ރާއްޖޭގެ އަށް ވަނަ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މިހުރީ ﷲ ގަންދީ ހުވާ ކޮށްގެން، ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނުކުރާނަން: ރައީސް

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، އިންތިހާބާ ބެހޭ ބިލް ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުރުމުން، އެ ބިލް ތަސްދީގު ކުރައްވާނެ ކަމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި
28 ފެބްރުއަރީ 2024

ވެރިކަމަށް ވަޑައިގެންނެވީ ﷲ ގަންދީ ހުވާކުރައްވައިގެން ކަމަށް ވިދާޅުވެ، ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިރޭ ރައްޔިތުންނަށް ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރަން ލާޒިމްވާ ގޮތަށް ދެވަނަ ފަހަރަށް މިއަދު މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ތަސްދީގު ކުރައްވާނެ ކަމާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، ރައީސް ގާނޫނުއަސާސީއާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަން ދެއްވީ އުތުރުގެ އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިރޭ ނ. މަނަދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށްޓަކައި، ގާނޫނީ އިމުގެ ތެރެއިން. އަޅުގަނޑު ރައްޔިތުންނަށް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ދޭން ބޭނުންވާ ފުރިހަމަ ޔަގީންކަމަކީ ހަމަ އެއްވެސް ކަމެއް ނުކުރާނަމޭ ގާނޫނުއަސާސީއާ ހިލާފަކަށް. އެއްވެސް ކަމެއް އަޅުގަނޑުގެ ކިބަޔަކުން ނުފެންނާނެ، ނުވެސް ކުރާނަން، ގާނޫނުއަސާސީއާ ހިލާފަކަށް،" ރައީސް ތަކުރާރުކުރެއްވި އެވެ.

"އެއީ އަޅުގަނޑު މިހުރީ ﷲ ގަންދީ ހުވާކޮށްގެން. އަޅުގަނޑަކީ އަދި ހުވައެއް ނުކުރިޔަސް ބުނާ ކޮންމެ ބަހެއްގައި އަޅުގަނޑުގެ އިތުބާރު އޮންނަން ބޭނުންވާ މީހެއް. އެހެންވީމަ އަޅުގަނޑުގެ ކިބައިން ފެންނާނީ އަބަދުވެސް ގާނޫނުއަސާސީއާ އެއްގޮތަށް ކަންތައްތައް ކުރާ ތަން."

ރައްޔިތުންނަށް އެ ޔަގީންކަން ދެއްވަނީ، ރައީސް ވިދާޅުވި ގޮތުގައި، މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން، އެ އިތުބާރު ރައްޔިތުންގެ ކިބައިން އެމަނިކުފާނު ބޭނުންވާތީ އެވެ.

ރައްޔިތުންގެ ގާތަށް ވަޑައިގަތީ ވެސް ރައްޔިތުންނަށްޓަކައި ކުރަން ޖެހޭ މަސައްކަތް ބުރަ ވާނެކަން އެނގިވަޑައިގެން ހުންނަވާ ކަމަށާއި، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެކަންކަން ހާސިލްކުރަން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށް މަނަދޫގައި ދެއްކެވި ވާހަކަފުޅުގައި ވެސް ތަކުރާރު ކުރެއްވި އެވެ.

ފާހަގަކޮށްލެވޭ - ގާނޫނުއަސާސީއާ ހިލާފު ނުވާނެ ކަމަށް ރައީސް މިރޭ ވިދާޅުވި އިރު، މިއަދު ހަވީރު ނ، ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވީ، "17 މާޗުގައި އޮންނަ އިންތިހާބުގައި، އެދުވަހު ލާ ވޯޓުގައި" ސަރުކާރާ އެއްކޮޅަށް ގޮތް ނިންމައިދިނުމަށެވެ.

އެނގުން މުހިއްމު - ދެވަނަ ފަހަރަށް ބިލު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، ރައީސް އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް އެ 91 ވަނަ މާއްދާގެ ށ. ގައި އެކަމަށް ވަކި މުއްދަތެއް ބުނެފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަން މަޖިލިހުން ފާސްކުރި ބިލު ތަސްދީގު ނުކޮށް މަޖިލީހަށް ފޮނުވާލައި، މަޖިލީހުން އެ ބިލް ދެވަނަ ފަހަރަށް ފާސްކުރުމުން، މިއަދު ކުރިމަތިވެފައިވާ ފަދަ ހާލަތެއް އުފެދުނެވެ.

ދެވަނަ ފަހަރަށް މަޖިލީހުން އެ ބިލު ފާސްކޮށްފައިވަނިކޮށް، އެ ބިލު ތަސްދީގު ކުރުމަށް ގާނޫނުއަސާސީގައި ވަކި މުއްދަތެއް ނެތް ކަމަށް ވިދާޅުވެ ގާނޫނުއަސާސީގެ 91 ވަނަ މާއްދާއާ ހިލާފަށް ނަޝީދު އަމަލުކުރައްވާތީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ. އެއާއެކު:

  • އެ މައްސަލާގައި ގާނޫނުއަސާސީގެ 91 މާއްދާ ތަރުޖަމާ ކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް އޭރުގެ އިދިކޮޅުން މައްސަލައެއް ހުށަހެޅި

  • މައްސަލަ ހުށަހަޅުއްވި ތިން ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ އޭރުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި މިހާރު ސީނިއަ މިނިސްޓަރު ފެންވަރުގައި ހުންނަވާ ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ 

އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައިވަނީ،  "އިންސާނީ ބާރު ނުފޯރާ ފަދަ، އިހްތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ، ލަސްކުރުމަކާ ނުލައި އެ މާއްދާގައި [ގާނޫނުއަސާސީގެ 91 ވަނަ މާއްދާގައި] ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރަން ވާނެ" ކަމަށެވެ.

އެ މާއްދާގެ ހ. ގައި ބުނަނީ 15 ދުވަހުގެ ތެރޭގައި ރައީސް އެ ބިލެއް ތަސްދީގުކުރަން ޖެހޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް