އައްޑޫ ހުޅުމީދޫ-ހިތަދޫ ބްރިޖުގެ ފީޒިބިލިޓީ ސްޓަޑީތަކާއި ޑިޒައިންގެ މަސައްކަތް މިސްރުގެ އެރަބް ކޮންޓްރެކްޓާޒްއާ ހަވާލުކުރަނީ (ފޮޓޯ/ ރައީސް އޮފީސް)

އައްޑޫ ބްރިޖު

ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ފުރަތަމަ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފި

މިއަދު ހަވާލުކުރީ ފީޒިބިލިޓީ ސްޓަޑީތައް ހެދުމާއި ޑިޒައިން ކުރުމުގެ މަސައްކަތް؛ އެކަން ނިމުމާ އެކު އަމަލީ މަސައްކަތް ވެސް ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި
19 ފެބްރުއަރީ 2024
1

އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލަން އަޅަން ނިންމާފައިވާ ބްރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ 'ދަ އެރަބް ކޮންޓްރެކްޓާޒް'އާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާ އެކު ސޮއިކުރީ، ރައީސް މުހައްމަދު މުއިއްޒު މިވަގުތު ދެނުކުގެ އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި، ހުޅުމީދުއަށް ވަޑައިގެން ބޭއްވި ޖަލްސާގަ އެވެ.

ތަފްސީލް - ރާއްޖޭގައި މިހާތަނަށް އަޅަން އިއުލާންކޮށްފައިވާ އެންމެ ދިގު ބްރިޖު ކަމަށްވާ ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަޝްރޫއުގައި ސޮއިކުރެއްވީ:

  • ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

  • އެރަބް ކޮންޓްރެކްޓާޒްގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު ހިބާ އަބޫ އަލްއަލާ

ބުނީ ކީކޭ؟ - "އަޅުގަނޑު އެންމެ މުހިއްމު ވައުދެއްގެ ގޮތުގައި މި ސިޓީއަށް ވީ ވައުދު، އެއީ އައްޑޫ ބްރިޖުގެ ވައުދު، އެކަން ހަގީގަތަކަށް ހެެދުމުގައި އެންމެ މުހިއްމު އެއްބަސްވުމުގައި ސޮއި މި ކުރެވުނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ރާއްޖޭގެ ތާރީހުގައި ވެސް ހެދޭނެ އެންމެ ބޮޑު ބްރިޖް ހެދިގެން މިދަނީ. މިހާތަނަށް ވެސް، އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ރާއްޖެއަކު މިއަށް ވުރެ ބޮޑު ބްރިޖެއް ނުހެދޭނެ،" ދިގުމިނުގައި އެންމެ ކުޑަވެގެން ވެސް 14 ކިލޯމީޓަރު ހުންނާނެ ކަމަށް ބެލެވޭ ބްރިޖާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ:

  • މިފަދަ ބޮޑު މަޝްރޫއެއް ހިންގަން ޖެހޭނީ، ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ހިޔާލު ހޯދައި، ރަނގަޅަށް ދިރާސާކޮށްގެން

  • މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތް ނިމޭއިރު ބްރިޖު އޮންނާނެ ގޮތުގެ ތަފްސީލީ ޑިޒައިން ފެންނާނެ

  • މާނައަކީ، އެ ލިޔެކިޔުންތަކާ އެކީގައި ވަގުތުން ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރެވޭނޭ

"އިރާދަކުރެއްވިއްޔާ މި ބްރިޖް، އަޅުގަނޑު އުންމީދު ކުރަނީ، އަދި ޔަގީން ވެސް ކުރަނީ، މިއަދު މި ސޮއި ކުރެވުނު އެއްބަސްވުން ދެން ބަދަލުވެގެންދާނީ ކޮންޓްރެކްޓަކަށް،" މިސްރު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

"އަމަލީ މަސައްކަތުގެ ކޮންޓްރެކްޓަކަށްވެ، އިރާދަކުރެއްވިއްޔާ ހަމަ މި އަހަރު ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފަށާނަން."

ރައީސް އަންދާޒާ ކުރެއްވީ ތިން އަހަރާ ބައި ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، މި ދައުރުގެ ތެރޭގައި މި މަސައްކަތް ނިންމާ، މި ސިޓީގެ ރައްޔިތުން، ހިތަދޫން ހުޅުމީދުއަށް، ހުޅުމީދޫން ހިތަދުއަށް މުޅި ސިޓީ އެއްކޮށް ގުޅި ލާމެހިގެން ގޮސް، ދަތުރުކުރާތަން ފެނިގެންދާނެ،" ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް މުހައްމަދު މުއިއްޒު އައްޑުއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހުޅުމީދޫ ރައްޔިތުންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ގައުމަކަށް ކުރިއެރުން އަންނަނީ ހާއްސަ މުހިއްމު ކަންތައްތައް ކުރެވިގެންކަމަށް ވިދާޅުވެ، ބްރިޖު އެޅުމާ އެކު އައްޑޫގައި ސަރުކާރުން ދެން ކުރިއަށް ގެންދަން ނިންމާފައިވާ ކަންތައްތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ:

  • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ފުރިހަމަ ކުރުން

  • މަދުވެގެން 6،000 އެނދު އިތުރުކުރަން އަމާޒު ހިފައިގެން އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓު ފެށުން

  • ސީޕްލޭން ހަބެއް ގާއިމްކުރުން

"[ބްރިޖާ އެކު] މި ހަތަރު ކަންތައް އެކުއެކީގައި މި ސިޓީގައި ވެގެންދިޔައިމަ، މި ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނީ އިރާދަކުރެއްވިއްޔާ ތި ލޮބުވެތި ރައްޔިތުން އަބަދާއި އަބަދު އުންމީދުކުރަމުންދިޔަ އުފާފާގަތިކަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

އަހުމަދުވާފިރު

20 ފެބްރުއަރީ 2024
ބުރިޖުވެސް ،އެއާޕޯޓުވެސް،ޔޮޓުމެރީނާވެސް، ސީޕުލޭންވެސް،ގެސްޓުހައުސްވެސް، ބޭނުންކޮށްދީފިއްޔާރަނގަޅު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް