ތޮއްޑޫގެ ކަރާ ދަނޑުތަކެއް: ރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ކުރިއަރުވަން އިސްކަން ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި (ފޮޓޯ/ތޮއްޑޫ ކައުންސިލް)

ދަނޑުވެރިކަން

ބިން ބޮޑެތި ރަށްތަކަށް ދަނޑުވެރިކަމުގެ އިންވެސްޓްމެންޓްތައް ހޯދައިދޭނަން: ރައީސް

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމުގެ އިތުރުން ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ބާވަތްތައް އުފެއްދުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް
21 ފެބްރުއަރީ 2024

ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވަން ބިން ބޮޑެތި ރަށްރަށަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އިންވެސްޓްމެންޓްތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދެކުނުގެ އަތޮޅުތަކަށް އެމަނިކުފާނު ކުރައްވަމުންދާ ދަތުރުފުޅުގައި ގއ. ކޮނޑޭއަށް ވަޑައިގެން ދަނޑުވެރިކަމާ ގުޅޭ ގިނަ ވައުދުތަކެއް ވެވަޑައިގަތެވެ.

ބުނީ ކީކޭ؟ - "ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން، އެއީ ފުޑް ސެކިޔުރިޓީ ގާއިމްކުރުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ވަރަށް ބޮޑު، ވަރަށް އެމްބިޝަސް، ވަރަށް މުހިއްމު ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ގއ. ކޮނޑޭ ރައްޔިތުންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ކާބޯތަކެތި ގެންނަނީ ބޭރު ގައުމުތަކުން ކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިސޯޓުތަކަށް ބޭނުންވާ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަކީ ވެސް އެ ސިޔާސަތުގެ އަމާޒެކެވެ.

ކޮނޑޭއަކީ ރާއްޖޭގައި ދަނޑުވެރިކަމަށް ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ އެރަށުގައި ދަނޑުވެރިކަން ފުޅާކުރަން ބިމުގެ ބޭނުން ވަރަށް ބޮޑަށް ޖެހޭނެ ކަމަށެވެ.

"އަދި މިގޮތަށް ހުރި، ދެން ހުރި ބިން ބޮޑެތި، އަދި މިހާތަނަށް ވެސް އެގްރިކަލްޗާ، ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށްތަކުގައި އަޅުގަނޑުމެން ގަސްތުކުރަނީ މި ދެންނެވި ގޮތަށް މުހިއްމު އިންވެސްޓްމެންޓް ގެންނަން އެގްރިކަލްޗާ ދާއިރާއިން،" ރައީސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ކޮނޑޭގެ ކައުންސިލާއި ރަށު ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް އެރަށުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އެމަނިކުފާނު ވިދާޅުވީ:

  • ދަނޑުވެރިކަމުގެ އެ މަޝްރޫއާ ގުޅިގެން ރަށުގެ ބަނދަރު ވެސް ބޮޑު ކުރަން ޖެހޭނެ؛ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ގޮތަށް އެ ބަނދަރު ވެސް ވީހާ އަވަހަކަށް ހަދައިދޭނެ

  • ކޮނޑޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް ރަށުގައި ރޯ ހައުސްތަކެއް އަޅައިދިނުމަށް ކައުންސިލުން އެދުނު؛ އެކަމަށް މަސައްކަތްތަކެއް ކުރާނެ

  • ކައުންސިލް ބައްދަލުވުމުގައި ރަށުގެ ފަރާތުން ފާހަގަކުރި އެހެން ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް