފާހަަގަކޮށްލެވޭ - ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެއް ރަށުގެ ތެރޭގައި ހިމެނޭ މީދޫއަށް މީގެ އިތުރުން ވެސް ރައީސް ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި:

  • ރަށުގެ ބިން ހުސްވެ ގެދޮރުގެ ދަތިކަން ބޮޑުވެފައި ވާތީ، މީދޫ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑަކަށް މިއަހަރުގެ ތެރޭގައި ހިއްކައިދީ ނިންމާނެ

  • އެރަށުގައި ހޮސްޕިޓަލެއް އަޅާނެ

  • ރައްޔިތުން އެދިލައްވާ ގޮތަށް، 500 ފޫޓު އިތުރަށް ބޮޑުކޮށް ބަނދަރު ހަދާނެ

  • އިސްލާމީ މަރުކަޒެއްގެ ގޮތުގައި ބޭނުން ހިފޭ ވަރުގެ ބޮޑު މިސްކިތެއް އަޅާނެ

  • މި އަހަރު މަސައްކަތް ނުފެށުނަސް ރަށުގެ މަގުތައް ހަދައިދޭން

  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް އަޅަން މަސައްކަތް ކުރާނެ

ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވެސް، އެ މަނިކުފާނު ކޮންމެ ރަށަކަށް ވަޑައިގެން ތަކުރާރު ކުރައްވާ ބައެއް ވާހަކަފުޅުތައް ތަކުރާރު ކުރެއްވި އެވެ. އެގޮތުން ކުރީ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތަށް ފާޑުވިދާޅުވެ ސަރުކާރު ބަދަލުވި އިރު ވާރުތަވި ދަރަނީގެ ކަންކަން ހަމަޖައްސަމުންދާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ތަސައްވަރު ކުރައްވާފައިވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސް ރައްޔިތުން ބޭނުންވާ ފަދައިން އިގްތިސާދީ ކުރިއެރުން ހޯދާ، ގައުމުގެ މިނިވަންކަން ނެގެހެއްޓުމަށްޓަކައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ޞައްދާމު

3 މާރިޗު 2024
މޮޔަފުޅުވީތޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް