ރައީސް މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު (ފޮޓޯ/ރައީސް އޮފީސް)
ފަސްޓް ލޭޑީ ސާޖިދާގެ ފްލެޓް ލިސްޓެއް އޮތްކަމުގެ ވާހަކަ ރައީސް ދޮގުކުރައްވައިފި
ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެކި މީހުންނަށް ފްލެޓް ދެއްވަން ހާއްސަ ލިސްޓެއް ގެންގުޅުއްވާކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވައި، އެއްވެސް މީހެއްގެ ހައްގަކަށް އެމަނިކުފާނު ވިޔަސް، އަނބިކަނބަލުން ވިޔަސް، ނާރުއްވާނެކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒުގެ އަނބިކަނބަލުންނާ ބެހޭ ގޮތުން މި ސުވާލުކުރީ ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގަ އެވެ.
ތަފުސީލު - ހުޅުމާލޭގައި ދިރިއުޅޭ ފާތުމަތު އާދަމް ކިޔާ މީހަކު އެދުނީ ގޯއްޗާއި ފްލެޓްތައް ބަހަން ސާޖިދާގެ ހާއްސަ ލިސްޓެއް ގެންގުޅުއްވާ ކަމަށް ބުނެ 'ގޮތް ނޭނގޭ މީޑިއާތަކުން ދައްކާ ވާހަކަ'އަށް ރައީސްގެ ޖަވާބަކަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ "އަންހެނުން ވިޔަސް އަޅުގަނޑު ވިޔަސް، ސަރުކާރުގެ އެއްވެސް މީހަކަށް، ނުފޫޒެއް ފޯރުވައިގެން އެއްވެސް މީހެއްގެ ހައްގަކަށް ނާރާނެ" ކަމަށެވެ.
ހަމައެކަނި ގެދޮރުވެރިކަން އެކަންޏެއް ނޫނެވެ. ރައީސް ވިދާޅުވި ގޮތުގައި އާންމު މީހަކު އެެއްވެސް ހައްގަކުން މަހުރޫމްކުރަން އެމަނިކުފާނު އެއްވެސް ޖާގައެއް ނުދެއްވާނެ އެވެ.
"ޔަގީންކުރަންވީ ފްލެޓް ވިޔަސް، ގޯތި ވިޔަސް، އެހެން ވެސް ޕްރޮގްރާމެއްގެ ތެރެއިން ވިޔަސް އެކަން ކުރެވިގެން ދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީގައި ދެ ފުށް ފެންނަ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ މުވައްޒަފެއް ވިޔަސް އެކަހަލަ ކަމަކަށް ނުފޫޒުއް ފޯރުވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.
ރައީސް ވިދާޅުވީ އަނބިކަނބަލުން ހާއްސަ ފްލެޓް ލިސްޓެއް ގެންގުޅުއްވާ ކަމަށް ވާހަކަ ދައްކަނީ ސަރުކާރާ މެދު ނަފުރަތާއި ފިތުނަ އުފެއްދުމުގެ މަގުސަދުގައި ކަމަށެވެ.
"އެއީ އެއްގޮތަކަށް ވެސް ހަގީގަތް ހިމެނޭ [ވާހަކައެއް] ނޫން،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (2)
ހަސަން
ގާތޭ