ހޯމް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ހަށިވިއްކުން

މާލެ ސަރަހައްްދުގައި 111 މަސާޖު ޕާލާ، އަތުލައިގަނެވޭ ބިދޭސީން ޑީޕޯޓު ކުރަނީ

އެކަމުގައި ބައިވެރިވާ ދިވެހިން ހައްޔަރުކޮށް، ތަހުގީގު ހިންގާ ކަމަށް ވިދާޅުވި ނަމަވެސް މިހާތަނަށް ހައްޔަރު ކުރެވުނު މީހުންގެ އަދަދު ވިދާޅެއް ނުވޭ
12 ފެބްރުއަރީ 2024

މާލެ ސަރަހައްދުގައި 111 މަސާޖު ޕާލާ ހިންގާ ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ފަރާތުން ކުރަމުން އަންނަ ތަހުގީގުތަކަށް މިހާތަނަށް އެނގިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - އެ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ކޮންމެ މަހަކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި  ވާހަކަދައްކަވަމުން، މިނިސްޓަރު ވަނީ އެ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ބައެއް ހާއްސަ ތަހުގީގުތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ހާއްސަ ގޮތެއްގައި ހަށިވިއްކުމަށް، މަސާޖު ޕާލާތަކުގެ ނަމުގައި މާލޭގައި ހިންގަމުންދާ ތަންތަނާއި މާލެ ސަރަހައްދުގައި ހިންގަމުންދާ ތަންތަނާ ބެހޭ ގޮތުން މި ކުރަމުންދާ ތަހުގީގާއި ބެލެވޭ ބެލެވުންތަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ 111 ތަން މިގޮތަށް ހިންގަމުންދާކަން،" އޭނާ ވިދާޅުވި އެވެ.

ތަފްސީލް - އެ އޮޕަރޭޝަންތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ:

  • ހަށިވިއްކުވުމަށްޓަކައި ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން ރާއްޖެއަށް އެތެރެކޮށް، އެމީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށްދޭ

  • އެތަންތަނުން ހައްޔަރުކުރެވޭ މީހުންނާ މެދު މިހާރު އަމަލުކުރަމުންދާ ގޮތަކީ، ބިދޭސީއެއް ނަމަ ވަގުތުން އެމީހަކު ޑީޕޯޓު ކުރުން

އޭގެ ސަބަބެއް ކަމުގައި އިހުސާން ދާޅުވީ ރާއްޖޭގައި އޮންނަ އުސޫލުތަކުގެ ތެރެއިން އެމީހަކު ބަންދުކޮށް، އެމީހެއްގެ މައްޗަށް ޝަރީއަތް ހިންގުމަކީ ވަރަށް ހަރަދު ބޮޑު، އަދި ސަރުކާރުން ކުރަން ވެސް ބޭނުންނުވާ ކަމަކަށް ވުމެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅަކީ ޑީޕޯޓު ކުރުން ކަމަށް ވާތީ، އެގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ބިދޭސީން ޑީޕޯޓު ކުރި ނަމަވެސް، މިނިސްޓަރު ވިދާޅުވީ، ހަށިވިއްކުމުގެ ވިޔަފާރީގައި  ބައިވެރިވާ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ހިންގާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދިވެހިންގެ އަދަދެއް ވިދާޅެއް ނުވެ އެވެ.

މަސާޖު ޕާލާތަކުގެ އިތުރުން، ގަވައިދާ ހިލާފަށް މާލޭގައި ވިޔަފާރި ކުރަމުން އަންނަ މީހުންނާ ދޭތެރޭ ވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ. އޭގެތެރޭގައި ރާއްޖޭގައި އެކި ނަންނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ރަޖިސްޓްރީ ނުކޮށް ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ވެސް ހިމެނޭ ކަމަށާއި، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެފަދަ ވިޔަފާރިތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން:

  • އޭގެ ތެރެއިން ބައެއް ވިޔަފާރިތަކަކީ ރަޖިސްޓާ ކޮށްފައިވާ ނަމަވެސް، ކުރި ރަޖިސްޓްރީގެ ބޭރުން ގަވައިދާ ހިލާފަށް ވިޔަފާރި ހިންގާ ތަންތަން 

  • ބައެއް ވިޔަފާރިތަކުގައި ބޭރު މީހަކު އެކަމުގައި ބައިވެރިވެގެން އޭނާގެ އަމިއްލަ އެކައުންޓަށް ލާރި ޖަމާކުރާ ގޮތަށް ވެސް ވިޔަފާރި ކުރޭ 

  • އެފަދަ ތަންތަން ބަންދު ކުރެވި، އެކަމުގެ ފަހަތުގައި ތިބޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، އެ އޮންނަ އުސޫލުގެ ތެރެއިން ދަނީ ރާއްޖެއިން ބޭރަށް ފޮނުވާލަމުން

  • އަމާޒަކީ ރާއްޖޭގައި މިގޮތަށް ހިންގާ ހުރިހާ ވިޔަފާރިއެއް ބަންދުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް