2024ގެ ޖުޑީޝަލް އަހަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު (މ)، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން (ވ) އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރަައީސް ހިސާން ހުސައިން (ކ). (ފޮޓޯ/ ރައީސް އޮފީސް)

ޖުޑިޝަރީ

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އޮތީ ހުއްޓިފައި؛ ހައްލު ހޯދައިދޭން ޖެހޭ: އުއްތަމަ ފަނޑިޔާރު

ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޑްރަގް ކޯޓްގެ އިތުރުން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިމާރާތަށާއި ތަކެއްޗަށާއި ވަސީލަތްތަކަށް ގިނަގުނަ ގެއްލުންތަކެއް ލިބުނު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި
19 ޖެނުއަރީ 2024

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ، ޖާގައިގެ ދަތިކަން ކުރިމަތިވެ، ވިއްސާރައިގައި އެކި ވަރުގެ ގެއްލުންތައް ލިބުމުގެ ސަބަބުން މާލޭގައި ޖިނާއީ ޝަރީއަތްތައް ހުއްޓިފައިވާ ކަމަށް ވިދާޅުވެ، އެ ކަމަށް ވީހާ ވެސް އަވަސް ހައްލެއް ހޯދައިދޭން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ރޭ ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ، ޖުޑީޝަލް އަހަރު އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - މުއުތަސިމްގެ ވާހަކަފުޅުގައި، ފާއިތުވި އަހަރު އެކަނި ވެސް ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށަހަޅާފައިވާކަން ފާހަގަކުރެއްވި އެވެ.

"ނަމަވެސް، ހިތާމައާ އެކު ފާހަގަކުރާ ކަމަކީ، އެ ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ، މީހުން ހާޒިރުކޮށް، މަސައްކަތް ކުރުމަށް އެކަށީގެންވާ އިމާރާތަކަށް ނުވާތީ، ކްރިމިނަލް ކޯޓުގެ މަސައްކަތްތަކާއި އެ ކޯޓުގެ ޝަރީއަތްތައް ހުއްޓިފައިވާކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

"މި ކަމަކީ ޖިނާއީ އަދުލުގެ ނިޒާމު ހުއްޓި، އޭގެ ސަބަބުން މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް."

މުއުތަސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޯޓުން ކޮންމެހެން ނެރެން ޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޒިރުކުރާނެ، ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިބޭނެ ތަނެއް ނެތް

  • އެ ކަމުގެ ސަބަބުން ޖިނާއީ ހުރިހާ މައްސަލަތަކެއް މިވަގުތު މާލޭގައި އޮތީ ހުއްޓިފައި

"މި ކަމަކީ މިހާރުން މިހާރަށް، ދައުލަތުގެ އެންމެހާ ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގެ އުމްރާނީ ތަރައްގީ ހީނަރުވެ، އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވަމުންދާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން:

  • މެޖިސްޓްރޭޓް ކޯޓުތަކަށް ޖާގައިގެ ދަތިކަން ދިމާވެފައިވޭ؛ އެއާ އެކު ވެސް ކޯޓުތަކުގެ މުވައްޒަފުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ބުރަ މަސައްކަތްތަކެއް ކުރޭ

  • ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޑްރަގް ކޯޓްގެ އިތުރުން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިމާރާތަށާއި ތަކެއްޗަށާއި ވަސީލަތްތަކަށް ގިނަގުނަ ގެއްލުންތަކެއް ލިބުނު؛ އެ ކަމަށް ދަނީ ހައްލުތައް ހޯދަމުން

ފާހަގަކޮށްލެވޭ - ޖުޑީޝަލް އަހަރު އިފްތިތާހު ކުރުމާ އެކު، ފާއިތުވި އަހަރު ކުރި ތަޖުރިބާގެ އަލީގައި، ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި އަލަށް މި ފެށިގެންދާ އަހަރަކީ ކާމިޔާބު އަހަރަކަށް ހެދުމަށްޓަކައި ފަނޑިޔާރުންގެ މެދުގައި މަހާސިންތާއެއް ބާއްވަން ރާވާފައިވާކަން އުއްތަމަ ފަނޑިޔާރު އިއުލާނު ކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުން، އެ މަހާސިންތާގައި ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އުބައިދުﷲ ހަސަން ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވާނެ އެވެ. މަހާސިންތާގައި ކުރަން ރާވާފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެ ހުރަސްތައް ނައްތާލުމަށްޓަކައި ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުން

  • ވަކި ލަނޑުދަނޑިތަކެއް ކަނޑައެޅުމަށް ފަހު، އެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރުން

  • މަދަނީ އިޖުރާއަތުގެ ގާނޫނު، މީޑިއޭޝަން އަދި ހެއްކާ ބެހޭ ގާނޫނާ ގުޅުންހުރި މައުލޫތަކަށް މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް