ވިކްޓްރީ އާއި ކުޑަ ހެންވޭރުގެ މެޗުގައި ކުޑަ ހެންވޭރަށް ނިސްބަތްވާ ސަޕޯޓަރުންގެ ބަޔަކު ދަނޑުގައި ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތްްކުރަނީ. --ފޮޓޯ/މިހާރު
ގަލޮޅު ދަނޑުގެ ހަމަނުޖެހުންތަކުގައި ދެ މީހަކު ހައްޔަރުކޮށްފި
މިދިިޔަ ބުދަދުވަހު ގަލޮޅު ދަނޑުގައި ވިކްޓަރީ އާއި ކުޑަ ހެންވޭރު ބައްދަލުކުރި ދެވަނަ ޑިވިޒަންގެ ކްއާޓާ ފައިނަލް މެޗުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުން ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މެޗުގެ ފަހު10 މިނިޓަށް އެޅިފައި އޮއްވާ ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ދަނޑަށް އަރައި ހަމަލާދޭން އުޅުނީ ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއަކަށެވެ. އެ މީހުން ރުޅިއައީ މެޗުގެ ތެރޭގައި ކުޑަ ހެންވޭރުގެ ކުޅުންތެރިޔަކަށް ގަސްދުގައި އޭނާ ހަމަލާ ދިނުމުންނެވެ. ނަމަވެސް މެޗު ތެރޭގައި ކުޅުންތެރިންގެ މެދުގައި ހިނގާ ކަމަކަށް ސަޕޯޓަރުން ވަދެ އެ ދުވަހު ހިންގި ތަޅާފޮޅުން ވަރަށް ހުތުރެވެ.
ތަފުސީލު - ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ އަމަލްތައް ހުއްޓުވަން ދަނޑުގައި ތިބި ދެތިން ފުލުހަކު މަސައްކަތް ވެސް ކުރި އެވެ. ތަޅާފޮޅުން ހުއްޓުވަން ވިކްޓަރީގެ ކޯޗު އަދި 2008ގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމުގެ މުހިންމު އެއް ދިފާއީ ކުޅުންތެރިޔާ ސޮބާހު މުހައްމަދު ވެސް އުޅުނެވެ.
އެ ހަމަނުޖެހުން ހަމަޔަކަށް އެޅި ސޮބާހު ވެސް ވިކްޓަރީގެ ބެންޗާ ދިމާއަށް ދަނިކޮށް ދެން ފެނުނީ ކުޑަ ހެންވޭރުގެ ސަޕޯޓަރަކު އޭނާގެ މޫނުމަތީގައި ޖެހި ތަނެވެ. އެ ހަމަލާގައި ސޮބާހުގެ އަނގަމަތި ފެޅުނެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
-
އިބްރާހިމް އަލީފް ރައޫފް، ހ. ހިލްޓަން
-
ރިކްޒު އާދަމް، ފައިވްރޯސް/ގދ. ތިނަދޫ
އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރު ދިނުން އަދި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ. ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އެ ދެ މީހުންގެ ތެރެއިން ރިކްޒު އަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އެނގުން މުހިންމު - ކުޑަ ހެންވޭރާއި ވިކްޓްރީގެ މެޗު ހުއްޓާލީ ނިމެން 10 މިނެޓަށް ވެފައި އޮއްވަ އެވެ. އޭރު ވިކްޓަރީ އޮތީ 3-1 އިން ކުރީގަ އެވެ.
ކުޑަ ހެންވޭރުން އެދުނީ މެޗު ހުއްޓާލި ހިސާބުން ނިންމާލާށެވެ. އެފްއޭއެމްގެ މުބާރާތާ ބެހޭ ކޮމިޓީން ފަހުން ވަނީ އެ އެދުމާ އެއްގޮތަށް މެޗު ނިންމާލިކަން އިއުލާންކޮށްފަ އެވެ.