(ކ-ވ) ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި އޭނާގެ ބޭބެ އަހުމަދު ރިޔާޒް
އަބްދުﷲ ރިޔާޒުގެ ބަދަލުގައި އޭނާގެ ބޭބެ މަޖިލީހަށް ވާދަކުރައްވަން ނިންމައިފި
ތިމަރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒު މަޖިލީހަށް ކުރިމަތިނުލާން ނިންމަވައި އޭނާގެ ބަދަލުގައި އެ ގޮނޑިއަށް މިފަހަރު އޭނާގެ ބޭބެ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވާދަކުރައްވަން ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - އަހުމަދު ރިޔާޒް އެކަން އިއުލާނު ކުރެއްވީ، އޭނާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"ތިމަރަފުށި ދާއިރާގެ ލޮބުވެތި ރައްޔިތުން ތަމްސީލުކުރުމަށްޓަކައި، 20 ވަނަ ދައުރަށް މިދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރުކަމަށް، އަޅުގަނޑު އަހުމަދު ރިޔާޒު، އިހުލާސްތެރި ކަމާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މުރާލި ކަމާއެކު މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅާ ކުރިމަތިލާން ނިންމައިފީމެވެ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހަށް ކުރިމަތިލައްވަނީ ޕާޓީއެއްގެ ފަރާތުންކަން ނުވަތަ އަމިއްލަ ގޮތުންކަން އޭނާގެ ޕޯސްޓުގައި ވިދާޅުވެފައި ނުވިޔަސް، އޭނާ އަކީ ކޮއްކޮ އަބްދުﷲ ރިޔާޒުގެ މުއައްސިސްކަމުގައި އުފެއްދި އަދި ނައިބު ރައީސްކަން ކުރައްވާ އެމްއެންޕީގެ މެންބަރެކެވެ.
އެނގުން މުހިއްމު - ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި، ކުރީ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގެންނެވި އަހުމަދު ރިޔާޒު ވަނީ އެ މަގާމުގައި ހުންނަވަނިކޮށް، 2022ގެ މެއި މަހު، މުސާރަ ހިނގާ ގޮތަށް 6 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފަ އެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑް ކުރި ކަން ރައީސް އޮފީހުން އޭރު ކަށަވަރުކޮށްދީފައިވާ ނަމަވެސް، އެކަމާ ބެހޭ ތަފްސީލެއް ދީފައެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާއަށް ކުރެވުނީ މިނިސްޓްރީގައި އުޅޭ ދެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ.
އަހުމަދު ރިޔާޒުގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ނިންމުމަށް ފަހު، ކުރީ ސަރުކާރުން އޭނާ ހަމަ އެ މަގާމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލު ކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މިހާރު އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަބްދުﷲ ރިޔާޒް ވަނީ މި އަހަރުގެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވާފަ އެވެ.
ކޮމެންޓް (2)
އަމީން
އަތޮޅޭ