ގަން އިންޓަނޭޝަނަލް އެއާޕޯޓް.
އައްޑޫ 'އައްސޭރި ޓޫރިޒަމް' އިފްތިތާހުކުރަން ޕްލޭނެއް ހަދަނީ
އައްޑޫ 'އައްސޭރި ޓޫރިޒަމް' މަޝްރޫއު އެކުލާވާލައި އިފްތިތާހު ކުރުމަށްޓަކައި އައްޑުއަށް ހާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ސީޕްލޭން ހަބެއް ވެސް ހިމެނޭ އައްޑޫ 'އައްސޭރި ޓޫރިޒަމް' މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ބުނީ ކީކޭ؟ - މިއަހަރަށް މަޖިލިސް ހުޅުމުގެ ޖަލްސާގައި ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ އައްޑޫ އައްސޭރި ޓޫރިޒަމް މަޝްރޫއު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މިގޮތުން ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް 'އައްސޭރި ޓޫރިޒަމް' މަޝްރޫއެއް އެކުލަވާލައި އިފްތިތާހު ކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ހާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ދަނީ ކުރެވެމުން،" ރައީސް ވިދާޅުވި އެވެ.
ތަފްސީލު - އައްޑޫ އައްސޭރި ޓޫރިޒަމް މަޝްރޫއުގެ ބައެއް ތަފްސީލުތައް ރިޔާސީ ކެމްޕޭނަށް އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ހިއްސާކުރެއްވި އެވެ.
އޭރު ރައީސް ވިދާޅުވީ އެއީ ސަރުކާރުން އައްޑޫގެ ޓޫރިޒަމަށް އިންވެސްޓުކޮށްގެން އައްޑޫގެ ޓޫރިޒަމް ފުޅާކުރުމުގެ ކޮންސެޕްޓެއް ކަމަށެވެ.
"އައްސޭރި ޓޫރިޒަމް ކުރިއަށް ގެންގޮސް، އިރާދަކުރެއްވިއްޔާ 6،000 އެނދު މި ސީޓީގައި ގާއިމްކޮށް، އެ މަޝްރޫއު ތިޔަ ރައްޔިތުންނަށްޓަކައި ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
"އޭގެން އުފެދިގެން ދާނީ، ގާތްގަނޑަކަށް 10 ވަރަކަށް ހާސް ވަޒީފާ."
އެ މަޝްރޫއުގައި ހިމެނޭ އަނެއް ބަޔަކީ ދެކުނުގެ ހަތަރު އަތޮޅަށް ވެސް ފައިދާކުރާ ގޮތަށް އައްޑޫގައި ތަރައްގީކުރާ ސީޕްލޭން ހަބެވެ.
"ސީޕްލޭން ހަބެއް މިތަނަށް ގެނައުމުން އޭގެ ފައިދާ ވާނީ، ހަމައެކަނި މި އަތޮޅަކަށް ނޫން. ފުވައްމުލަކާއި ގއ. އަދި ގދ އަތޮޅުގެ ރިސޯޓުތަކަށް، މި ހިސާބުތަކަށް އޭގެ ފައިދާ ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.