ރައީސް މުހައްމަދު މުއިއްޒު ތ. ދިޔަމިގިލީ ރައްޔިތުންނާ ބައްދަލު ކުރެއްވާ ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
މަސައްކަތަށް ފަހު ރަށަށް ދެވޭ ގޮތަށް އެކި ހިސާބުގައި ރިސޯޓު ތަރައްގީ ކުރާނަން: ރައީސް
ކޮންމެ ދުވަހެއްގެ މަސައްކަތަށް ފަހު އަމިއްލަ ރަށަށް ދެވޭހާ ކައިރީގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ، އާންމު ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށްޓަކައި 'ރައީސްގެ ޖަވާބު'ގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ސެގްމެންޓްގެ ދަށުން މިއަދު 'އެކްސް'ގައި ޕޯސްޓު ކުރި ވީޑިއޯއެއްގަ އެވެ.
ބުނީ ކީކޭ؟ - މިހާތަނަށް އެންމެ ރިސޯޓެއް ހިންގަމުންދާ ތ. އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މި ދައުރުގެ ތެރޭގައި އެ އަތޮޅުގައި އިތުރު ރިސޯޓު ތަރައްގީ ކުރައްވާނެތޯ ޒުވާނަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި، ތ. އަތޮޅުގައި ގިނަ ރިސޯޓުތަކެއް ހުޅުވައި، އެކި ދާއިރާތައް ހިމެނޭހެން ފަތުރުވެރިކަން ކުރިއަރުވައިދޭނެ ކަމަށެވެ.
"އަދި ޒުވާނުންނަށް ރަށުގައި ތިބެގެން ކައިރި ރިސޯޓަކަށް ގޮސްގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ހޯދަދޭނަން އިރާދަކުރެއްވިއްޔާ. ވަރަށް އަވަހަށް އެކަން ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެން އަތޮޅުތަކުގައި ވެސް އަޅުގަނޑުގެ ވިސްނުމަކީ ޒުވާނުންނަށް، ދިވެހި ރައްޔިތުންނަށް ރިސޯޓުގައި ތިބެގެން ވަޒީފާ އަދާކޮށްފައި، ކައިރީގައި އޮންނަ އޭނާގެ އަމިއްލަ ރަށަށް ދެވޭ ގޮތަށް އެކި ހިސާބުތަކަށް ރިސޯޓުތައް އިތުރުކުރަން."
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) February 8, 2024
8 ފެބްރުވަރީ 2024
ތ.ވޭމަންޑޫ، ދޫނިގޭ، އާދަމް ރިފާޒް، މި ދައުރުގައި ތ.އަތޮޅަށް ޓޫރިޒަމް ފުޅާވެ ރިސޯޓްތައް އިތުރުވާނެތޯ ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/prnJIzC1yu
ޒުވާނުންނަށާއި އެކި އުމުރުފުރާގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދޭން ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް އިންޑަސްޓްރީ މެދުވެރިކޮށް އެކަން ކޮށްދެެއްވާނެ ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި، ރައީސް ވިދާޅުވި ގޮތުގައި:
-
އެއާޕޯޓްތައް ތަރައްގީކޮށް، މުޅި އިގްތިސޯދު ރަނގަޅު ކުރަން މަސައްކަތްކުރާނެ
-
ތ. ތިމަރަފުށީގައި އޮތް އެއާޕޯޓާއި މިދިޔަ ސަރުކާރުގައި އެ އަތޮޅު ވިލުފުށީގައި އަޅަން ހަވާލުކުރި އެއާޕޯޓުގެ އިތުރުން މި ސަރުކާރުން ވަނީ ގުރައިދޫގައި ވެސް އެއާޕޯޓެއް އަޅަން ނިންމާފައި؛ އޭރުން އެ އަތޮޅުގައި ތިން އެއާޕޯޓް އޮންނާނެ
"މުޅި އިގްތިސޯދަށް ގެންނަން މަސައްކަތްކުރާ ކުރިއެރުމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެ އަންނަވަރު ގިނަވާނެ. އަދި އޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މި ބަލަނީ ވަރަށް އަވަހަށް ފުޅާކޮށް ތަރައްގީ ކުރެވޭތޯ. އޭރުން ވެސް ޓޫރިސްޓުން އަންނަވަރު ގިނަވާނެ،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރައީސް މުއިއްޒު މިވަގުތު ތ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅުގެ އެކި ރަށްރަށަށް ވަޑައިގެން، ރަށްރަށަށް ކޮށްދެއްވާނެ މަސައްކަތްތަކުގެ ވާހަކަ ދައްކަވާފައިވެ އެވެ.