27 ޖެނުއަރީ 2024: ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީގެ ތެރެއިން
20 ވަނަ ރައްޔިތުންގެ މަޖިލީހަށް 360 އަށް ވުރެ ގިނަ ކެންޑިޑޭޓުން ފޯމް ހުށަހަޅައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 360 އެއްހާ ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޖުމްލަ 93 ދާއިރާ ހިމެނޭ މިފަހަރުގެ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30ގަ އެވެ. އެ ފުރުސަތު މިއަދުގެ 2 ޖެހިއިރު ވަނީ ބަންދުވެފަ އެވެ. އީސީން ބުނެފައިވަނީ އެ މުއްދަތު އިތުރު ނުކުރާނެ ކަމަށެވެ.
ތަފްސީލް - އީސީގެ ރައީސް ފުވާދު ތައުފީގު މިއަދު 'ދައުރު' އަށް ވިދާޅުވި ގޮތުގައި، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަަދަށް ހަމަވި އިރު 360 ފޯމު އެ ކޮމިޝަނަށް ވަނީ ލިބިފަ އެވެ.
"އޭގެ އިތުރުން 2 ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން މިހާރު އަޅުގަނޑުމެންނަށް ލިބިފައިވާ ފޯމުތަކެއް ވެސް އެބައުޅޭ. އެއީ ހަ ވަރަކަށް ފޯމު ކަމަށް ބެލެވެނީ. އެ ފޯމުތައް ޕްރޮސެސްކޮށް ނިމުނީމަ ސީދާ ޔަގީން އަދަދެއް ބުނަން އެނގޭނީ. ނަމަވެސް 360 އެއްހާ މީހުން ކުރިމަތިލާން ފޯމު ހުށަހަޅާފައިވަނީ،" ފުވާދު ވިދާޅުވި އެވެ.
ފުވާދު ވިދާޅުވީ މިފަހަރުގެ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ލިބިފައިވާ އަދަދާ ބަލާ އިރު، މީއީ ކުރީގެ ފަހަރުތަކަށް ވުރެ މަދު އަދަދެއް ކަމަށެވެ. އެގޮތުން މީގެ ކުރީގެ ފަހަރުތަކުގައި މަޖިލިސް އިންތިހާބަށް އެވުރެޖުކޮށް 450 އާއި 500 އާ ދެމެދުގެ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަން ފުއާދު ފާހަގަ ކުރެއްވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ދަ ޑިމޮކްރެޓްސްެގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރަން 41 ދާއިރާއަކަށް 41 ކެންޑިޑޭޓަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ދެން ހުރި ޕާޓީތަކުން ފޯމު ހުށަހަޅާފައިވާ ސީދާ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.
އެނގުން މުހިންމު - މަޖިލިސް އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބާއްވާތީ ބައެއް އާންމުންގެ އިތުރުން، ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ މިހާރު ވަނީ ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް ގާނޫނަށް ބަދަލުގެނެސްފަ އެެވެ. ނަމަވެސް އެ ބިލް އަދި ރައީސް ތަސްދީގެއްް ނުކުރައްވަ އެވެ. އެހެންވެ އިންތިހާބު ބާއްވާނެ ތާރީހެއް އަދި އީސީން ވަނީ އިއުލާނު ނުކޮށެވެ.