(ކ-ވ): ނާޒިމް، ގާސިމް އަދި ސިޔާމް.

ޕީއެންސީން ސިޔާމް، ގާސިމް އަދި ނާޒިމްއަށް މަޖިލިސް ގޮނޑި ދޫކޮށްލައިފި

ޕީއެންސީއާ އެކު މަސައްކަތްކުރާ ޕާޓީތަކުގެ ލީޑަރުންނަށް އިހުތިރާމް ކުރުމުގެ ގޮތުން އެ ބޭފުޅުން ވާދަކުރައްވާ ދާއިރާތަކަށް ޕީއެންސީން ވަނީ ވާދަނުކުރަން ނިންމާފައި

ވެރިކަންކުރާ ޕީއެންސީއާ އެކު ކޯލިޝަން ހަދާފައިވާ ނުވަތަ އެ ޕާޓީއާ އެކު ސިޔާސީ މަސައްކަތް ކުރަން އެއްބަސްވެފައިވާ ޕާޓީތަކުގެ ލީޑަރުންނަށް އަންނަ މަޖިލިސް އިންތިހާބުގައި ފުރުސަތު ދިނުމަށްޓަކައި އެ ބޭފުޅުން ކުރިމަތިލައްވާ ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަނުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ޕީއެންސީގެ މަޖިލިސް ޕްރައިމަރީއާ ގުޅޭ ގޮތުން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ނިންމާފައި މި އޮތީ އެމްއެންޕީގެ ލީޑަރު، ރިޓަޔާޑް ކާނަލް [މުހައްމަދު] ނާޒިމް ވާދަކުރައްވާ [ދަނގެތީ] ދާއިރާއަށް އަޅުގަނޑުމެން ޕްރައިމަރީއަކަށް ނުދާނަމޭ. އަޅުގަނޑުމެން އެ ޕާޓީގެ ލީޑަރަށް އިހުތިރާމް ކުރުމުގެ ގޮތުން އަޅުގަނޑުމެން ވާދަނުކޮށް، އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އަޅުގަނޑުމެން ނާޒިމަށް ދޭނީއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ނާޒިމްގެ އިތުރުން ވެސް، ހަމަ އެ ސަބަބަށްޓަަކައި އިތުރު ދެ ބޭފުޅުންނަށް ޕީއެންސީން ގޮނޑި ދޫކޮށްލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ:

  • މީދޫ ދާއިރާއަށް ވާދަކުރައްވާ، މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)

  • މާމިގިލީ ދާއިރާއަށް ވާދަކުރައްވާ، މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގައި އިތުރު އެހެން ޕާޓީއެއްގެ ބޭފުޅަކު ވާދަނުކުރައްވާނެކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ޕާޓީތަކަށް ވެސް ބޭނުން ދާއިރާއަކަށް ވާދަކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ.

"އެމްޑީއޭ އާއި އެމްއެންޕީ އާއި ޖޭޕީއާ، އެ ބޭފުޅުން ދާއިރާތަކަށް ވާދަކުރެއްވުމަކީ އެއީ އެ ބޭފުޅުންގެ އަމިއްލަފުޅު ކަމެއް. އެއީ އަޅުގަނޑުމެން ނިންމާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންގެ ދެ ޕާޓީން ވާދަނުކޮށް މި ދޫކޮށްލާ ތިން ދާއިރާ އަކީ އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރާ ތިން ޕާޓީގެ ތިން ލީޑަރުންގެ ތިން ދާއިރާއޭ."

ފާހަގަކޮށްލެވޭ - ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީއެންސީން ވަނީ އެމްއެންޕީ އަދި އެމްޑީއޭއާ އެކު މަސައްކަތްކޮށްފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް އޮފީހުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ވަކިވަކިން އެ މަނިކުފާނު ބައްދަލުުކުރައްވާފައިވެ އެވެ.

ކޮމެންޓް (1)

ސަމާސާ

25 ޖެނުއަރީ 2024
މާމިގިލި ދާއިރާ ތި މީހުން ދޫކޮށް ނުލިއްޔާ ގާސިމައް ނުލިބޭނެތަ؟؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް