ރައީސް މުހައްމަދު މުއިއްޒު (ކ) ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ އެކު. (ފޮޓޯ/ރައީސް އޮފީސް)

ފަލަސްތީން

ގައްޒާއަށް ރާއްޖޭގެ އެހީ އިތުރުކުރުމަށް މަސައްކަތް ކުރާނަން: ޒަމީރު

މިނިސްޓަރު ވިދާޅުވީ، ފުރުސަތު ލިބުނުހާ އަވަހަކަށް ގައްޒާއަށް ތަކެތީގެ އެހީ ޑެލިވާކުރަން ވެސް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް
21 ފެބްރުއަރީ 2024
1

ރާއްޖެއިން މިހާރު ފަލަސްތީނަށް ފޯރުކޮށްދެމުންދާ ވަރަށްވުރެ އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ރަސްމީކޮށް މަޝްވަރާ އަރުވާނެ ކަމަސް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަރުކާރުން އެ މައްސަލާގައި ގެންގުޅޭ ސްޓޭންޑް ސާފު ކުރުމަށްޓަކައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިނިސްޓަރު ހާޒިރުކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ރައްޔިތުން ވަރަށް އިހުލާސްތެރިކަމާ އެކު ބޮޑެތި ހަރަދުތަކެއް ކުރަމުންދާ އިރު ސަރުކާރުން އެކަމަށް ހޭދަކުރާ އަދަދު މާ ކުޑަ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ފަލަސްތީނަށް ސަރުކާރުން ކުރަމުންދާ ހޭދަ ބޮޑުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ހަމަ ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އަރުވާނަން. އިއްޒަތްތެރި މެމްބަރު ތިޔަ ދެއްވި ހިޔާލުފުޅު އަޅުގަނޑު ހަމަ ބަލައިގަންނަން،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް އިތުރަށް ކޮށްދިނުމަކީ ރައްޔިތުން ވެސް ބަލައިގަންނާނެ ކަމެއްކަން ފާހަގަކުރައްވައި ރައީސްއަށް އެކަން ރަސްމީކޮށް ދަންނަވާނެ ކަމަށް އޭނާ ތަކުރާރު ކުރެއްވި އެވެ.

ފާހަގަކޮށްލެވޭ - ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (އަންރާ) އަށް ފައިސާ ފޮނުވުމަށް ހުޅުވާލާ ކޮންމެ ފަހަރަކު ރާއްޖެ ސަރުކާރުގެ ފަރާތުން ދީފައިވާ ފައިސާގެ އަދަދު މިނިސްޓަރު ވަނީ މިއަދުގެ ކޮމިޓީގައި ހިއްސާކުރައްވާފަ އެވެ. އެގޮތުން ރާއްޖެއިން ކޮންޓްރިބިއުޓް ކޮށްފައިވަނީ:

  • 2000 އިން ފެށިގެން 2019 އާ ހަމައަށް ކޮންމެ އަހަރު 1،000 ޑޮލަރު

  • 2021 ގައި 6،000 ޑޮލަރު

  • 2022ގައި 5،000 ޑޮލަރު

  • 2023ގައި ވެސް 5،000 ޑޮލަރު

ތަފްސީލް - މިނިސްޓަރު ވިދާޅުވި ގޮތުގައި، ފައިސާގެ އެހީ ދިނުމުގެ އިތުރުން ވެސް ގައްޒާއަށް ތަކެތީގެ އެހީ ފޮނުވުމުގެ މަސައްކަތް ރާއްޖެއިން ދަނީ ކުރަމުންނެވެ.

"އަޅުގަނޑުމެން ކެނޑިނޭޅި [އެހީ] ރައްދު ކުރުމުގެ މަސައްކަތް އެބަ ކުރަން. އެކަމަކު ވާގޮތަކީ، ވަރަށް އުނދަގޫ ޕެސެޖެއް މި އޮންނަނީ ފަލަސްތީނަށް އެއްޗެހި ފޮނުވަން. އެހެންވީމަ އަޅުގަނޑުމެން މިހާރު މިއުޅެނީ މިސްރު ސަރުކާރާ މަޝްވަރާކޮށްގެން، [އެހީ] ފޮނުވުމުގެ ކަންތައް މިސްރު މެދުވެރިކޮށް ކުރެވޭތޯ،" ޒަމީރު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ، މިހާތަނަށް އެ ފުރުސަތު ނުލިބޭ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި:

  • އެންމެ ފަހުން ލިބުނު ބްރީފްގައި މިސްރު ސަރުކާރުން ބުނެފައި ވަނީ ވަރަށް އަވަހަށް އެހީ ފޮނުވޭނެ ގޮތްތަކެއް މަގުފަހިވާނެ ކަމަށް

  • އެ ފުރުސަތު ލިބެންވާ އިރަށް ރާއްޖެއިން މިހާރު ވެސް އޮތީ އެހީގެ ގޮތުގައި ފޮނުވާ ތަކެތި ޑެލިވާ ކުރަން ތައްޔާރުވެގެން

މިއަދުގެ ކޮމިޓީ ނިންމާލީ ގައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަދިޔާކުރުމަށް ނިންމާފައިވާ ދެ މިލިއަން މަސްދަޅު ވީހާ ވެސް އަވަހަކަށް ހަދިޔާ ކޮށްދެއްވުމަށް މެމްބަރުން އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓް (1)

ބޮޑު ހަސަން

22 ފެބްރުއަރީ 2024
ކަލޯ ހަގީގަތް ގަބޫލު ކޮށް ބަލަ.ތިއުޅެނީ ފޮނުވަން ހުރި މަަސްދަޅު ކޮޅު ވެސް ނުފޮނުވިގެން.ބަޔަކު މީހުން ފިޔާކޮޅު ނުދިނީމަ ހެސްކިޔާފަ ފިޔާ އަގުބޮޑުވޭ.މީގެ ސަބަބުން ލާދަންއަށް ބޮޑު އަސަރު ކުރޭ.ގައުމެއްގެ ބަޔަކު ދިވެހިންގެ ގައުމުގެ ތެރެއަށްވަދެ މަސްވެރިންނަށް ގޯނާކޮށްފަ ދިޔައިރު އެކަމަށް ޖަވާބެއް ހޯދުން މާ މުހިންމު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް