ކ. ތިލަފުށި ކައިރި އޮންނަ މާގިރި ފަޅު. ތެޔޮ ސްޓޯރޭޖް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނީ މިތަނަށް.
ތެޔޮ ސްޓޯރޭޖް ބަދަލުކުރަނީ ތިލަފުށި ކައިރި އޮންނަ މާގިރި ފަޅަށް: މުއްތަލިބު
ކ. ފުނަދޫގައި ގާއިމްކޮށްފައިވާ ތެރޮ ސްޓޯރޭޖް ބަދަލު ކުރަން ނިންމާފައިވަނީ ތިލަފުށި ކައިރީގައިވާ މާގިރި ފަޅަށް ކަމަށާއި ކަނޑުއޮށްގިރި ކައިރި އޮތް މާގިރި ފަޅަކަށް ނޫން ކަމަށް ކޮންސްޓްރަކްޝަން މިނިިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާގިރި ފަޅަށް ތެޔޮ ސްޓޯރޭޖް ބަދަލުކުރަން ނިންމާފައިވާކަން އިއުލާނު ކުރީ، އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމަށް ފަހު ރައިީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތް އެސްޓީއޯއިން ކުރާ ގޮތަށް ވަޒީރުންގެ މަަޖިލީހުން ވަނީ ނިންމާފަ އެވެ.
މާލެ އަތޮޅުގައި 'މާގިރި ފަޅު'ގެ ނަން ދެވިފައިވާ ދެ ސަރަހައްދެއް އޮންނާތީ، އެ ނިންމުމާ ގުޅިގެން އާންމުންގެ މެދުގައި އޮޅުންތަކެއް އެރި އެވެ.
ފާހަގަކޮށްލެވޭ - ތެޔޮ ސްޓޯރޭޖް ގާއިމްކުރަނީ ތިލަފުށި ކައިރީގައި އޮތް މާގިރި ފަޅުގައި ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ ނިންމުމާ އެކު ތިމާވެށި ހިމާޔަތްކުރަން ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ އިކޯކެއާ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށް، 'އެކްސް'ގައި ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
I would like to clarify that the proposed location to relocate fuel storage in K. Funadhoo is the Maagiri near K. Thilafushi, not the Maagiri near Sheraton Maldives Full Moon. https://t.co/aV2H4QrCek pic.twitter.com/ZDigccf8MS
— Abdulla Muththalib (@muththo) January 22, 2024
ފާހަގަކޮށްލެވޭ - އިކޯކެއާގެ އިތުރުން ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޑައިވަރުންނާއި އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރީ ތެޔޮ ސްޓޯރޭޖް ބަދަލުކުރަނީ ކ. ކަނޑުއޮށްގިރި ކައިރީގައި އޮތް މާގިރިފަޅަށް ކަމަށް ގަބޫލު ކުރެވިގެންނެވެ. އެގޮތުން، އެ ފަރާތްތަކުން ފާހަގަކުރީ:
-
ކަނޑުއޮށްގިރި ކައިރި އޮތް މާގިރި ފަޅަކީ ދިރުންތައް މުއްސަނދި ހަތް ޑައިވް ސައިޓު ހިމެނޭ ފަޅެއް
-
މިއީ މާލެ އަތޮޅުގައި އޮތް އެންމެ މަގުބޫލު ޑައިވްކުރާ ސަރަހައްދު، އަދި މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭ ސަރަހައްދެއް
-
މާލެ އަތޮޅުގެ ގިނަ ފަރުތަކަށް ވަނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައި؛ މާގިރި ފަޅަކީ މިހާތަނަށް އެފަދަ ގެއްލުންތަކެއް ނުލިބި އަތޮޅުގައި އޮތް ހަމައެކަނި ސަރަހައްދު
The proposed relocation of the fuel farm from K. Funadhoo Island to Maagiri Falhu may be causing a misunderstanding, as divers' reference closely associates, marked in the MAP in BLUE.
— Mohamed Seeneen (@mohamedseeneen) January 22, 2024
If the proposed site is Maagiri in front of Thilafushi or Guili Falhu, marked in Yellow, then… pic.twitter.com/gAdrKcuG5i
ނަމަވެސް، ފިއުލް ސްޓޯރޭޖް ގާއިމްކުރަނީ ތިލަފުށި ކައިރީގައިކަން މިނިސްޓަރު ސާފުކޮށްދެއްވުމާ އެކު އިކޯކެއާ އިން މިނިސްޓަރަށް ޝުކުރު އަދާކޮށް، މިހާރު ގޮވާލާފައިވަނީ މާގިރި ފަޅު ހިއްކުމުގެ ބަދަލުގައި ސީދާ ތިލަފުށީގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމަށެވެ.
ގުޅުން ހުރި - ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލައި އެ ރަށް އިގްތިސާދީ ހަބަކަށް ބަދަލު ކުރަން ނިންމާފައިވާކަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ. ފުނަދުއަށް ގެންނަން ނިންމާފައިވާ އިގްތިސާދީ ބޮޑު ބަދަލު އެ ރޭ ދައްކާލާފައިވެ އެވެ.
ރައީސް މުއިއްޒު އެ ރޭ ވިދާޅުވެފައިވާ ގޮތުން:
-
ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލައި އެ މަސައްކަތް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ؛ ކުރިއަށް އޮތް ދޮޅު އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ
-
އެއާ އެކު، އެސްއީޒެޑް ގާނުނު ތަންފީޒު ކުރަން މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން އަދި އެއަށް ވުރެ ވެސް ފުޅާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްލޭނެއްގެ ތެރެއިން، އެއީ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުމަކީ ތަސައްވަރެއް
-
އެ މަޝްރޫއުގެ ދަށުން އެ ރަށް އެއާޕޯޓް އިކޮނޮމިކް ޒޯނަކަށް ބަދަލު ކުރާނެ
-
ވިޔަފާރިކުރަން ހާއްސަ ސެންޓަރުތަކާއި ހޮޓާތަކުގެ އިތުރުން، ކޮންވެންޝަން ފެސިލިޓީ އާއި މުނިފޫހިފިލުވަން ހާއްސަ ތަންތަން ގާއިމް ކުރާނެ
-
ފުނަދޫ އާއި މާލެ އަދި ފުނަދޫ އާއި ހުޅުލެ ބުރިޖަކުން ގުޅާލާނެ
ފަސްމަންޒަރު - ފުނަދޫ އަކީ އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ތެޔޮ ރައްކާކުރަން ބޭނުންކުރާ މައި ރަށެވެ. ނަމަވެސް، މާލެ އާއި އެއާޕޯޓާ އެހާ ކައިރި ތަނެއްގައި ތެޔޮ ފަދަ ނުރައްކާތެރި އެއްޗެއް ރައްކާކުރާތީ ކުރިމަތިވެދާނެ ހާދިސާއެއްގެ އިންޒާރު އެކި ފަރާތްތަކުން ދެ އެވެ.
ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލަން އެކި ސަރުކާރުތަކުން މަސައްކަތް ކުރިޔަސް، މިހާތަނަށް އައި އިރު ވެސް އެކަން އޮތީ ނުވެ އެވެ.
ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލައި އެ ރަށް ކޮންވެންޝަން ޓޫރިޒަމަށް ހާއްސަކުރުމަކީ، މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވެވަޑައިގެންނެވި ވައުދެކެވެ.