ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކިނބިދުއަށް ވަޑައިގެން މަރުހަބާ ދަންނަވަން ތިބި އާންމުންނާ ސަލާމް ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދޭނަން: ރައީސް
ރަށުގައި ތިބެގެން ވަޒީފާ އަދާކުރަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ހޯދައިދޭނެ ކަމަށާއި، ރަށުގައި ފުޅާކުރާ އިގްތިސޯދީ މަޝްރޫއުތަކުގެ މަގުސަދަކީ އެއީ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސީދާ ރައީސްއާ ސުވާލުކުރުމަށް ސަރުކާރުން ދޭ ފުރުސަތުގައި އާންމުންގެ މީހަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.
ތ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައިޝަތު ރައުނާ މުހައްމަދު، އުފާ/ތ.ކިނބިދޫ، ކުރި ސުވާލަކީ، ރަށުން ބޭރުގައި ތިބެ، ކިޔެވުން ނިންމައި ރަށަށް އަންނަ ކުދިންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުސަތު ފަހިކޮށްދެއްވޭނެތޯ އެވެ.
ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ތ. އަތޮޅަކީ ވަޒީފާގެ ފުރުސަތުތައް ހަނި އަތޮޅެއް ކަމަށާއި، އަތޮޅުގައި އޮންނަނީ ވެސް އެންމެ ރިސޯޓަކަށް ވުމުން، ވަޒީފާ ލިބޭނީ ސަރަހައްދުގެ އިގްތިސޯދު ފުޅާކުރެވިގެން ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ:
-
ވަޒީފާގެ ފުރުސަތު ފުޅާވެގެންދާނީ ރިސޯޓުތަކާއި މަސްވެރިކަމާއި، ނުވަތަ ކްރިއޭޓިވް އެކޮނަމީއެއް އަތޮޅުގައި ގާއިމްކުރެވިގެން
-
ކޮންމެ ތަނެއްގައި ހުއްޓަސް ޒުވާނުންގެ ހުނަރުވެރިކަން ހުރި ދާއިރާތަކަށް ބަލައިގެން އޮންލައިން ވަޒީފާގެ ފުރުސަތުތައް ވެސް ފަހިކޮށްދޭން އެބަ މަސައްކަތް ކުރަން؛ އޭރުން ދިރިއުޅޭ ތަން މުހިންމެއް ނުވާނެ
-
އަތޮޅުގައި އިގްތިސޯދު ފުޅާކުރަނީ ވެސް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދޭން
"ރައުނާއަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ އުންމީދު ކުރާށޭ އިރާދަކުރެއްވިއްޔާ ނަތީޖާ އަޅުގަނޑު ނެރެދޭނަަމޭ،" ރައީސް ވިދާޅުވި އެވެ.