ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލައި ރައީސާއި ނައިބު ރައީސާ ވެސް ސުވާލު ކުރެވެން ޖެހޭ: ސަލީމް

ސަލީމް ވިދާޅުވީ، ވަޒީރުންނާ ސުވާލުކުރުމުގެ އުސޫލުތައް ބަޔާންކުރާ މަޖިލީހުގެ ގަވާއިދުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއާ ސުވާލުކުރުމުގެ އިޖުރާއަތުތައް ހިމަނަން ޖެހޭ ކަަމަށް

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލައި ރައީސް އާއި ނައިބު ރައީސް ވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވޭނެ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެެވެ.

ވީ ކިހިނެއް؟ - އެ ގާނޫނަކީ 2005 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ، ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނެވެ. ނަމަވެސް އެ ގާނޫނަކީ މިހާރު ބޭނުން ނުހިފޭ އަދި މަޖިލީހަށް ލިބިގެންވާ ބާރުތައް ހަނިވާ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ، އެ ގާނޫނު އުވާލަން މިދިޔަ 19 ޑިސެމްބަރުގައި ސަލީމް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. މިދިޔަ 28 ޑިސެމްބަރުގައި ވަނީ އެ ބިލުގެ ފުރަތަމަ ކިއުން އިއްވައިފަ އެވެ. އަދި އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށައިފަ އެވެ.

ވަަޒީރުނާ ސުވާލުކުރުމުގެ ގާނޫނު އުވާލަން ހުށަހެޅި ސަބަބެއް ކަމަށް ބިލުގައި ބުނަނީ:

  • އެ ގާނޫނަކީ، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ވުޖޫދުވުމުގެ ކުރީގެ ގާނޫނަކަށްވާތީ

  • ވަޒީރުންނާ ސުވާލު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް މިހާރުގެ ގާނޫނުގެ އަސާސީގައި ވެސް އޮތުމުން

  • ވަޒީރުންނާ ސުވާލުކުރުމުގެ އުސޫލުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވެސް  ބަޔާންކޮށްފައިވާތީ

އިއްޒަތްތެރި ރައީސް އަޅުގަނޑުގެ ހުށަހެޅުމަކީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމަށްފަހު، ވަޒީރުންގެ މަޖިލީހާ އަދި ސަރުކާރު ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ގެންނަން ޖެހޭ އިސްލާހުތައް މަޖިލީހުގެ ކަމާބެހޭ ބާބުގެ ކަމާބެހޭ މާއްދާތަކަށް ގެނައުން.

މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ސަލީމް

ބުނީ ކީކޭ؟ - މިއަދުގެ ޖަލްސާގައި ބިލު ހުށަހެޅުއްވުމަށާއި ފަހު ބަސް ވިދާޅުވުމަށް ދިން ފުރުސަތުގައި ސަލީމް ވިދާޅުވީ، ސުވާލުކުރާނީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ގާނޫނު އަސާސީގައި ބަޔާންވެފައި އޮންނަ ކަމަށާއި އެ މަޖިލީހުން ކަންކަން ކުރަންވީ ގޮތް ކަނޑައަޅާފައި އޮންނަނީ ހަމައެކަނި މަޖިލީހުގެ ގަވާއިދުގައި ކަމަށެވެ. އެކަން މަޖިލީހުގެ ގަވާއިދު އޮތްއިރު އެހެން ގާނޫނެެއް އެކަމަށް އޮންނަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގެ ރޫހަކީ، ވަޒީރުންނާ ސުވާލު ކުރުމުގެ ކަންކަން އިތުރަށް ތަފްސީލު ކުރާ ނަމަ، މަޖިލީހުގެ ގަވާއިދުގައި ހިމަނާގެން ކުރިއަށް ގެންދިއުން ކަމަށެވެ.

"މިކަންކަން މިހެން ހުރުމާ އެކު ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރުވާނެ ގޮތުގެ އިޖުރާއަތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އަޅުގަނޑުމެން ހިމަނަން އެބަޖެހޭ. އެކަން އެމަގުން ހިންގަން އަޅުގަނޑު ދެކޭގޮތުގައި ލާޒިމް އެއީ މަޖުބޫރު ކަމެއް،"

ސަލީމް އިތުރަށް ވިދާޅުވީ:

  • ހަމައެކަނި ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ނަމުން ވެސް، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރު ވަރަށް ބޮޑަށް ހަނިވޭ

  • ވެރިކަން ހިންގާ ބާރުގެ ފަރާތުން ކުރާ ކަންކަން ބަލައި ޖަވާބުދާރީކޮށް، މަޖިލީހުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ގާނޫނު އަސާސީގައި އޮވޭ

  • ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ނުވަތަ ސަރުކާރުގެ އެެހެންވެސް މަގާމެއްގައި ހުރި މީހަކާ މަޖިލީހަށް ސުވާލުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި އޮވޭ

  • ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަކަށް ނޫން، އެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައީސް އާއި ނައިބު ރައީސް؛ އެހެންކަމުން އެ މީހުން ވެސް ޖަވާބުދާރީ ކުރުވެން ޖެހޭނެ

  • މިކަން މިހާތަނަށް ނުކުރެވި އޮތީ ވަޒީރުނާ ސުވާލުކުރުމުގެ ގާނޫނުގެ ދަށުން އެ ބާރުތައް ހަނިވެފައި އޮތުމުންނާއި އެކަން ކުރެވޭނެ ގޮތުގެ ސާފު އިޖުރާއަތުތަކެއް ގާނޫނެއްގައި ނެތުމުން

  • ހަމައެކަނި ވަޒީރުންގެ މަސްއޫލިއްޔަތުތައް އަދާކުރާ ގޮތް ބެލުމަކީ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަ އަށް އަދާކުރުމެއް ނޫން

  • މި މަޖިލީހަށް ރައީސް އަދި ނައިބު ރައީސް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ؛ އެހެން ބޮޑެތި ގައުމުތަކުގައި ވެސް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ދަށުން ރައީސުން މަޖިލީހަށް ހާޒިރުކުރެވޭ

"އިއްޒަތްތެރި ރައީސް އަޅުގަނޑުގެ ހުށަހެޅުމަކީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް ފަހު، ވަޒީރުންގެ މަޖިލީހާ އަދި ސަރުކާރު ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެންގެ ގާނޫނު އަސާސީން އަޅުގަނޑުމެންނަށް މަތިކޮށްފައިވާ ޒިންމާތަކާ ވާޖިބު ފުރިހަމައަށް އަދާކުރުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ބާބުގެ ކަމާބެހޭ މާއްދާތަކަށް ގެނައުން. އެއީ އަޅުގަނޑުގެ ހުށަހެޅުއްވުމަކީ." ބިލާ ގުޅޭގޮތުން ފަހު ބަސް އިއްވަމުން ސަލީމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ޞާޞޫޟޭޜީޏަ

12 ފެބްރުއަރީ 2024
ބައޕައާއި މަންމައާއިވެސް ސުއާލު ކުރެވެން ނުޖެހޭތަ/ ކޮސް ވާހަކަ؟؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް