އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރި ދުވަސް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކޯޓުތައް ހިނގަނީ މިނިވަންކޮށް؛ އުންމީދަކީ ޔާމީނަށް އަވަސް އިންސާފެއް: ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ރާއްޖޭގައި ސިޔާސީ މީހުން ޖަލަށް ލުމުގެ ސަގާފަތެއް އޮތް ނަމަވެސް، އެއީ އެމަނިކުފާނު ނުކުރައްވާނެ ކަމެއް ކަމަށް؛ ނަމަވެސް ކުރާ ކުށަކަށް އަދަބު ލިބުމަކީ ތަފާތު ވާހަކައެއް ކަމަށް ވިދާޅުވި
18 ފެބްރުއަރީ 2024
2

ޝަރުއީ ނިޒާމު ހިނގަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޯޓުން ވަރަށް އަވަހަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި އެންމެ ގަދައަށް ދެއްކެވި އެއް ވާހަކަފުޅަކީ އަދި ވެވަޑައިގަތް އެންމެ މުހިންމު އެއް ވައުދުފުޅަކީ ވެރިކަން ލިބިވަޑައިގަތުމާ އެކު އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިނިވަން ކުރެއްވުމެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މި ވަގުތު ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެން ނަމަވެސް، އެ ގޮތަށް ބަދަލުކުރީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ކުރިން، ރިޔާސީ އިންތިހާބު ނިމުނުތަނާހެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

ޔާމީން މިނިވަންކުރުން ލަސްވެ، ޕާޓީގެ ލީޑަޝިޕް އާއި އާންމު މެމްބަރުންގެ މެދުގައި ބައިބައިވުން އުފެދި، ޔާމީން އިސްވެ ހުންނަވައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ ކޮންޓްރޯލް މިވަގުތު އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގަ އެވެ.

ޔާމީނަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލަ ހުކުމަކާ ހަމައަށް ގޮސްފައި އޮތް ނަމަވެސް، އެ ހިސާބުން މައްސަލަ އޮތީ ހުއްޓިފަ އެވެ. އަދި ދައުލަތުން ޔާމީނަށް ދައުވާ ކުރާ އިތުރު މައްސަލައެއް ވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.

ބުނީ ކީކޭ؟ - ރައީސް މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އައްޑޫ ފޭދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކަށް އަނިޔާ ނުކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.

"އަބަދާއި އަބަދު މި ގައުމުން މި ފެންނަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ހައްޔަރުކުރާތަން. ނޫނިއްޔާ އަދަބު ދީ، ބަންދު ކުރާތަން [ސިޔާސީ ވެގެން]،" ރައީސް ވިދާޅުވި އެވެ.

"އެހެނެއް ނޫން ކުށެއް ކޮށްގެން އަދަބު ދިނުމަކީ އަދި އެހެން ކަމެއް. ގާނޫނުގެ ވެރިކަން ހިނގަން ޖެހޭނެ ޑިމޮކްރެސީގައި ވެއްޖެއްޔާ. އަދި ގާނޫނުއަސާސީގެ މަހުފޫމަކީ ގާނޫނީ ވެރިކަމެއް ކުރުން. ގާނޫނުއަސާސީގެ ކުރިމަތީގައި، ގާނޫނުގެ ވެރިކަން ކުރުމުގައި އެއްވެސް މީހަކީ ތަފާތު ކުރެވޭނެ މީހެއް ނޫން."

ރައީސް މުހައްމަދު މުއިއްޒު އައްޑު އަތޮޅުގެ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މުހާތަބުކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ މި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޝަރުއީ ނިޒާމު ހިނގަމުން އަންނަނީ މިނިވަންކަމާ އެކީގައި ކަމަށާއި އެއީ ވެސް އެމަނިކުފާނު ފުއްދަވަމުން ގެންދަވާ ވައުދުފުޅެއް ކަމަށެވެ.

ތަފްސީލު - ގައުމަކަށް ހަމަޖެހުން އަންނާނީ އެ ގައުމެއްގެ ސިޔާސީ ވެރިންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މަގުފަހިވެގެންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މިހާ ދުވަސް ވެގެން ދިޔައިރު، ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ކަމެއް ނޫން. އެމަނިކުފާނަށް ވެސް އިންސާފު ލިބެން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

"އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. ޖަސްޓިސް ޑިލޭޑް އިޒް ޖަސްޓިސް ޑިނައިޑް."

ރައީސް މުހައްމަދު މުއިއްޒު އައްޑު އަތޮޅުގެ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މުހާތަބުކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)

"އަޅުގަނޑު އުންމީދު ކުރަނީ ޝަރީއަތުގެ ތެރެއިން އެމަނިކުފާނަށް ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް. އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރުގައި ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (2)

ޢަލީ

19 ފެބްރުއަރީ 2024
އިންސާފަކީ ޔާމިނު ސަލާމަތްވުންތަ؟ ނޫނީ އިންސާފަކީ ޔާމިނަށް ޙައްޤު އަދަބު ލިބުންތޯ؟
0 0

މެކުނު

19 ފެބްރުއަރީ 2024
ކުރީފަހަރު ހުސްގޮނޑި.. މިފަހަރު ފޭކްވާހަކަ ތިޔަކަށް ދެން މަމެން ނުހެއްލޭނަން.. ވަރަށް ސަލާމް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް