ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރިސޯޓު މުވައްޒަފުންތަކެއް ޓޫރިސްޓުންގެ ލަގެޖްތައް ބެލެހެއްޓުމުގައި (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
އެންމެ އަވަހަށް ހުޅުވާލާ ހައުސިން ސްކީމަކުން ރިސޯޓް މުވައްޒަފުންނަށް ފްލެޓް ހާއްސަކުރާނެ: ރައީސް
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށް ހައުސިން ސްކީމުތަކުން ފުރުސަތު ދިނުމުގެ ގޮތުން، އެންމެ އަވަހަށް އިއުލާންކުރާ ސްކީމަކުން ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސީދާ ރައީސްއާ ސުވާލުކުރުމަށް ސަރުކާރުން ދޭ ފުރުސަތުގައި އާންމުންގެ މީހަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ހައިސިއްޔަތުން ތޯހާ ހުސެއިން، ނަރުގިސް، ރ.މީދޫ، ކުރި ސުވާލަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މެނިފެސްޓޯގައި ވެފައިވާ ވައުދާ އެއްގޮތަށް އެކަން ފުރިހަމަ ކޮށްދެވެނީ ކޮން ދުވަހަކުންތޯ އެވެ.
ބުނީ ކީކޭ؟ - މި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ހައުސިން ސްކީމެއް ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ކުރިއަށް ގެންދަން ކެބިނެޓުން މިހާރު ނިންމާ އެކަމާ ގުޅޭ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ.
ކެބިނެޓުން ނިންމާފައިވަނީ ރައީސް ވިދާޅުވި ގޮތުގައި:
-
އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް ދާއިރާގެ އެކި އެކި ޖަމިއްޔާތަކާ އެކިއެކި މީހުންގެ ހިޔާލާ މަޝްވަރާއާ އެކު އެ ކެޓަގަރީގެ ޝަރުތުތައް ނިންމަން
-
މާލޭ ސަރަހައްދުގެ އިތުރުން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ހައުސިން ޔުނިޓުތަކުން ޖާގަ ފަހިކޮށްދޭން
"އެންމެ އަވަހަށް ފެށޭ ހައުސިން ޔުނިޓުތަކުން ވެސް އެކަން ހަަމަޖެހިގެންދާނެ. އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. ވަރަށް އުންމީދުކުރަން މިއަހަރުތެރޭގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.