ތުއްތު ކުއްޖަކަށް ވެކްސިން ދޭ އިރު މަންމަ އެ ކުއްޖާ ގައިގައި ހިފަހައްޓާލައިގެން. (ފޮޓޯ ޔުނިސެފް)

ސިއްހަތު

ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފި

ހެޕަޓައިޓިސް ބީން ރައްކާތެރިވެވޭ ހަމައެކަނި ގޮތަކީ އެ ބައްޔަށް ހާއްސަ ވެކްސިން ޖެހުން
17 ޖެނުއަރީ 2024

ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ކަނޑައަޅާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެޗްޕީއޭ އިން އެކަން އިއުލާނު ކުރީ، މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގަ އެވެ.

ތަފްސީލް - އެ ޕޯސްޓުގައިވާ ގޮތުން، ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ:

  • އެތައް އަހަރެއް ވަންދެން މެދުނުކެނޑި ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދީފައިވާތީ

  • މިފަހުން، 6 އަހަރާއި 7 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް އަމާޒުކޮށް ހެދި ސާވޭގެ ނަތީޖާއިން އެއްވެސް ކުއްޖަކަށް ބަލި ޖެހިފައިވާ ކަމަށް ނުދައްކާތީ

މީގެ އިތުރުން، މާބަނޑު އަންހެނުން ގަވައިދުން ހެޕަޓައިޓިސް ބީއަށް ޓެސްޓުކޮށް، ބަލި ޖެހިފައިވާ ނަމަ ފަރުވާ ދީ، ވިހެއުމަށް ފަހު ދަރިފުޅަށް ބަލި ފެތުރުނަ ނުދިނުމަށް 'ޕްރިވެންޓެޓިވް ތެރަޕީ' ވެސް ރާއްޖޭގައި މިހާރު ދެމުން އަންނަކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ.

ރާއްޖޭގައި އެ ބަލި ކޮންޓްރޯލް ކުރެވުމުގެ ކާމިޔާބީ ފާހަގަކޮށް، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެޗްޕީއޭ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެނގުން މުހިއްމު - ހެޕަޓައިޓިސް ބީ އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ. ހެޕަޓައިޓިސް ބީ ވައިރަސް (އެޗްބީވީ) އިން ފުރަަމޭ ނުވަތަ ލިވާއަށް ނުރައްކާތެރި އިންފެކްޝަނެއް ޖެހެ އެވެ. ބަލި ޖެހުމުން:

  • ގިނަ ފަހަރަށް ހަ މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ބަލި ރަނގަޅުވޭ

  • ނަމަވެސް، ބައެއް މީހުން ރަނގަޅު ނުވެ، ހެޕަޓައިޓިސް ބީ ދާއިމީ ބައްޔަކަށް ބަދަލުވޭ؛ މިއަށް ކިޔަނީ ކްރޯނިކް ހެޕަޓައިޓިސް

  • ކްރޯނިކް ހެޕަޓައިޓިސް ޖެހުމުގެ ހިރާސް ބޮޑީ ކުޑަކުދިންނަށް

ކްރޯނިކް ހެޕަޓައިޓިސް ހުންނަ ނަމަ، ފުރަމޭ ފެއިލް ވުމާއި ފުރަމެއަށް ކެންސަރު ޖެހުމާއި ސިރޯސިސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ހެޕަޓައިޓިސް ބީން ރައްކާތެރިވުމަށްޓަކައި ޖަހަން ޖެހެނީ އެ ބައްޔަށް ހާއްސަ ވެކްސިނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް