ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޑުއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އައްޑޫ

އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނަން: ރައީސް

ރައީސް މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ބްރިޖު މަޝްރޫއުގެ ޑިޒައިން ފީސިބިލިޓީ މަސައްކަތް ފަށަން ވަނީ ރާވާފައި
18 ފެބްރުއަރީ 2024

ދައުރުގެ ފަހުކޮޅަށް ނުބާއްވައި، އައްޑޫގެ ހިތަދު އާއި ހުޅުދުއާ ދެމެދު އަޅާ ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އައްޑުއަށް ވަޑައިގެން، ހަވީރު މަރަދު އާއި މަރަދޫފޭދޫ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އައްޑޫ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ބައެއް މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.

"މި ދަތުރުގައި އަޅުގަނޑުމެން ފަށަން މި މަސައްކަތް ކުރަނީ މި ސިޓީގެ ތަރައްގީއަށް ކުރިއަށްގެންދަން އަޅުގަނޑު ވައުދުވެފައިވާ އެންމެ ބޮޑު މަޝްރޫއުގެ ޑިޒައިން ފީސިބިލިޓީގެ މަސައްކަތް. އެއީ ބްރިޖުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު އައްޑު އަތޮޅުގެ މަރަދު އާއި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - ޑިޒައިން ފީސިބިލިޓީގެ މަސައްކަތް ކުރަނީ، ރައީސް ވިދާޅުވި ގޮތުގައި، ހިލޭ އެހީއެއްގެ ދަށުންނެވެ. އަދި އެ މަސައްކަތް ނިމުމާ އެކު މި އަހަރު އެ ބްރިޖުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާ ވެސް ކުރިން ތަރައްގީގެ މަސައްކަތް ފެށޭތޯ. ދައުރުގެ ފަހުކޮޅަށް މަޑުކޮށްފައި ތަރައްގީގެ މަސައްކަތްތައް ފެށުމަކީ ޒިންމާދާރު ގޮތެއް ކަމަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.

"އިގްތިސާދުގައި ބުންވަރު ޖައްސަމުން، އިގްތިސާދަށް ކުރިއެރުން ގެންނަމުން މަސައްކަތް ކުރާނީ."

ހުޅުދޫ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ ޓައިމްސް އޮފް އައްޑޫ)

ގުޅުން ހުރި ކަމެއް - މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު 'ހަފްތާ 14'ގައި ވެސް އައްޑޫ ބްރިޖު މަޝްރޫއަށް ބޭނުންވާ މަސައްކަތްތައް ފަށަން ހިމަނާފައިވެ އެވެ. އަދި އެ މަޝްރޫއުގެ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ވައުދުފުޅެކެވެ. ޖަލު ހުކުމެއް ކުރިމަތިވެ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުގެ ކުރިން 2021ގައި އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ޔާމީން ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އެ ބްރިޖުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް