ވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފޮރިން މިނިސްޓަރު ޒަމީރު މަގާމުގެ އިގުރާރުގައި ސޮއިކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ފަލަސްތީން

ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އައިސީޖޭގައި އަންނަ ހަފްތާގައި ބަޔާން ދޭނެ: މިނިސްޓަރު

އިޒްރޭލުން ހިފާފައިވާ ބިންތަކުގައި އެ ގައުމުން އަމަލުކުރަމުންދާ ގޮތާމެދު އުފެދޭ ގާނޫނީ ސުވާލުތަކާ ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަަކަށް އެދިފައިވާ މައްސަލާގައި ދޭ ބަޔާނެއް
21 ފެބްރުއަރީ 2024

ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި އަންނަ ހަފްތާގެ ހޯމަ ދުވަހު ރާއްޖެއިން ބަޔާނެއް ދޭނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ސަރުކާރުގެ ސްޓޭންޑް ސާފުކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ މިނިސްޓަރު ހާޒިރުކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ ކޮމިޓީގައި ވާހަކަދައްކަވަމުން، ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ، އިރުމަތީ ގުދުސް ހިމެނޭހެން އިޒްރޭލުން ހިފާފައިވާ ބިންތަކުގައި އެ ގައުމުން އަމަލުކުރަމުންދާ ގޮތާމެދު އުފެދޭ ގާނޫނީ ސުވާލުތަކާ ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަަކަށް އެދިފައިވާ މައްސަލާގައި ރާއްޖެއިން ބަޔާން ދޭނެ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ:

  • ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިން މިދިޔަ އަހަރުގެ ޖުލައި 25ގައި ރާއްޖެއިން ވަނީ އައިސީޖޭއަށް ލިޔުމުން ބަޔާނެއް ހުށަހަޅާފައި

  • މި މައްސަލައާ ގުޅޭ ގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހު އައިސީޖޭގައި ދިވެހިރާއްޖެ އިން އަނގަބަހުން ބަޔާން ދިނުމަށް ތާވަލުކުރެވިފައިވޭ؛ ސަރުކާރުން ދަނީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން

އިޒްރޭލުން ހިފާފައިވާ ބިންތަކުގައި އެ ގައުމުން އަމަލުކުރަމުންދާ ގޮތާމެދު އުފެދޭ ގާނޫނީ ސުވާލުތަކާ ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަަކަށް އެދިފައިވާ މައްސަލާގައި 52 ގައުމަކާއި ތިން ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ބަޔާން ދޭން ހަމަޖެހިފައިވެ އެވެ.  

އެ މައްސަލާގައި ބަޔާން ދިނުމުގެ އިތުރުން، އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަށް ވެސް ރާއްޖެއިން ތަދައްހުލުވެ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މިއަދުގެ ކޮމިޓީގައި މިނިސްޓަރު ވަނީ ފަލަސްތީނުގެ މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅޭ ސްޓޭންޑް ސާފުކޮށްދެއްވާ، އެކަމާ ގުޅިގެން މެމްބަރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. އެގޮތުން ޒަމީރު ވިދާޅުވީ:

  • ރާއްޖެއިން ވަކާލާތު ކުރަނީ 1967ގެ ކުރިން ބޯޑަރުތައް ހުރިގޮތަށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމަށް ކަނޑައަޅާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރަން

  • އިޒްރޭލާއި ފަލަސްތީނަށް ވެސް ދެގައުމަށް ލިބެން ޖެހޭ ހައްގުތައް ލިބިގެން ވަކި ދެ ގައުމުގެ ގޮތުގައި 'ކޯ-އެގްޒިސްޓް' ކުރެވޭނެ ކަމަށް ރާއްޖެއިން ގަބޫލުކުރޭ

"އަޅުގަނޑުމެން މި ގެންގުޅޭ ޕޮޒިޝަންއަކީ ފަލަސްތީނުގެ ސަރުކާރާއި އަރަބި ގައުމުތަކާއި އެހެން ވެސް ވަރަށް ގިނަ ގައުމުތަކާއި ޖަމިއްޔާތަކުން ވެސް ގެންގުޅޭ ކޮމަން ޕޮޒިޝަން،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް