ހއ. ފިއްލަދޫ

ހއ. ފިއްލަދޫ

ފިއްލަދޫ އިން ގޯތި ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހި، އުސޫލު ބަދަލުކުރަން އެދި ޕެޓިޝަނެއް

ޕެޓިޝަން ހުށަހެޅި މީހުން ބުނިގޮތުގައި އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މީގެ ކުރިން ގޯތި ލިބިފައިވާ މީހުންނަށް ގިނައިން ޕޮއިންޓު ދީފައި ވުން

ހއ. ފިއްލަދޫ އިން ބަންޑާރަ ގޯތި ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހި، ގޯތި ދުކުރުމާ ގުޅޭ އުސޫލު ބަދަލުކުރަން އެދި އެ ރަށު ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ފިއްލަދޫ ކައުންސިލުން ފާސްކޮށް އާންމުކޮށްފައިވާ އުސޫލަކާ އެއްގޮތަށް، 3،000 އަކަ ފޫޓުގެ 78 ބަންޑާރަ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ 17 އޮގަސްޓުގަ އެވެ. އެ ފުރުސަތުގައި 121 މީހަކު ގޯއްޗަށް ކުރިމަތިލާފައިވާއިރު، ވަގުތީ ލިސްޓާ މެދު ޝަކުވާ ހުށަހަޅަން ހުޅުވާލުމުން، ގޯތިތައް ދިނުމުގައި ޕޮއިންޓު ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ބައެއް މީހުން ވަނީ ޝަކުވާ ހުށަހަޅާފަ އެވެ.

އަދި ގޯތި ދޫކުރުމުގެ އުސޫލާ މެދު ހިތްހަމަނުޖެހިގެން އެ ރަށުގެ 100 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް މިދިޔަ މަހުގެ ފަހުކޮޅު ކައުންސިލަށް ހުށަހަޅާފައި ވަނިކޮށް، މިދިޔަ ހޯމަ ދުވަހު ކައުންސިލުން ވަނީ ލިސްޓަށް އިސްލާހުތަކެއް ގެނެސް، ދާއިމީ ލިސްޓު އާންމުކޮށްފަ އެެވެ.

ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް، ހަރާކާތްތެރިވާ އަހްމަދު ޝިނާޒް އިއްޔެ 'ދައުރު'އާ ވާހަކަދައްކަމުން ބުނީ ދާއިމީ ލިސްޓު ކައުންސިލުން އާންމުކޮށްފައިވަނީ އޭރު ހުށަހެޅި ޕެޓިޝަނުގައި ހުރި ޝަކުވާތަކާއި އޫސޫލަށް ގެންނަން އެދުނު އިސްލާހުތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރުމެއްނެތި ކަމަށެވެ.

ތަފްސީލް - ކައުންސިލަށް ހުށަހެޅި އާ ޕެޓިޝަނުގައި ބުނެފައިވަނީ، ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން ހަދާފައިވާ އުސޫލުގައި ހުރި މައްސަލަތަކުގެ ސަބަބުން، އެންމެ ހައްގުވާ މީހުންނަށް ގޯތި ލިބިފައިނުވާ ކަމަށެވެ. އަދި މިހާރު އޮތް އުސޫލު އުވާލުމަށް ފަހު އާ އުސޫލެއްގެ ދަށުން ގޯތި ދޫކުރުން ކުރިއަށް ގެންދިއުމަށް ގޮވާލައި، މިހާރުގެ އުސޫލަށް ފަސް އިސްލާހެއް ގެންނަން ޕެޓިޝަނުގައި އެދިފައި ވެ އެވެ. އެ އިސްލާހުތަކަކީ:

  • ކައިވެނި ކޮށްގެން އުޅޭ އަނބިމީހާ ނުވަތަ ފިރިމީހާގެ ތެރެއިން އެއްވެސް މީހަކު ގޯއްޗެއް ނެގުމަށް ފަހު ވިއްކާފައިވާ ނަމަ ނުވަތަ އެހެން މީހެއްގެ ނަން މައްޗަށް ބަދަލުކޮށްފައިވާ ނަމަ އެ މީހެއްގެ ޕޮއިންޓުން އުނިކުރުން

  • ކައިވެނީގެ މުއްދަތު ގުނުމުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތަށް މުއްދަތު ގުނުން ބަދަލުކުރުން

  • ކައިވެނި ރޫޅިފައިވާ މީހުންގެ ކުރީގެ ކައިވެނީގެ މުއްދަތު ދަރިންގެ އަދަދަށް ބެލުމަށް ފަހު ޕޮއިންޓު އިތުރުކުރުން

  • ކައުންސިލުގެ ބޭނުމަށް ރިޒާވްކޮށް ދޫކުރާ ބަންޑާރަ ގޯތި ދޫކުރުން ޕޮއިންޓު ދީގެން ދޫކުރާ ބަންޑާރަ ގޯތީގެ ތެރޭގައި ނުުހިމެނުން

  • އެހެނިހެން ހައުސިން ޕްރޮގްރާމުތައް ފަދައިން އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދަރިން ނުލިބޭ އާއިލާތަކަށް ޕޮއިންޓު އިތުރު ކުރުން

ޝިނާޒް ބުނިގޮތުގައި މިފަހަރުގެ ލިސްޓުގައި އެންމެ މަތިން ޕޮއިންޓު ލިބި ގޯތި ލިބޭ މީހުންގެ ގޮތުގައި ތިބީ، ގޯތި ދޫކުރުމުގެ އުސޫލުތައް އެކުލަވާލި ކޮމިޓީގެ މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ، މީގެ ކުރިން ދޫކުރި ބަންޑާރަ ގޯތިތަކެއް ލިބި، އެ ގޯތިތައް ވިއްކާލުމަށް ފަހު އަލުން ގޯއްޗަށް ހުށަހެޅި މީހުން ކަމަށް އޭނާ ބުންޏެވެ. ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތް މީހުންނަށް، ގޯއްޗެއް ނެތް މީހުންނަށް ވުރެ ގިނައިން ޕޮއިންޓު ލިބިފައިވާ ކަމަށް ބުނެ ވެސް ޝިނާޒް ކަންބޮޑުވުން ފާޅުކުރި އެވެ.

"އެ މީހުންނަށް އުނިވެފައިވަނީ އެންމެ 10 ޕޮއިންޓު. އަޅުގަނޑުމެން ނުދެކެން މިހާ ދަށްކޮށް މި ޝަރުތަށް ޕޮއިންޓު އުނިކޮށްފައި ހުރި އެއްވެސް ރަށެއް. އަނެއްކާ އަޅުގަނޑުމެން މި ޝަކުވާތައް ހުށަހަޅާފައި ވަނިކޮށް އެ ޝަކުވާތަކަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ދާއިމީ ލިސްޓު އާންމުކޮށްފައި އޮތީ،" ޝިނާޒް ބުންޏެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލުގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ. ގޯއްޗަށް އެދި ކުރިމަތިލެވޭ މީހުންގެ ޝަރުތުތަކުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވަނީ:

  • 18 އަހަރުވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން

  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން 

  • ނުއުފުލޭ މުދަލުން ލިބިގެން ނުވަތަ އެ ނޫން ވެސް ގޮތަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން؛ ލިބިފައިވާ ނަމަ ލިބިފައިވާ ބައި ދޫކޮށްލުން

  • އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިގެ އުސޫލުން ބަހައިގެން ބިމުން ލިބެން އޮންނަ ބައި ދޫކޮށްލަން އެއްބަސްވުން

  • ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ ސަރުކާރުން ރާވާ އިންތިޒާމްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ދޫކުރާ ނުވަތަ މިލްކު ކުރާ ފްލެޓެއް، އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި އަދި ލިބިފައި ނެތުން

  •  އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ ފަސް އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް