ކްރައިމް ސީނެއްގައި ފުލުހެއް ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
މާފަންނުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
މާފަންނު މުތީ ގޯޅީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން މިރޭ ހަމަލާދީ، އޭނާ ޒަހަމްކޮށްލައިފި އެވެ.
ތަފްސީލް - އެ ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނި ގޮތުގައި:
-
ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:30 ހާއިރު
-
ހާދިސާގައި އަނިޔާވި ބިދޭސީ މީހާ ވަނީ އައިޖީއެމްެއެޗަށް ގެންގޮސްފައި
ސޯޝަލް މީޑިއާގައި މި ހާދިސާއާ ގުޅޭ ވީޑިއޯއެއް ދައުރުވަމުންދާއިރު، އަނިޔާ ލިބުނު މީހާގެ ބޮލުގަ އާއި ކަރުގައި ބައިވަރު ލޭ ހުރި މަންޒަރު ފެނެ އެވެ. އަދި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާ ތަން ވެސް ފެނެ އެވެ.
މި ހަމަލާއާ ގުޅިގެން ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.